ވާހަކަ

މިންނުގެ ޑައިރީ

(05 ސެޕްޓެމްބަރ 2017 އާ ގުޅޭ)
އެއްޗެހި ހަމަކުރާ ފަދައިން ބްރީފްކޭސަށް ހުރިހާ އެއްޗެއް އެޅުމާއެކު ފަހު ފަހަރަށް ބަލާލިއެވެ. އަދި އެ ފޮށި ހިފައިގެން ކޮޓަރިން ނުކުންނާން ހިނގައިގަތެވެ. އޭނާގެ ފަހަތުން ހަލުވިކޮށް ހުސްނާ ވެސް އައެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ކޮންފަރެންސް ރޫމުގައި އޮތް ޑޮކްޓަރުންގެ ބޯޑު މީޓިން ނިމުނީއެވެ. އަދި ގައިނީ ޑޮކްޓަރުންގެ މެދުގައި ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުން ވެސް ނިމުމަކަށް އައީއެވެ. ކުއްލި ގޮތަކަށް ބޭއްވި މި ބައްދަލުވުންތަކުގެ ސަބަބަކަށްވީ ހޮސްޕިޓަލަށް ގެނެވުނު އައު ޑޮކްޓަރު ތަޢާރުފްކޮށްދިނުމެވެ.

ޔާނާ ހެދުނު ޑިއުޓީއަށް ނުކުތްއިރު އެހެން ދުވަސް ދުވަހާ ޚިލާފަށް އޭނާގެ މޫނުމަތީގައި ނޭގޭ ހިނިތުންވުމެއް ވިއެވެ. ބަލިމީހުންނަށް އެހީތެރިވުމުގައި އެމީހުންގެ ރުހުން ލިބިފައިވާ ޔާނާ މިއަދު ކޮންމެކަމެއް ކުރިކަމުގައިވިޔަސް އަބަދުވެސް ހުންނަނީ ކޮންމެވެސް ރީތި ލޯބީގެ ލަވައެއްގެ ތަންކޮޅެއް ކިޔާލަ ކިޔާލައެވެ. ނޫނީ އެލަވައެއްގެ ރާގާއެއްގޮތަށް "ހޫނ"އެއް އަޅުވާލާފައެވެ.
މެންދުރުގެ ވަގުތުވެ. ކުރާނެ މާގިނަ ކަންތައްތަކެއް އެގަޑީގައި ނެތުމުން ޔާނާ އިނީ އޭނާގެ އެކުވެރި އަލްޔާ އާއި ވާހަކަދައްކަން ނަރުސް ކައުންޓަރުގައެވެ. އޭރު އެތަނުގައި ބިދޭސީ ނަރުސް ކުއްޖެއް ވެސް އިނެވެ. މިމީހުން ގެ ވާހަކައިގައި ބައެއްފަހަރު އޭނާ ވެސް ބައިވެރިކުރެއެވެ. އަލްޔާ އަކީ ޔާނާ ވަޒީފާއަށް ވަންއިރު ވެސް އެތަނުގައި އުޅޭ ނަރުހެކެވެ. އޭނާގެ ހިތްހެޔޮކަމުން ޔާނާއަށް މިއަދު އެކަމުގެ ފައިދާ ނުހަނު ބޮޑަށް ކުރަމުންދެއެވެ. ޔާނާގެ ޠަބީޢަތަށް ބަދަލުތަކެއް އައިސްފައިވާހެން އަލްޔާއަށް ވެސް ހީވެއެވެ. އެހެންޏާ ހުސްވަގުތުކޮޅެއް ލިބުނަސް ކުރާނޭ މަސައްކަތެއް ޔާނާ ހޯދާނެއެވެ. ދެއަތްއުރާލައިގެން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން ޚިޔާލަކަށް ގެއްލިފައި އިން މީހަކު ފަދައިން ނީންނާނެއެވެ. އެއީ ޔާނާގެ ގޮތެއް ނޫނެވެ. ނަމަވެސް މިއަދު އަލްޔާއަށް ފެންނަނީ ތަފާތު މަންޒަރެކެވެ. ކަމަކާ ނުލާ ވެސް ޔާނާ ހިނިތުންވެއެވެ. ކަމެއްގައި މަޝްޢޫލުވެ އުޅެމުން ވެސް އަނގައިން ރީތި ރާގެއް ލައްވާލަފާނެއެވެ. މިކަންކަމާ ސުވާލު އުފެދި ޔާނާގެ ގާތުން އޮޅުން ފިލުވަން އަލްޔާ ހުރީ ނުހަނު ބޭނުންވެފައެވެ.

