ހަބަރު

ދިވެހިންނާ އިނދެގެން އުޅޭ ބިދޭސީންނަށް ހިލޭ ރަސްރަންޏަށް ވަދެވޭ

ރަސްރަނި ބަގީޗާއަށް ވަންނަ ބިދޭސީންގެ ތެރެއިން ދިވެހިންނާ އިނދެގެން އުޅޭ ބިދޭސީންގެ އަތުން ފީ ނުނަގާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. ހައުސިން މިނިސްޓްރީން ބުނީ އެހެން ނަމަވެސް އެމީހުންނަށް ހިލޭ ވަދެވޭނީ އެމީހުން އިނދެގެން އުޅޭ ދިވެހި މީހާ ނުވަތަ ދަރިންނާ އެކުގައި ކަމަށެވެ.

ރަސްރަނި ބަގީޗާއަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރު ބަންދު ދުވަސްތަކާއި ހަފްތާ ބަންދުގައި ހެނދުނު ހަޔަކުން ހަވީރު ހަތަރަކަށް 75 ރުފިޔާ އަދި އޭގެ ފަހުގައި ނަމަ 100 ރުފިޔާ އެވެ. އަދި ހަފްތާ ބަންދުނޫން ދުވަހެއްގައި ނަމަ 75 ރުފިޔާގެ ފީ އެކެވެ. ރަސްރަނި ބަގީޗާއަށް ވަންނަ ބިދޭސިންގެ އަތުން ދައުލަތަށް އަންނަނީ ރަނގަޅު އާމްދަނީއެއް ލިބެމުންނެވެ. އެގޮތުން ބަގީޗާ ހުޅުވިތާ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް އެބަގީޗާއަށް ވަން ބިދޭސީންގެ އަތުން 10،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު ހަޔަކުން ރޭގަނޑު 12:00 ޖަހަންދެން އެ ޕާކު ހުޅުވާފައި ހުންނާނެ އެވެ. އަދި ހުކުރު ދުވަހުވެސް ހެނދުނު 6:00 ހެނދުނު 11:00 އަށް އަދި މެންދުރު ފަހު 2:00 އިން ރޭގަނޑު 12:00 ޖަހަންދެން ހުޅުވާފައި ހުންނާނެ އެވެ. ޕާކުގެ ސެކިއުރީޓީ 24 ގަޑިއިރު ފުލުހުން ބަލަހައްޓާނެ އެވެ.

ރަސްރަނި ބަގީޗާގައި ބިއްލޫރި ޓްރީހައުސްއެއްގައި ހަދާފައިވާ "ރަސްރަނި ވިއު"ގައި ޒަމާނީ ވަސީލަތްތަކާއެކު ހުންނަ ކްލާސްރޫމްތައް ކިޔަވައިދިނުމުގެ އިތުރުން މީޓިންތައް ބާއްވަންވެސް ބޭނުންކުރެވޭނެ އެވެ. އެތަނުގައި ހުންނައިރު ބަގީޗާއެއްކޮށް ކަހަލަ ގޮތަކަށް ފެންނާނެ އެވެ. އަދި އެ ކްލާސްރޫމްތަކުގެ ތިރީގައި ގާއިމްކޮށްފައިވާ ބައި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އަށް ހާއްސަކޮށްފައިވާ ކަމަށާއި އެތަނުގައި ކުޑަކުދިންގެ ކުރެހުމާއި ފަންނުވެރިކަން ކުރިއަރުވަން ކަންތައްތަކެއް ކުރިއަށް ގެންދަންވަނީ ނިންމާފަ އެވެ.

އުސްގެ ކޮޅު ހުރި ހިސާބުގައި ހެރިޓޭޖް ޕްލާޒާއެއް ގާއިމްކޮށް، ދެބުރީގެ ފައުންޓަނާއި، ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި ގްރީން ވޯކް ޓަނަލާއި ސްޓޭޖް ޑްރާމާ ތިއޭޓަރާއި ޕްލޭ އޭރިއާއެއް ވެސް ހިމެނެ އެވެ.

އެ ޕާކުގައި ވިންޓަ ތީމް އޭރިއާއެއް ވެސް ތަރައްގީ ކުރެއެވެ. އެބައިގެ މަސައްކަތް އަދި ނުނިމެ އެވެ. އެހެން ނަަމަވެސް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެޑިޓައިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށް ތަރައްގީކޮށްފައިވާ އެ ޕާކުގައި އެމެރިކާގެ ބޮސްޓަންގައި ގާއިމްކޮށްފައިވާ ކަހަލަ ހަނދުފަޅިއެއްގެ ބައްޓަމަށް ހުންނަ ލެޑް އުނދޯލިތަކެއްވެސް ހުރެ އެވެ،

ރަސްރަނި ޕާކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އެނާޖީ ޑްރިންކް ބޭނުންކުރުމައި އޭގެ ވިޔަފާރި ކުރުން މަނާވާނެ އެވެ. އެތަނުގެ ސާފުތާހިރުކަން ބަލަހައްޓަ އެވެ.