ރިޕޯޓް

ދިވެހިންގެ ކަނދުރާ ބިދޭސީންގެ ކުރަފަތް ދަށުގައި!

Sep 10, 2017
16

ރާއްޖެ ތަރައްގީވަމުން އަންނަ ވަރަކަށް މާލެ ވެސް ދަނީ އިތުރަށް ތޮއްޖެހެމުންނެވެ. ރާއްޖެއަށް ގިނަވެފައިވާ ބިދޭސީ ބޮޑު އާބާދީއާވެސް އެކު އެވެ. ދިވެހީންގެ ދިރިއުޅުމުގެ ހުރިހާ ދިމާއަކުން ހިއްސާއެއްދޭ ބިދޭސީ އެ އާބާދީއާ ނުލައި އުޅެން އުނދަގުލެވެ. ދިވެހީން ކުރަން ބޭނުން ނުވާ ހުރިހާ ކަމެއް ރާއްޖޭގައި ކުރަނީ ބިދޭސީ އާބާދީ އެވެ. ބިދޭސީންނާއި ނުލައި އެއްވެސް ކަމެއް ދިވެހީންނަށް މިހާރު ނުވެ އެވެ. ތުނބުޅި ހަދާލައި ބޯކޮށައިލަން ސެލޫނަކަށް ވަނަސް ދިވެއްސެއް ނުފެންނާނެ އެވެ. މާލޭގައި ބައިވަރު ސެލުންއެއް އެބަހުއްޓެވެ. އާދައިގެ ކުދިކުދި ގޮޅިގޮޅި، ސެލޫން ތަކާއި ނަން މަޝްހޫރު ތަންތަނުގައި ބޯ ކޮށައިދެނީ ބިދޭސީންނެވެ. -- މަދު ތަނެއްގައި ދިވެހިންގެ މަދު ބަޔަކު ތިބެދާނެ އެވެ.

ބިދޭސީން އެމީހުންގެ ފެންވަރުގައި އެކަން ވަރަށް ފުރިހަމައަށް އެބަ ކުރެ އެވެ. ތަފާތު ޕޯސްޓަރުތަކާއި އުކުޅުތަކާއި އިސްތިހާރުތަކުން މީހުންގެ ސަމާލުކަން ހޯދާކަށް ނުޖެ އެވެ. ތަފާތު ހެއާ ސްޓައިލްތަކުގެ ހައެއްކަ ގަނޑު ފޮޓޯ ތަތްކޮށްލައި އެއީ ސެލޫނެއްކަން އަންގައި ދިނީމާ ނިމުނީ އެވެ. ފޮޓޯތަކުން ފެންނަ ގޮތަށް ބޯކޮށައިދީ ސްޓައިލް ކޮށްދޭން ނޭންގުނު ނަމަވެސް ޒަމާނުންސުރެ ކަސްޓަމަރުންގެ ސަމާލުކަން އެ މީހުން ވަނީ ދަމައިގެންފަ އެވެ.

މާލޭގެ ސެލޫނަކަށް ވަދެލުމުން ފުރަތަމަ ވެސް ދިއްކޮށްލަނީ ތަފާތު ހެއާ ސްޓައިލްގެ ބޮޑެތި ފޮތްތަކެވެ. ޝައުގުވެރިކަން ދަމައިގަތުމަށެވެ. ބައެއް ސެލޫންތަކުން ތަފާތު އާ ކަންކަން ވެސް ކުރެ އެވެ. ބޯކޮށާ ނިމުމުން އެމީހުންދޭ އާދަޔާ ހިލާފް މަސާޖަކުންނެވެ. ތަފާތު ގޮތްގޮތަށް އެމީހުން މަސާޖް ކޮށްދީ ހަދައެވެ.