"އޭތް! މިއަދު ކޮންކޮޅަކުންތަ އިރު އެރީ؟" ޔާނާގެ މޫނަށް އިރުކޮޅަކު ބަލާން އިނދެފައި އަލްޔާ އަހާލިއެވެ.

"ހާއި!... މިތާ...." އަލްޔާ ބުނި އެއްޗަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ކުއްލިއަކަށް ޔާނާ ބުނެލިއެވެ. އެހިނދު ކައުންޓަރުގައި ތިބި އަލްޔާއާއި ބިދޭސީ ނަރުސްކުއްޖާއަށް ވެސް ބަލާލެވުނީ ޔާނާ މުޚާޠިބު އެކުރީ ކާކާތޯއެވެ. ހެނދުގެ އެ ވަގުތަކީ ޢާންމުކޮށް ކަންތަކުގައި މީހުން އައިސް އުޅޭ ވަގުތެއްނޫނެވެ. ހައިރާންކަންމަތީ ބިދޭސީ ނަރުސްކުއްޖާ އިނެއްކަމަކު އަލްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ޔާނާއަށް ބަދަލުތަކެއް އަންނާން މެދުވެރިވި ސަބަބަކީ ކޮބައިކަން އަލްޔާއަށް އެނގުނީއެވެ. ކައުންޓަރުގެ ކުރިމައްޗަށް ވާގޮތަށް ހުއްޓިލައިގެން ހުރި ދިގު އިސްކޮޅާއި ތެދު ހަށިގަނޑުގެ ވެރިޔާއަށް އަލްޔާގެ ނަޒަރު ވެސް ހުރީ ހުއްޓިއެވެ. އޭރު ޔާނާގެ ހަރަކާތްތައް އަވަސްވެފައި ވެއެވެ. އޭނާ ތެދުވެގެން ކައުންޓަރުގެ ބޭރަށް ނުކުންނަނީއެވެ.

"ޒޭން!... މިގަޑީގައި ކީއްކުރަނީ، ބައްޕަ ގާތުގައި ވެސް އެބައިނެއްނު މީހަކު... އޯމައިގޯޑް!... ހާދަ އޮފިޝަލް ލުކްއެއްގައި" ޒޭން އަރާފައި ހުރި ބޫޓުން ފެށިގެން އޮމާންކޮށްލެވިފައި ބޮލުގެ އިސްތަށިގަނޑާ ހަމައަށް ޔާނާ ނަޒަރު ހިންގާލިއެވެ. މީގެ ކުރީން ޓީޝާޓަކާއި ޖިންސެއްގައި ނޫނީ ސޯޓުބުރިއެއްގައި ނޫނީ ފެނިފައިނުވާ ޒޭން ކުއްލިއަކަށް އޮފީސް ހެދުމެއްގައި ފެނުމުން ޔާނާ ހައިރާންވީއެވެ. ސުވާލު ކުރުމަކާ ނުލާ ޔާނާ ނިންމީ ޒޭން އެ އައީ ކޮންމެވެސް އޮފީހަކުން ކަމެވެ.

"ކަމް... ގޮޓް އަ ސަޕްރައިޒް ފޯ ޔޫ" ޒޭން ވެސް ހިނިތުންވެލަމުން ބުނެލިއެވެ.

ކައުންޓަރުގައި ތިބި ނަރުސް ކުދީން ބަލާތީ ޔާނާ ގޮވައިގެން ޒޭން އެއްފަރާތަށް ޖެހިލިއެވެ. އަދި އޭނާ ފުރަގަހަށް ލައިގެން ހުރި ދެއަތް ކުރިމައްޗަށް ގެނައުމާއެކު ޔާނާއަށް އިތުރުވެގެން ދިޔައެވެ. ޒޭންގެ އެއް އަތުން ކުޑަ ބްރީފްކޭސްއެއް ހިފަހައްޓާލައިގެން ހުރިއިރު އަނެއްއަތުގައި ވަނީ ބަލިމީހުން ބަލާން ޑަކްޓަރުން ގެންގުޅޭ ފަދަ ކަށިގަނޑެކެވެ. ކުއްލިއަކަށް މީކާކު ބާއޭ ވެސް ޔާނާގެ ހިތަށްއެރިއެވެ.

"މީކޮންކަމެއް..." ޔާނާ އިޝާރާތްކޮށްލީ ޒޭންގެ އަތުގައި އޮތް "ސްޓެތޮސްކޯޕް"އަށެވެ.

