ދުނިޔެ

ތޫފާން އަރްމާ ފެނުމުން ލިބުނީ ވަރަށް އަރާމު ދަތުރެއް

ހަރިކޭން އިރްމާ އެރުމުގެ ސަބަބުން ކެރީބިއަންގެ ރީތި އެއް ޖަޒީިރާ ކަމަށްވާ ބާބިއުޑާގެ ހުރިހާ އިމާރާތެއް ހެން ވަނީ ބިމާ ހަމަވެފައެވެ. ގާތްގަނޑަށް 1800 މީހުންގެ އާބާދީއެއް އޮންނަ އެރަށުގެ އިމާރާތްތަކުގެ 90 ޕަސެންޓް އިމާރާތްތައް ވަނީ ހަލާކުވެފައެވެ.

ތޫފާނުގައި މަރުވިމީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ.

ކެރީބިއަންގައިވާ އެމެރިކާގެ ޖަޒީރާއެއް ކަަމަށްވާ ޕޯޓޯރިކޯގައި ވެސް އޮތީ އެފަދަ ހާލަތެކެވެ. މުޅި ރަށުން ކަރަންޓް ކެނޑި މިލިޔަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

ކެޓަގަރީ ފަހެއްގެ އެ ތޫފާނުގައި މިހާރު ވައި ޖެހެމުން ދަނީ ގަޑިއަކު 180 މޭލުގެ ބާރުމިނުގަ އެވެ.

ތޫފާން ދެން އަރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގެ ތެރޭގައި އެމެރިކާގެ ފްލޮރިޑާ ސްޓޭޓް ހިމެނެ އެވެ. ފްލޮރިޑާގެ މަޔާމީއަށް ތޫފާން އަރާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދީއްތަ ދުވަހު އެވެ. ފްލޮރިޑާ ސްޓޭޓްގެ ސަރުކާރާއި އެމެރިކާގެ މަރުކަޒީ ސަރުކާރުގެ އަމުރަށް އެ ސަރަހައްދުގެ މީހުން ވަނީ އެހެން ސަރަހައްދުތަކަށް ދަތުރުކުރަން ފަށާފަ އެވެ.

މަޔާމީ ދޫކޮށްދާ މީހުންގެ ތެރެއިން އެންމެ ނަސީބުވެރި ބަޔަކީ ކްރޫޒް ޝިޕްތައް ދުއްވާ ކުންފުންޏެއް ކަމަށްވާ ރޯޔަލް ކެރީބިއަންގެ މުވައްޒަފުން ތަކެކެވެ. އެ ކުންފުނިން އިއްޔެގައި ބުނީ އެތަނުގެ މުވައްޒަފުން ތޫފާން އެރުމުގެ ކުރިން އެހެން ސަރަހައްދަކަށް ދިއުމަށް މުވައްޒަފުންްގެ ތެރެއިން ބަޔަކު ދަތުރުކުރާނީ ބޮޑު ކްރޫޒް ޝިޕެއް ކަމަށްވާ "އެންޗާންޓްމެންޓް އޮފް ދަ ސީސް" ގައި ކަމަށެވެ. އެބޯޓް ހުކުރު ދުވަހު ހެނދުނު ފުރައިގެން ކަނޑު މަޑު، މޫސުން ރަނގަޅު ސަރަހައްދަކަށް ދަތުރުކުރާނެ ކަމަށް ރޯޔަލް ކެރީބިއަންއާ ހަވާލާދީ ސީއެންއެން އިން ބުންޏެވެ.

ގާތްގަނޑަކަށް 2500 މީހުންގެ ޖާގައިގެ، ދިގުމިނުގައި ގާތްގަނޑަކަށް 1000 ފޫޓު ހުންނަ އެންޗާންޓްމެންޓް އޮފް ދަ ސީސް ގައި ދަތުރުކުރާ މީހުންނަށް އެއުޅަނދުން ލިބެން ހުރި ހިދުމަތްތަކުގެ ތެރޭގައި ސްވިމިން ޕޫލްތަކާއި ފިލްމު ބަލާނެ އައުޓްޑޯ މޫވީ ސްކްރީންތަކާއި ވީޑިއޯ އާކޭޑަކާއި ގިނަ އަދަދެއްގެ ރެސްޓޯރެންޓްތަކާއި ބާތައް ހިމެނެއެވެ. އަވީގައި އޮށޯވެ ތިބެ އަރާމުކޮށްލާނެ ސޮލައިރިއަމްއަކާއި ހޫނު ފެނުގެ ބިލިގާތައް ވެސް އެ އުޅަނދުގައި ވެއެވެ.

ރޯޔަލް ކެރީބިއަންގެ ތަރުޖަމާނު ސިންތިއާ މާޓިނޭޒް ސީއެންއެންއަށް ބުނެފައި ވަނީ ހުކުރު ދުވަހު މުވައްޒަފުންނައިގެން ފުރުމަށް ފަހު ކްރޫޒް ޝިޕް މަޔާމީގެ ބަނދަރަށް ދެން އަންނާނީ މޫސުން ރަނގަޅުވެ، ބަނދަރު އަލުން ހުޅުވި އިރަކުން ކަމަށެވެ. އެއުޅަނދުގައި ދަތުރުކުރާނީ ރޯޔަލް ކެރީބިއަންގެ މުވައްޒަފުންގެ ތެރެއިން ކިތައް މީހުން ކަމެއް އެކުންފުނިން އަދި ހާމައެއް ނުކުރެ އެވެ.