މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް ލަސްކުރުމަށް އެޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފިއެވެ.
ސޯލްޓްގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ފާސްކުރި ގަރާރަކުން ނިންމީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާގެ ތެރެއިން އެޕާޓީއަށް ލިބެން ޖެހޭ ފައިސާ ލިބެންދެން ކޮންގްރެސް ފަސްކުރުމަށާއި ކޮންގްރެސްއަށް ހަރަދުކުރާނެ ފައިސާ ހޯދަން ފަންޑެއް ހުޅުވުމަށެވެ.
އެމްޑީޕީގެ ކޮންގްރެސް މުއްދަތެއް ނެތް ގޮތަށް ލަސް ކުރަން ހުށަހެޅި ގަރާރު ފާސްކުރި ޖަލްސާގައި ބައިވެރިވި 30 މެމްބަރުންގެ ތެރެއިން 28 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބައެއް ބޭފުޅުން ވަނީ ފައިސާގެ މައްސަލަ ކޯޓަށް ވައްދަން ވެސް ގޮވާލާފައެވެ. ނަމަވެސް މިރޭ ފާސްކުރި ގަރާރުގައި އެކަން ހިމަނާފައެއް ނުވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އީސީން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެކަމަކު ބަންދު ދުވަސްތަކާ ނުލައި މި މަހުގެ އަށްވަނަ ދުވަހު ވަނީ ތިން މަސް ހަމަވެފަ އެވެ. މީގެ އިތުރުން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ ކުރިން އަހަރީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓްތަކަށް އީސީން ބަލަ އެވެ.
ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ އެ ޕާޓީއެއްގެ ދަފްތަރުގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ޕީޕީއެމް އެވެ.
އީސީން ވަނީ މިދިޔަ އަހަރު ޕީޕީއެމަށް 10 މިލިއަން ރުފިޔާ ޖަމާކޮށްދީފަ އެވެ. އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ ޖަމާކޮށްދިންއިރު އެމްޑީއޭ އަށް ލިބެންޖެހޭ 2.8 މިލިއަން ރުފިޔާ އާއި ޖުމްހޫރީ ޕާޓީ އަށް ލިބެން ޖެހޭ 2.7 މިލިއަން ރުފިޔާ ވެސް ވަނީ ޖަމާކޮށްދީފަ އެވެ. ނަމަވެސް ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނީ މިދިޔަ އަހަރު ނިމެން އުޅެނިކޮށް ބައެއް ޕާޓީތަކުން ބޮޑެތި ފާޑު ކިއުންތަކެއް އީސީ އަށް އަމާޒުކޮށްފައި ވަނިކޮށެވެ.