"އައި ގޮޓް މައި ޖޮބް" ޒޭން ދެއަތްދުރުކޮށްލަމުން ދެކޮނޑު ހިއްލާލާފައި ބުނެލީ ހިނިއައިސްފައި ހުރެއެވެ.

"ސިރިއަސްކޮށްތަ؟ ތީ ޑޮކްޓަރެއްތަ؟ ނުވެސް ބުނަމެއްނު" ޔާނާ އަދިވެސް ހުރީ އަޖައިބުވެފައެވެ.

"ޔާނާ ސަޕްރައިޒްކޮށްލީ އޭ. މިއަދު ޖޮއިންވީ. ބްރޭކް ވީމަ މި އައީ ޔާނާ ގާތަށް. ކުރީން ވެސް ހީވި ޔާނާގެ ރިއެކްޝަން ހުންނާނީ ތިހެން ހެން" ޒޭން ހެމުން ބުނެލިއެވެ.

"ކޮން ބައެއްގަ ވޯކް ކުރަނީ، މިބުނީ ކޮންކަހަލަ ޑޮކްޓަރެއްހޭ ތީ" މަޢުނަވީ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން ހުރެ ޔާނާ އަހާލިއެވެ.

"ހިތުގެ ޑޮކްޓަރެއް" ޒޭން ނިކަން ފަސޭހައިން ބުނެލިއެވެ. އެއާއެކު ޔާނާ ފެށީ ހޭށެވެ. ޒޭން ވެސް ހިނިގަނޑެއް ޖަހާލިއެވެ.

"އަސްލުތަ؟ ކާޑިއޯލޮގިސްޓެއްތަ؟" ޔާނާ ހުނުންގަނޑު މައިތިރިކުރަމުން ބުނެލިއެވެ.

"ނޮޓް ރިއަލީ" ޒޭން އޭރުވެސް ހެނީއެވެ.

"ދެން ބުނެބަލަ ސީރިއަސްކޮށް" ޔާނާ ބުނެލީ ސަމާސާ ނުކުރާށޭ ބުނާ ފަދައިންނެވެ.

"ގައިނީ ޑޮކްއެއް. ދިސް ޓައިމް ހަމަ ތެދަށް މި ބުނީ... ކަމަކު ނުދޭ ދޯ" ޒޭން އަހާލިއެވެ.

"އޯ ގަދަ!.. ގައިނީ ވަމުން ކޮބާ މައްސަލައަކީ. އަހަރެން ހީވެސް ނުކުރަން ތީ ޑޮކްޓަރެކޭ. އަސްލު ވެސް ވަރަށް ސަޅި އިނގޭ. އަދި ބުނަންތަ؟ ތިހެން ޑްރެސްކޮށްފައި ހުންނައިރު ޒޭން ވަރަށް ސްމާޓް އިނގޭ" ޔާނާ ބުނެލިއެވެ.

"ހަމައެކަނި ސްމާޓީތަ؟" ދެބުމަ ކައިރިކޮށްލާފައި ޒޭން އަހާލީ ތަފާތު މާނައެއްގައެވެ.

"ދެން... ވަރަށް ހެންޑްސަމް" ޔާނާ ރަކިގޮތަށް ހީނލިއެވެ. އެ ހީނލުމުގައި ޒޭން ވެސް ބައިވެރިވިއެވެ.

* * * *

ޒޭނާއި ޔާނާގެ ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާވެގެން ފެށުނު ގުޅުން އެދުވަހަށްފަހު ދިޔައީ ގާތްވަމުންނެވެ. އެއްތަނެއްގައި މަސައްކަތް ކުރަން ޖެހުމާއެކުއެވެ. މުޅި ހޮސްޕިޓަލުގައި މަސައްކަތްކުރާ އެންމެ އުމުރުން ޅަ ޑޮކްޓަރަށް ޒޭންވަނީ ވެފައެވެ. ޒޭނާއި ޔާނާއާ ދެ މީހުން އެކުގައި ހޭދަކުރާ ވަގުތުތައް ގިނަވިއެވެ. މިހެން ވުމުގެ ސަބަބުން ޒޭންގެ ހަޔާތުގެ ބޮޑުބައެއް ޔާނާއަށް އެނގޭކަށް މާގިނަދުވަހެއް ނުނެގިއެވެ. ޔާނާގެ ރަޙްމަތްތެރިންގެ ފަރާތުން ޝަކުވާތަށް އަންނަންފެށީ އެހިސާބުންނެވެ. އެއީ އެމީހުންނަށްދެވޭ ވަގުތުތައް މަދުވުމުންނެވެ.

