ކުޅިވަރު

މައްސަލަ ޖެހުނު މެޗު އަލުން ނުކުޅެން ދެކުނު އެފްރިކާއިން އެދެނީ

ސެނަގާލް އާއި ދެކުނު އެފްރިކާ ކުޅުނު މެެޗު އަލުން ކުޅެން ފީފާއިން އަންގާފައި ވަނިކޮށް ދެކުނު އެފްރިކާއިން އެނިންމުން އަންބުރާ ގެދަން އެދިފާނެކަމަށް ބެލެވިއްޖެ އެވެ.

މިދިޔަ އަހަރު ނޮވެންބަރު މަހު ދެކުނު އެފްރިކާއިން ސެނެގާލްގެ މައްޗަށް 1-2 ކުރި ހޯދި މެޗަށްފަހު އެމެޗުގެ ރެފްރީ، ގާނާގެ ޖޯސެފް ލެމްޓޭ ވަނީ އުމުރު ދުވަހަށް ސަސްޕެންޑްކޮށްފައެވެ. ފީފާއިން ބުނާ ގޮތުގައި މިމުޗުގެ ރެފްރީ ވަނީ ވަކި ކޮޅަކަށް ފައިދާ ވާގޮތަށް ނިންމުންތައް ނިންމާފައެވެ.

ދެކުނު އެފްރިކާ އަދި ސެނެގާލް އިންވެސް މެޗު ވަކިކޮޅަކަށް އަނބުރަން މަސައްކަތް ކޮށްފައިނުވާކަމަށް ފީފާއިންވަނީ ބުނެފައެވެ. ދެކުނު އެފްރިކާގެ ފުޓުބޯޅަ އިދާރާގެ ގާނޫނީ ވަކީލް ބުނެފައިވަނީ މިމެޗްގެ ނަތީޖާ ބަދަލުކޮށްލުމަށް ޓަކައި މިމެޗާއި ސީދާ ގުޅުންނެތް ބަޔަކު ރެފްރީއަށް ރިޝްވަތު ހުށައަޅާފައިވާކަމަށެވެ.

މިމެޗު ބޮޑު މައްސަލައަކައް ވެގެންދިޔަ އެންމެ ބޮޑު ސަބަބަކީ ސެނެގާލްގެ ޑިފެންޑަރެއްގެ ކަކުލުގައި ޖެހުނު ބޯޅައެއް ރެފްރީ ޕެނެލްޓީއެއްގެ ގޮތުގައި ދެއްކުމުނެވެ. މިނިންމުން ރެފްރީ ނިންމި އިރު ދެކުނު އެފްރިކާގެ ކުޅުންތެރިން ސެނެގާލް ޑިފެންޑަރު އަތުގައި ބޯޅަ ޖެހުނުކަމަށް ރެފްރީއަށް އެޕީލްކޮށްފައިވެސް ނުވެ އެވެ.

މިއީ ދެކުނު އެފްރިކާއަށް މިހާތަނަށް ލިބިފައިވާ ހަމައެކަނި މޮޅެވެ. މިމެޗު އަލުން ކުޅެން ނިންމުމާއެކު ދެކުނު އެފްރިކާ އޮތީ އެންމެ ޕޮއިންޓަކާއެކު ގަރޫޕްގެ ފުލުގަ އެވެ. ސެނެގާލްއަށް ބަލާއިރު އެގައުމު އޮތީ ތިންވަނަ މަގާމުގައި ފަސް ޕޮއިންޓާއެކުއެވެ.