ހަބަރު

ރޮހިންޖާ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މުޅި ރާއްޖޭގައި އަޑުއުފުލައިފި

މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުގައި ހިންގަމުންދާ ލާ އިންސާނީ އަމަލުތައް ކުށްވެރިކޮށް އެކަމާ ދެކޮޅަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ހިނގާލުންތައް ބާއްވައިފި އެވެ.

އެގޮތުން ބ. ކަމަދޫ، ރ. އުނގޫފާރު އަދި ގދ ގައްދޫގައި މިއަދު ހަވީރު ހިނގާލުންތައް ކުރިއަށް ގެންގޮސްފައިވާއިރު ޅ. ނައިފަރުގައިވެސް އިއްޔެވަނީ ހިނގާލުމެއް ބާއްވާފަ އެވެ. ހިނގާލުމަށްފަހު ނައިފަރުގައިވަނީ ހާއްސަ ދުއާއެއްވެސް ކޮށްފަ އެވެ. އެ ހިނގާލުންތަކާއި ރޮހިންޖާގެ މުސްލިމުންނަށް ކޮށްފައިވާ އަނިޔާތައް ދައްކުވައިދޭ ފޮޓޯތަކާިއ އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކޮށް ލިޔެފައިވާ ބޯޑުތައް ބޭނުންކޮށްފައިވެ އެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީވާން ބައެއް ރަށްތަކުގައި މިހާރުވަނީ ފަންޑުފޮށިވެސް ބަހައްޓާފަ އެވެ. މާލޭގައިވެސް އިއްޔެވަނީ އެމީހުންނަށް އެހީވުމަށް ފައިސާ ހޯދަން ފަންޑުފޮއްޓެއް ބަހައްޓާފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ މިޔަންމާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން މިއަދުން ފެށިގެން އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އަޑުހަރުކޮށް ކިޔަވާ ކޮންމެ ނަމާދެއްގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔަވަން އަންގާފަ އެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖެއާއި މިޔަންމާ އާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުންވެސް ވަނީ ކަނޑާލާފަ އެވެ.

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިފަހަރު ހިންގަން ފެށި ޖަރީމާތަކަކީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ (އޭއާރްްއެސްއޭ)ގެ ނަމުގައި ހަރަކާތްތެރިވާ އެ ގްރޫޕު ބަލި ކުރުމަށް ކުރާ ކަމެއް ކަމަށް މިޔަންމާ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް މިޔަންމާ ސިފައިންގެ ހަރަކާތުގައި ކުރަމުންދާ ކަމަކީ މުސްލިމުންގެ އާއްމުން މެރުމާއި ގެދޮރު އެންދުމެވެ.

ރަކީން ސްޓޭޓްގައި 2012 ވަނަ އަހަރު އެގައުމުގެ ބުޑިސްޓުިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ފަހު، މުސްލިމުންގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ ވަގުތީ ރެފިއުޖީ ކޭމްޕްތަކުގައެވެ. ހަނގުރާމަވެރިން ބަލިކުރަން ކަމަށް ބުނެ މިޔަންމާ ސިފައިން އެ ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަން ފެށުމުން ރޯހިންޔާ ދަރިކޮޅުގެ 70000 މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އދ. އިން މިދިޔަ މާޗް މަހު ކުރި ސާވޭއަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އިއްފަތް ފޭރުމާއި ލާއިންސާނީ އަނިޔާ ދިނުމާއި އާއްމުން މެރުން ފަދަ ޖަރީމާތައް މިޔަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށެވެ. އަދި އެފަދަ ޖަރީމާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް ވަނީ އާއްމުވެފައެވެ.