ވަޒީފާއަށް ނުކުންނާން ފެށުމާއެކުހެން ޒޭން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ކުރީ މާލޭގައި ހިނގާއުޅެން ދަސްކުރުމެވެ. މަގުތަށް ދަސްކުރުމެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ގޭގައި އުޅުނު ޖަމީލުގެ ފަރާތުންނެވެ. މަސްދުވަސް ހޭދަވެގެން ދިޔައިރު ޒޭންއަށް އެކަނި ތަންތަނަށް ދާން އެނގެއެވެ. ނުގެއްލި އަމިއްލަ ގެއަށް އަންނާން ދަސްވިއެވެ. އެއާއެކު އޭނާ ޑްރައިވިން ސްކޫލަކާއި ގުޅުނީ ކާރު ދުއްވުމުގެ ލައިސެންސް ނެގުމަށެވެ. އެކަންތައް ވެސް ހަފްތާއެއްގެ ތެރޭ ނިމުނީ ކުރީން ވެސް ޒޭނަށް ކާރު ދުއްވަން އެނގޭތީއެވެ. ބައްޕަ ހައިކަލްގެ ހުއްޓިފައިވާ ވިޔަފާރި އަލުން ފެއްޓުމުގެ ހުވަފެން ވެސް ޒޭން އައީ ދެކެމުންނެވެ. އެކަމަކު ޒޭންގެ އެންމެ ބޮޑު ހިތާމައަކީ މިހުރިހާ ދުވަހެއް ދެކެން ބައްޕަ ހެޔޮހާލުގައި ނެތްކަމެވެ. ކޮންމެ ދުވަހަކު ޒޭން ހައިކަލްގެ ގާތުގައި ވަގުތު ހޭދަކުރެއެވެ. ޒޭންގެ ބަދަލު ވަމުންދާ ހަޔާތުގެ ވާހަކަތައް ކޯމާގައި އޮތް ހައިކަލްއަށް ކިޔާދެއެވެ.

* * * *

ޔާނާގެ އުޅުމަށް ވެސް ބަދަލުތަކެއް އަންނަމުން ދާކަން އަޒާނަށް ފާހަގަކުރެވެންފެށިއެވެ. ނަމަވެސް ޔާނާއަކީ ފުރާފުރިހަމަވެ ތަސައްރަފު ފުދިފައިވާ އަންހެން ކުއްޖަކަށްވުމާއެކު މިފަދަ ކަންތައްތަކާއި މިއަދު ނޫނީ މާދަން ކުރިމަތިލާން ޖެހޭނެކަން އަޒާނަށް އެނގެއެވެ. ޔާނާގެ ފަރާތުން އިވެމުންދާ ވާހަކަތަކުގައި އަބަދުވެސް ފާހަގަކުރެވޭ އެއްނަމެއް އަޒާންގެ ސިކުނޑީގައި ހަރުލަމުންދިޔައެވެ. އެއީ ޒޭނެވެ. ދަރިފުޅަށް އަޒާން ވަރަށް އިތުބާރުކުރެއެވެ. ގޯސް ވިޔާނުދާ ޢަމަލެއް ނުކުރާނެކަމުގައި އަޒާން ޤަބޫލުކުރެއެވެ. ޔާނާއަށް ދިން ތަރުބިއްޔަތަކީ އެފަދަކަމަކަށް ހުރަސްއަޅާނޭފަދަ އެއްޗެއްކަން އޭނާއަށް އެނގެއެވެ. ޔާނާއަކީ އަޒާންގެ ދެލޮލުގެ ނޫރެވެ. އޭނާގެ ހަޔާތުގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އަޒާން އެހާ ވެސް އެ ދަރިފުޅު ލޯބިވެއެވެ.

