ހަބަރު

އަންގާރަ ދުވަހަށްފަހު މޫސުން ރަނގަޅުވާނެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުގެ ވެދާ ފޯކާސްޓަރަކު މިއަދު އަވަސްއަށް ވިދާޅުވީ، ފެށޭ ހަފުތާގެ އަންގާރަ ދުވަހާ ނިޔަލަށް ވިއްސާރަވާނެ ކަމަށެވެ. އަންގާރަ ދުވަހާ ހަމައަށް ރާއްޖެއަށް ވައި ވެސް ގަދަވާނެ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވިއްސާރަވި ނަމަވެސް، ވާރޭވެހޭ ނިސްބަތް މިއަދުން ފެށިގެން މަދުވެގެން ދާނެ ކަމަށް ފޯކާސްޓަރު ވިދާޅުވި އެވެ.

"އަންގާރަ ދުވަހުގެ ފަހުން މޫސުން ރަނގަޅުވާން ފަށާނެ، ވައި ވެސް އެވްރަޖް ގޮތެއްގައި އަންގާރަ ދުވަހުގެ ނިޔަލަށް ގަދަވާނެ، ވިއްސާރަ ވެސް ކުރާނެ،" ފޯކާސްޓަރު ވިދާޅުވި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވެ، ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް އެ އޮޮފީހުން ބުންޏެވެެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން އިއްޔެ ބ. ދަރަވަންދޫއަށް 127 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި 50 މޭލާއި 47 މޭލު ބާރު މިނުގައި އެ ރަށަށް ވައިގަދަ ވެފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އޭގެ އިތުރުން ހދ. ހަނިމާދޫއަށް 52 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވެ އެވެ.

މިއަދަކީ އުތުރަ ނަކަތުގެ އެއްވަނަ ދުވަހެވެ. އުތުރަ ނަކަތަކީ ހުޅަނގު މޫސުމުގެ 12 ވަނަ ނަކަތެވެ. މި ނަކަތަކީ ހުޅަނގު އުތުރުން ބާރަށް ވައިޖެހޭ ނަކަތެކެވެ.