ދުނިޔެ

ސޫރިޔާގައި ކެމިކަލް ހަތިޔާރު ހަދާ ތަނަކަށް އިޒްރޭލުން ހަމަލާ ދީފި

ސޫރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު އުފައްދާ ތަނަކަށް އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓްތަކުން ހަމަލާ ދީފި އެވެ.

ސޫރިޔާގެ އަސްކަރީ ބާރުތަކާ ހަވާލާދީ ބީބީސީ ބުނީ އިޒްރޭލުން ހަމަލާ ދިނީ އެ ގައުމުގެ ހުޅަނގުގައިވާ އަސްކަރީ މަރުކަޒަކަށް ކަމަށެވެ. އެ ހަމަލާތަކުގައި ސޫރިޔާ ސިފައިންގެ ދެމީހުން މަރުވި ކަމަށް ވެސް ބުންޏެވެ.

އަރަބި ނޫސްތަކާއި ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ގްރޫޕްތަކުން ބުނީ އިޒްރޭލުން ދިން ހަމަލާތަކުގެ ތެރެއިން ބައެއް އަމާޒުވީ ކެމިކަލް ހަތިޔާރު އުފައްދާ ކާރުޚާނާއަކަށް ކަމަށެވެ. ނަމަވެސް އެހަމަލާ ތަކާބެހޭ ގޮތުން އިޒްރޭލުން އަދި ބަހެއް ނުބުނެ އެވެ.

ލުބުނާނުން ބުނީ ސޫރިޔާއަށް ހަމަލާދިން އިޒްރޭލުގެ މަތިންދާބޯޓްތައް ގަވައިދާ ހިލާފަށް ލުބުނާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަަމަށެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ވަނީ އެގައުމުގެ އާއްމުންނާ ދެކޮޅަށް އެކި ފަހަރު މަތިން ނުރައްްކާތެރި ކެމިކަލް ހަތިޔާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން މިއަހަރުގެ އޭޕްރިލްމަހު ދިން ހަމަލާއެއްގައި 83 މީހުން މަރުވި އެވެ. އެ ހަމަލާގައި ނުރައްކާތެރި ބާވަތެއް ކަމަށްވާ ސެެރިން ބޭނުންކޮށްފައިވާ ކަން ތަހުގީގު އެނގިފައިވާ ކަމަށް އދ. އިން ބުނީ އިޒްރޭލުން ސޫރިޔާއަށް ހަމަލާ ދިނުމުގެ އެއް ދުވަސް ކުރިންނެވެ.

ސޫރިޔާ ހަނގުރާމައަށް ހަ އަހަރު ވީ އިރު އެ ހަނގުރާމައިގައި 470000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އަސަދުގެ ސިފައިން ދިން އެޅި ބޮންތަކުގެ ސަބަބުން މަރުވި މީހުންނެވެ.