* * * *

ދެދުވަހުގެ އޮފެއް ޒޭނަށް ލިބުމުން އޭނާ އުޅުނީ ގަރާޖުގައި އޮތް ކާރުގެ މަސައްކަތުގައެވެ. ގިނަ ދުވަސްތަކެއް ވާންދެން ބޭނުންނުކޮށް ބާވައިފައި އޮތް އެ ރަތް ކާރުގެ ކަވަރުގައި ހިރަފުސްވަނީ ބޯވެފައެވެ. ޒޭން ގަރާޖުގެ ދޮރު މައްޗަށް ހިއްލާލުމާއެކު ކާރުގެ ކަވަރު ފޮތިގަނޑު ނެގިއެވެ. ކޮންމެވެސް ވަރަކަށް ކާރުގައި ހިރަފުސްހުރި ކަމުގައިވިޔަސް އެއީ މީހަކު ރީތިކޮށް ބަލަހައްޓާކާރެއްކަން އެއަށް ބަލާލުމުން ވެސް އެނގެއެވެ. ފުދޭވަރަކަށް ކުރީގެ މޮޑެލްއެކެވެ. އެކަމަކު ވެސް މިޒަމާނަށް ފެތޭކަހަލަ ގޮތްތަކެއް އެކާރުގައި ހުރިކަން ޒޭނަށް ފާހަގަ ކުރެވުނެވެ. އެހެންނޫނަސް ކާރު ފަދަ ތަކެތި ގިނަދުވަސް ވުމީ އޭގެ އަގުމައްޗަށް ދާކަމެކެވެ.

ޒޭން ކާރުގެ ދޮރުފަތް ހުޅުވާލާފައި ޑްރައިވަރުގެ ސީޓުގައި އިށީނެވެ. އަދި ހުންގާނުބުރުގައި ދެއަތުން ހިފަހައްޓާލިއެވެ. ޒޭންގެ ތުންފަތަށް ހިނިތުންވުމެއްވެރިވެގެން ދިޔައެވެ. މިއަދު އޭނާ އެ އިނީ ހައިކަލްގެ އެންމެ ޚާއްޞަ ކާރުގައެވެ. ޒޭންގެ ގާތުގައި ހައިކަލް ހުރިނަމަ އޭނާގެ އަތުން ޒޭނަށް އެ ކާރުގެ ތަޅުދަނޑި ހަވާލުކުރާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ދޫކޮށްލި ފިނިނޭވާއާއެކު ޒޭން ކާރުން ފޭބިއެވެ.

މަގުމަތިން ހިނގާފައި ދާ ކޮންމެ މީހަކު އެ ގަރާޖަށް ކަޅިއެއް އެއްލައެވެ. ޒޭން ފެންހޮޅިއެއް ހިފައިގެން ކާރު ދޮވުމުގައި އުޅޭތަނަށެވެ. ކަންފަތަށް ޖަހާލައިފައި ހުރި އައިޕޮޑްގެ އިއަރ ޕުލަގުން ޕޮޕް އިގިރޭސި ލަވައެއްގެ އަޑު ބޭރަށް ވެސް ކުޑަކޮށް އިވިއިވި ހުއްޓެވެ. ލަވަ ޖަހާފައި ހުރީ އެހާބާރަށެވެ. ޒޭންގެ ކޮންމެ ފިޔަވަޅަކާއި ކޮންމެ ހަރަކާތެއް ވެސް ހީވަނީ މިއުޒިކުގެ ބީޓާ އެއްވަރަށް ނަގަމުން ދާހެނެވެ. ލާފައި ހުރި އަތްކެނޑި ޓީޝާޓުގެ ސަބަބުން ޒޭންގެ ދެއަތް ހާމަވެފައި ވެއެވެ. ކާރު ދޮންނަމުން ދިޔައިރު އެ ދެއަތުގެ ހަރަކާތްތަކުން ދެއަތުގެ މަސްތައް އުފުލި ވާންގެންދެއެވެ. އެ ދެއަތުގެ ބާރު ތަސައްވުރުކޮށްދެމުންނެވެ. މުޅި މީހާ ދަލުން ފެންވަރަމުން ދާ ކަހަލައެވެ. ނިތްކުރީގައި އޮޅާލާފައި އޮތް ސްކާޕެއް އައްސާލާފައި އޮތީ ދަލުގެ އަސަރު ދެ ލޮލަށް ކޮށްފާނެތީ ކަހަލައެވެ. ދުރުން ބަލާލާއިރު ޒޭނެކޭ އިނގިރޭސި ފިލުމުތަކުގައި ފެންނަ ފަދަ ހީރޯއެކޭ ތަފާތެއްނެތެވެ. ކާރުދޮވުމުގައި އުޅުނުއިރު އޭނާގެ ހަރަކާތްތައް ބަލާން ހުންނަ އަންހެންކުއްޖެއްގެ ހިތް އަވަސްކުރުވާނެކަން ޔަގީނެވެ. އަވީގައި ޖެހޭތީވެ ހަށިގަނޑަށް ހުރީ ބޮރޮންޒުކުލައެއް ވެރިވެފައެވެ. މުތީތަކެއްހެން ދެއަތުގައި ދާތިކިތައް ވިދާވިދާ ހުއްޓެވެ. ކުއްލިއަކަށް ލައިގެން ހުރި ސޯޓުގެ ޖީބުގައި އަތްޖައްސާލިއެވެ. ފޯނު ވައިބަރޭޓު ވާހެން ހީވެގެންނެވެ. ޒޭން ފޯނުނަގާ ބަލާލިއެވެ. ކޯލެއް މިސްވެފައި އޮތްތަން ފެނުމުން ފެންއިސްކުރު ބަންދުކޮށްލައި ހޮޅި ގެނެސް އިސްކުރުގައި އަޅުވާލިއެވެ. އަދި އައިޕޮޑުން ޖަހަމުން ގެންދިޔަ ލަވަ ނިއްވާލާފައި ފޯނު ހުޅުވާލިއެވެ. ޔާނާޣެ ކޯލެއްކަން އެނގުމުން ޒޭންގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

