ދިވެހި ސިނަމާ

"ވަކިން ލޯބިން"ގައި ޖުމައްޔިލްގެ އެކްޓިން އަށް ތައުރީފް

ދިވެހި ފިލްމީ ދާއިރާގައި ހީރޯ އަކީ މިހާރު ޖުމައްޔިލް ނިމާލެވެ. ފިލްމުގެ ކާސްޓާއެކު ޖުމައްޔިލްގެ ނަން އިއުލާނުކޮށްލުމުން ދެން އެ ނިމުނީ އެވެ. އެ ފިލްމެއްގެ ވާހަކަ ނޫން ވާހަކައެއް ނުދައްކަ އެވެ. ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ރޮމޭންޓިކް ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" އިން ވިދައިގަނެގެން ގޮސް ޖުމައްޔިލް މައްޗަށް އަރައިގެން ދިޔައީ އެވެ.

އޭނާގެ ޑިމާންޑް ބޮޑުވެ އެ ފަހުން އައި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ތިން ފިލްމުންވެސް ޖާގަ ހޯދި އެވެ. އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ "4426" އާއި މަލިކާ އިންވެސް ޖުމައްޔިލްވަނީ ފުުރސަތު ހޯދާފަ އެވެ.

ޖުމައްޔިލްގެ ޑިމާންޑް ބޮޑެވެ. ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. އެހެން ނަމަވެސް ޖުމައްޔިލްގެ އެކްޓިން އާ ބެހޭގޮތުން ގިނަ މީހުން ބުނާ ވާހަކައެއް އޮވެ އެވެ. އެކްޓް ކުރަން އޭނަ މޮޅެވެ. އެހެން ނަމަވެސް އެ އެކްޓިންގެ އެއް ފެންވަރެއްގައި ހިފެހެއްޓިފައި ހުންނަނީ އެވެ. ބޮޑެތި ތަފާތުތަކެއް އެކްޓިން އިން ނުދެއްކެނީ އެވެ.

އެހެން ނަމަވެސް އަންނަ އަހަރުގެ މާޗް މަހު އަޅުވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ވަކިން ލޯބިން"ގައި ޖުމައްޔިލް ދައްކާނީ މިހާތަނަށް އޭނަ ދައްކާފައި ނުވާވަރުގެ މޮޅު އެކްޓިން އެއް ކަމަށްވެ އެވެ. އެ ފިލްމުގެ ޝޫޓިން މިހާރު ފަށައިގެން ކުރިއަށް ދާއިރު، ބައެއް ޝޫޓިންތަކުގައި ބައިވެރިވުމަށްފަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ކުރީގެ ނައިބު ރައީސް އަހްމަދު ތޮލާލް މިވަނީ ޖުމައްޔިލަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

ބައެއް ޝޫޓިންތަކުގައި ބައިވެރިވުމަށްފަހު ތޮލާލް އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ވަކިން ލޯބިން"ގައި ޖުމައްޔިލް ކުޅޭ ރޯލަކީ އެތައް އިހުސާސްތަކެއް އޭނާ ދައްކުވައިދޭން ޖެހޭ ރޯލެއް ނަމަވެސް އެކަން ވަރަށް ފުރިހަމައަށް ދައްކައިދެމުން އަންނަ ކަމަށެވެ. އަދި އެންމެ ފުރިހަމަ އެކްސްޕްރެޝަންތައްވެސް ޖުމައްޔިލް ދައްކަމުން އަންނަ ކަމަށެވެ.

އެ ފިލްމަށްފަހު އަނެއްކާވެސް އޯޑިންސްގެ ހިތް ޖުމައްޔިލް އަތުލާނެ ކަމަށާއި ޖުމައްޔިލްގެ އެކްޓް ކުރުމުގެ ހުނަރުން އެންމެން ރަނގަޅަށްވެސް ރޮއްވާލާނެ ކަމަށް ތޮލާލް ވިދާޅުވެފައިވެ އެވެ.

ތޮލާލްވަނީ އޭނާގެ އެ ޕޯސްޓުގައި "ވަކިން ލޯބިން"ގެ މުޅީ ޓީމަށްވެސް ތައުރީފްކޮށްފަ އެވެ. އެގޮތުން ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ކުރަމުންދާ މަސައްކަތަށް ވެސް ވަނީ ތައުރީފްކޮށްފަ އެވެ. އަދި ފިލްމުގައި ކުޑަކުދިންގެ ރޯލު ކުޅެމުންދާ ކުދިންނަށްވެސް ވަނީ ތައުރީފް ކޮށްފަ އެވެ.

ވަކިން ލޯބިން އަށް ފަހު ޖުމައްޔިލް އަނެއްކާވެސް މުޅިން އާ ހަރުފަތަކަށް ޖެހިލާނެ ކަމަށް ބެލެވެ އެވެ. ޖުމައްޔިލާއެކު އެ ފިލްމުގެ ލީޑު ރޯލުން މަރިޔަމް މަޖުދާ ފެނިގެންދާނެ އެވެ. އަދި އިބްރާހިމް އަމާން އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އޮފީސް ޑްރާމާ މުބާރާތުން ފިލްމީ ދާއިރާއަށް ތައާރަފްވި އައިމިނަތު ޖުލީސާ (ޖުލީ) ވެސް ފެނިގެންދާނެ އެވެ. ކުޑަކުއްޖެއްގެ ރޯލުން ކުރީގެ ފިލްމީތަރި ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)ގެ ދަރިފުޅު ޝުއާ ޝާނީޒް ފެނިގެންދާނެ އެވެ.

މި ފިލްމުގައިވެސް އަމިއްލަ ރާގުގެ ރީތި ލަވަތަކެއް ހިމެނޭނެ އެވެ. އޭގެ ތެރެއިން އެއް ލަވަ މިހާރު ވަނީ އާންމުނަށް ދޫކޮށްލާފަ އެވެ. އެއީ ފަތޯގެ "ބީވީމަ" އެވެ. މި ފިލްމުން މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ރަނާރަޕް ހަމޫދު އިބްރާހީމްގެ އަޑުން ލަވައެއް އިވޭނެ އެވެ. އެއީ "ހިތުގެ ނަށާ ރާނީ" އެ ލަވަ އެވެ.