މާލޭގެ ވަރަށް ގިނަ ސަރަހައްދަކުގައި ކުދި ގޮޅީގެ ސެލޫންތައް އެބަހުއްޓެވެ. ހުރިހާ ސެލޫނެއްގައި ވެސް ކަތުރު ހިފައިގެން ތިއްބާ ފެންނަނީ ބިދޭސީންނެވެ. ދިވެހިން ފަހަތުގައި ތިބެ ކުރާ އެ ވިޔަފާރީގެ މަސައްކަތުގައި އެއްވެސް ދިވެއްސަކު އުޅޭ ތަނެއް ނުފެނެއެވެ. ބޯ ކޮށައި ދިނުމުގެ ފަންނުގައި ދިވެހިންނެއް މިހާރަކު ނޫޅެ އެވެ. އެ މަސައްކަތް ދިވެހީންނަށް ހަޑީ ހެއްޔެވެ؟ ނޫނީ އެކަށީގެންވާ އާންމުދަނީއެއް ދިވެހީންނަށް މިކަމުން ނުލިބެނީ ހެއްޔެވެ؟

"ރަށުގަ އުޅުނު އިރު ރައްޓެހިންގެ ބޯކޮށައިދީ ތަފާތު ފަހުގެ ސްޓައިލްތަށް ފޮލޯކޮށް ހެދިން. ވަރަށް ކުރާ ހިތން އެކަން ކުރީ ރަށުގަ، މާލެއައިސް ވެސް އެކަން ކުރާ ހިތްވޭ އެކަމަކު އެކަށީގެންވާ މުސާރައެއް ނުދޭ. ހުނަރެއް ހުއްޓަސް އެކަމަށް އެކަށީގެންވާ އަގެއް ނުލިބޭ ނަމަ އެކަމެއް ނުކުރެވޭނެ. ސެލޫންތަކުގެ އޯނަރުން ބިދޭސީންނަށް ކުޑަ މުސާރައެއް ދީގެން އެކަން ކުރުވަނީ، ކިހިނެއް މާލޭގަ ކުޑަމުސާރައަކާއެކު ދިވެއްސަކު ދިރިއުޅޭނީ" ބޯ ކޮށައިދިނުމަށް ޝައުގުވެރިކަން ހުންނަ ދިވެހި ޒުވާނަކު ބުންޏެވެ.

އެހެން ޒުވާނަކު ބުނި ގޮތުގައި ބޯ ކޮށައި ދިނުމުގެ ދާއިރާ ރާއްޖޭގައި އަބަދުވެސް ޑޮމިނޭޓް ކުރަނީ ބިދޭސީންނެވެ. އެހެންވެ ދިވެހީން އެހާ ބޮޑަށް އެކަމުގައި ކުރިއަށްދާން ޝައުގުވެރި އެއް ނުވެ އެވެ.

"ފާޑަކަށް ލޭބަލްވެފަ އިންނަނީ ސެލޫންތަކުގައި ބޯކޮށައި ދިނުމަކީ ދިވެހީންނަށް ހަޑި ކަމެއްގެ ގޮތުގައި. އެހެން ވީމައާއެކު އެކަން ކުރާ ހިތްވާ ދވެއްސަކު ނޫޅެ، އަނެއް ކޮޅުން މިދާއިރާ އަކީ މާ ބޮޑު ފުރުސަތު ތަކެއް ހުރި ދާއިރާ އެއް ނޫން، އެހެން ވީ މަވެސް މަދުވާނެ ދިވެހީން މިދާއިރާގަ،" އިތުރު ޒުވާނަކު ބުންޏެވެ.

މާލެ އާއި ދިވެހިން ބަދަލުވަމުންދާއިރު އިރު ހަރަދުތައް ދަނީ ބަދަލުވަމުން ބޮޑު ވަމުންނެވެ. ސެލޫންއެއް ކަހަލަ ތަނެއްގައި ލިބޭ ކުޑަ މުސާރައަކުން ދިރިއުޅުން ބިނައެއް ނުކުރެވެ އެވެ. އެކަމަކު އެހެންވީ ދިވެހީން ބިދޭސީންނަށް އެކަމުގައި ވެސް ބަރޯސާވިވަރުންނެވެ. އެ ހުނަރު ދެވެހީންގެ ތެރޭގައި ނެތިގެނެއް ނޫނެވެ.