ދުނިޔެ

ނޫސްވެރިޔާ މަރައިލުމުން އިންޑިއާގެ ކަންކޮޅުތަކުގައި މުޒާހަރާކޮށްފި

އިންޑިއާގެ ކަނާތު ފިޔައިގެ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ލިއުންތައް ލިޔަމުން އައި ނޫސްވެރިއެއް ކަމަށްވާ ގޯރީ ލަންކޭޝްގެ ގަޔަށް ބަޔަކު ބަޑި ޖަހައި މަަރައިލުމުން އެކަމާ ނުރުހުން ފާޅު ކުރުމަށް އެގައުމުގެ ބޮޑެތި ބައެއް ރަށްތަކުގައި މުޒާހަރާކޮށްފިއެވެ.

ދަ ހިންދޫ ނޫހުން ބުނީ ލަންކޭޝްގެ މަރާ ގުޅިގެން ވެރިރަށް ނިއުދިއްލީގެ އިތުރުން މުންބާއީ އާއި ހައިދަރު އާބާދު، ތިރުވަންތަޕޫރަމް އަދި ކަލްކަތާގައި ވެސް އިއްޔެގައި މުޒާހަރާތައް ބޭއްވި ކަމަށެވެ.

ގޯރީ ލަންކޭޝްގެ ގަޔަށް ބަޑި ޖަހައި މަރާލާފައި އޮއްވާ ފެނުނީ އަންގާރަ ދުވަހުއެވެ. އޭނާ މަރާލާފައި އޮތީ ކަރްނާޓަކާ ސްޓޭޓްގެ ވެރިރަށް ބެންގަލޫރުގައި އޭނާ ދިރިއުޅުނު ގޭގެ ބޭރުގައެވެ.

ލަންކޭޝްއަކީ އިންޑިއާގައި އޮންނަ ކަނާތު ފިޔައިގެ ހަރުކަށި ވިސްނުންތަކާއި އެ ވިސްނުން ގެންގުޅޭ ސިޔާސީ ޖަމާއަތްތަކާ ދެކޮޅަށް ބިރެއް ނެތި ލިޔެ އުޅުނު ނޫސްވެެރިއެކެވެ. އޭނާއަކީ ހަފުތާ މަޖައްލާއެއްގެ އެޑިޓަރެއް މެއެވެ. އަބުރު ނަގައިލުމުގެ ޖިނާއީ ދައުވާއެއް މިދިޔަ އަހަރު އޭނާއަށް ސާބިތުވިއެވެ. އޭނާ މަރައިލި ވަކި ސަބަބެއް އަދި ހޯދިފައި ނުވިޔަސް އެެއީ ނޫސްވެރިކަމަށާއި ހިޔާލު ފާޅުކުރުމުގެ މިިނިވަންކަމަށް ދިން ހަމަލާއެއްގެ ގޮތުގައި އިންޑިއާގެ ނޫސްވެރިންނާއި ސިޔާސީ ބައެއް ލީޑަރުން އަންނަނީ ސިފަކުރަމުންނެވެ.

ކަނާތު ފިޔައިގެ ހަރުކަށި ވިސްނުމާ ދެކޮޅު ނޫސްވެރިއެއްގެ ހައިސިއްޔަތުން އޭނާ ވެފައި ވަނީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ( ބީޖޭޕީ) އިން ވެސް ނުރުހޭ މީހަކަށެވެ.