މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައި ވާތީވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އަންގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި ދަތުރު ކުރާއުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕާއި އެފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރަން އެދޭ ކަމަށެވެ. އަދި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި މިންގަނޑަށް ވުރެ މައްޗަށް ބަރުނުކުރުމަށް ވެސް އެދިފައި ވެއެވެ.
އެމްއެންޑީއެފުން ބުނީ ޑައިވް ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަންދީ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ އެފަދަ ކުޅިވަރުތައް ނުރޭއްވުމަށާއި ފަޅުތެރޭގަ އާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށެވެ.
މި ވިއްސާރައިގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް ވެސް މެޓުން ބުނެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.