ކުޅިވަރު

އެޓްލެޓިކޯ މެޑްރިޑްގެ އާސްޓޭޑިއަމް ފުރަތަމަ މެޗަށް ތައްޔާރު

ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑްގެ އާ ސްޓޭޑިޔަމް ކަމަށްވާ ވަންޑާ ސްޓޭޑިޔަމްގެ މަސައްކަތް ނިމި އެ ސްޓޭޑިއަމް ހުޅުވަންތައްޔާރިވެއްޖެ އެވެ. އެޓްލެޓިކޯގެ ސްޓޭޑިޔަމް އަކީ 240 މިލިޔަން ޔޫރޯ ހަރަދުކޮށްގެން ނިންމާފައިވާ ސްޓޭޑިޔަމްއެކެވެ. ޔޫއެފްއާ އެލީޓް 4 ތަރީގެ މިސްޓޭޑިއަމް ވެގެންދާނީ މިހާރު ސްޕެއިންގައި ހުރި އެންމެ ޒަމާނީ ސްޓޭޑިޔަމްއަށެވެ.

1994 ވަނަ އަހަރު އެސްޓާޑިޔޯ އޮލިމްޕިކޯގެ ނަމުގައި ހުޅިވި މި ސްޓޭޑިއަމް ވަނީ 2004 ވަނަ އަހަރު ބަންދުކޮށްފައެވެ. 1996 ވަނަ އަހަރުގެ ސްޕެނިޝް ސުޕާ ކަޕްގެ ފައިނަލްގައި އެޓްލެޓިކޯ ވަނީ ބާސާގެ މައްޗަށް މި ސްޓޭޑިޔަމްގައި ކާމިޔާބު ހޯދާފައެވެ.

67000 މީހުންގެ ޖާގައިގެ މި ސްޓޭޑިޔަމްގައި 79 ވީއައިޕީ ބޮކްސްގެ އިތުރުން 4000 ކާރު ޕާކުކުރެވޭނެއެވެ. މިއަހަރުގެ ސީޒަންގެ 45000 ސީޒަން ޓިކެޓުވެސް ވަނީ މިހާރު ވިކިފައެވެ. އެޓްލެޓިކޯ މިސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗުގައި ނިކުއްނާނީ ސެޕްޓެމްބަރު 16 ވަނަ ދުވަހު މަލަގާއާއި ދެކޮޅަށެވެ.