"ހޭ! ޔާން... އައިޕޮޓް ޖަހައިގެން ހުރީމަ ފޯނުކޯލެއް އައިކަން ނޭނގުނީ... ސޯ ޓެލް މީ... ވަޓް ހެޕަން؟" ވަގުތުން ޔާނާއަށް ޒޭން ގުޅީއެވެ.

"ބިޒީތަ؟" ޔާނާ އަހާލިއެވެ.

"ބިޒީއެއްނޫން. މިއަދު އޮފޭ ބުނީމެއްނު" ޒޭން ބުނެލިއެވެ.

"ވަރަށް ފޫހިވެގެން މިއުޅެނީ، އަލްޔާ ވެސް ނެތް މާލެއަކު... ނެއްތަ ކަމެއް؟" ޔާނާގެ އަޑުގައި ވެސް ފޫހިކަމެއް އެކުލެވިފައިވެއެވެ.

"އަހަރެން... ކަމެއް ދޯ... ހިނގާ ކަމެއް ބާއްވަމާ. ކޮންކަހަލަ ކަމެއް ބާއްވާނީ؟" ހިނިގަނޑަކާއެކު ޒޭން ބުނެލިއެވެ.

"ދެން ނޭނގެ، ޒޭން ބުނެބަލަ. ގޭގަ އޮވެއޮވެ ފޫހިވެގެން މިގުޅީ. މިއަދު ގަންނަން ދިޔަ ވާހަކަފޮތް ވެސް ނުލިބުނު، ވަރަށް ފޫހިވޭ..." ޔާނާ ބުނެލިއެވެ.

"ހެހެހެ...ތިހާ ފޫހިނުވެބަލަ!... އެބައޮތް ގޮތެއް. ޔާން މިގެއަށް އަންނަންވީނު" ޒޭން ބުނެލިއެވެ.

"ތިގެއަށޭ!... އޭރުން ނޯ..." ޔާނާއަށް ބުނެލެވުނެވެ.

"ކީއްތަވީ؟ މެންދުރުގެ އަވިގަނޑުގައި ދާނީ ވަކި ކޮންތާކަށް... ސޯ ކަމް ވިސިޓްމީ. އާދޭ މިގެއިން ލަންޗު ނަގަން" ޒޭން ބުނެލިއެވެ. އޭނާ ގަރާޖުން ބޭރަށް ނުކުމެ އުޑުމައްޗަށް ބަލާލީ އަވީގެ ދިލަހޫނު އިހްސާސް ކޮށްލުމުގެ ބޭނުމުގައެވެ.

"އަޅެ ދެން!... ނުކެރޭނެ ޒޭންމެންގެއަށް ދާކަށް" ޔާނާ އަވަސް އަވަހަށް ބުނެލިއެވެ.

"އެއީ ކީއްވެ؟ އެނގެއެންނު މިގޭގައި ނޫޅޭނެކަން ގިނަ މީހުންނެއް، އަނެއްކާ ދައްތަ ވަރަށް އުފާވާނެ ޔާނާ ފެނުމުން... ތައްޔާރުވޭ!... މިދަނީ ބަލާ" ޒޭން ބުނެލިއެވެ.

"ޒޭން..." ޔާނާއަށް އެއްޗެކޭ ނުބުނެވެނީސް އޭނާ ބަލާ އަންނަނީ ކަމުގައި ބުނެ ޒޭން ފޯނުކޯލު ކަނޑާލިއެވެ. (ނުނިމޭ)