ދުނިޔެ

ރޮހިންޔާ މީހުން ދިޔަ ނުދޭން ބޯޑަރުގައި މައިން އަޅަނީ

މިޔަންމާގެ ރަކީންް ސްޓޭޓްގައި އަނިޔާ ލިބެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ގައުމު ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަ ކުރިޔަ ނުދިނުމަށް މިޔަންމާ ސިފައިން ސަރަހައްދީ ރޮނގުގައި މައިން އަޅަން ފަށައިފި އެވެ.

ބީބީސީ ބުނީ ސަރަހައްދީ ރޮނގުގައި މައިން އަޅާތީ އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުން ބަންގްލަދޭޝްގައި ހުންނަ މިޔަންމާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރަން ބަންގްލަދޭޝް ސަރުކާރުން ނިންްމާފައިވާ ކަމަށެވެ. އަދި ބުނީ މައިން ގޮވުމުގެ ސަބަބުން ޒަހަމްވެފައިވާ ބައެއް މުސްލިމުން ބަންގްލަދޭޝްއަށް އައިސްފައި ވަނިކޮށް ބީބީސީގެ ރިޕޯޓަރުންނަށް ވެސް ފެނިފައިވާ ކަމަށެވެ.

ނަމަވެސް މިޔަންމާ އަސްކަރިއްޔާއިން ބުނެފައި ވަނީ މި ފަހުން އެއްވެސް ލޭންޑް މައިން އެއް އަޅާފައި ނުވާނެ ކަމަށެވެ.

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން މަރައި ގެދޮރު އެންދުމުގެ އާ ކެމްޕޭނެއް މިޔަންމާ ސިފައިން ފެށީ އަހަރު ތަކެއް ވަންދެން އެފަދަ އަނިޔާގައި އުޅެފައިވާ މުސްލިމުން އުފެެއްދި ހަނގުރާމަވެރި ގްރޫޕަކުން މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު މިޔަންމާ ސިފައިންނަށް ހަމަލާތަކެއް ދިނުމުންނެވެ. އެހަމަލާތަކަށް ފަހު މިޔަންމާ ސިފައިން ދިން ހަމަލާތަކުގައި މުސްލިމް އާއްމުންގެ އެތައް ސަތޭކަ މީހުންނެއް މަރައި ބައެއް އަވަށްތައް ވަނީ މުޅިން އަންދާލާފައެވެ.

އދ. އިން ބުނީ މިފަހަރުގެ ހަމަލާތަކާ ގުޅިގެން ރޮހިންޖާ ދަރިކޮޅުގެ 146000 މީހުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ކަމަށެވެ.