ނައިފަރު

މިއަންމާ މުސްލިމުންނަށް އަނިޔާ ލިބޭތީ ނައިފަރުގައި ހިނގާލުމެއް

މިޔަންމާގެ ރަކީން ސްޓޭޓްގައި އެ ގައުމުގެ ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް ޅ. ނައިފަރުގައި ހިނގާލުމެއް ބާއްވާ، ދުއާއެއް ކުރަން ނިންމައިފި އެވެ.

ނައިފަރުގެ މުއައްސަސާތަކާއި ޖަމިއްޔާ، ޖަމާއަތްތައް ގުޅިގެން "ރޮހިންޔާގެ މުސްލިމުންނާއިއެކު ނައިފަރު ރައްޔިތުން" ގެ ނަމުގައި ބާއްވާ ހިނގާލުން ފަށާނީ މިއަދު ހަވީރު އެވެ. އެ ހިނގާލުން ކުރިޔަށް ދާނީ އެ ރަށުގެ ބޮޑެތި މަގުތަކުގަ އެވެ.

ހިނގާލުން އިންތިޒާމް ކުރާ އައިޑިއަލް މޮމަންޓްސް އިން ބުނީ ރޮހިންޔާގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާ އާއި ދެކޮޅުކަން ހާމަ ކުރުމަށާއި އެ މުސްލިމުންނާ އެކުގައި ތިބިކަން ހާމަ ކުރަން ހިނގާލުމުގައި ބައިވެރިން ކަޅާއި ރަތް ކުލަ ބޭނުން ކުރާނެ ކަމަށެވެ. އަދި ނިންމާލުމަށް ފަހު ހާއްސަ ދުއާއެއް ކުރާނެ ކަމަށެވެ.

މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު މިޔަންމާ ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކުގެ ބަހަނާއަކީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ (އޭއާރްްއެސްއޭ) ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕުން ދިން ހަމަލާތަކެވެ. އެ ހަމަލާތަކަށް ފަހު މިޔަންމާ ސިފައިންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުން އަވަށްޓެރި ބަންގްލަދޭޝްއަށް ދިޔަ މުސްލިމުންގެ އަދު ވަނީ 90،000 އަށް ވުރެ މަތިވެފައެވެ. އޭގެ އިތުރުން އެތައް ހާސް މީހުންނެއް ބަންގްލަދޭޝްއާ މިޔަންމާ ގުޅޭ ހިސާބުގައި ތާށިވެފައި އެބަތިއްބެވެ. އެމީހުން ތިބީ ކާނާއާއި ބޯފެނަށް ޖެހިފައެވެ.