މެެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމެއްގައި 15 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ވެއްޖެއެވެ.
ބީބީސީ ބުނީ ރިކްޓަ މިންގަނޑުން 8.2 ގެ ބާެރުމިނުގައި އައި އެ ބިންހެލުމަކީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި އެގައުމުން ސިފަކުރާ ކަމަށެވެ. އަދި ބުނީ މެކްސިކޯގެ ދެކުނު އައްސޭރިއާ ކައިރިން ޕެސިފިކް ކަނޑުގެ އަޑިއަށް އައި އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދި ތިން މީޓަރު އުސް ރާޅުތައް އަރައިފާނެކަމުގެ އިންޒާރުދީފައިވާ ކަަމަށެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނީ ބިންހެލުން އައީ 8.1 ގެ ބާރުމިނުގައި 70 ކިލޯ މީޓަރު އަޑިއަށް ކަމަށެވެ.
ބިންހެލުމުގައި މެކްސިކޯގެ އޯޝާސާ ސްޓޭޓަށާއި ޗިއާޕާސް ސްޓޭޓަށް ބޮޑެތި ގެއްލުންތައް ލިބުނު އިރު ބިންހެލުން އުފެދުނު ސަރަހައްދާ 1000 ކިލޯ މީޓަރު ދުރުގައިވާ މެކްސިކޯ ސިޓީއަށް ވެސް އަސަރުކުރިއެވެ. މެކްސިކޯގެ ރައީސް އެންރިކް ޕީނާ ނިއޭޓޯ ވިދާޅުވީ އެގައުމުގެ 50 މިލިޔަން މީހުންނަށް ބިންހެލުމުގެ އިހުސާސްވި ކަމަށެވެ.
ބިންހެލުމުގެ އަސަރު މެކްސިކޯގެ އިތުރުން އަވަށްޓެރި ގުއާޓެމާލާއަަށް ވެސް ކުރިއެވެ. އެގައުމުން އެކަކު މަރުވިކަން އެގައުމުގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.
ޕެސިފިކް ސްނާމީ ވޯނިން ސެންޓަރުން ބުނެފައި ވަނީ ތިންމީޓަރު އުސް ސުނާމީއެއް މެކްސިކޯއަށް އެރުމުގެ ނުރައްކާ އެބަ އޮތް ކަމަށެވެ. އެހެންވެ، އެގައުމުގެ ޗިއާޕާސް ސްޓޭޓްގެ އައްސޭރިފަށުގެ ސަރަހައްދުގައި އުޅޭ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ގޮސްފައެވެ.