ދުނިޔެ

"އިރްމާ" ކިއުބާއަށް އަރައި ގެއްލުންތައް ވެއްޖެ

ކެރީބިއަންގެ ރަށްތަކަށް ބޮޑެތި ގެއްލުންތައް ދިނުމަށް ދަހު ތޫފާން އިރްމާ ކިއުބާއަށް އަރައިފިއެވެ.

ރޮއިޓާސް ބުނީ ކެޓަގަރީ ހަތަރަކަށް ބާރު ދަށްވެފައި ހުރި އިރުމާގެ ބާރު އަނެއްކާ ގަދަވެ، ކެޓަގަރީ ފަހެއްގެ ތޫފާނެއްގެ ގޮތުގައި ކަމަށެވެ. ކިއުބާއަށް އެރި އިރު ތޫފާން އިރުމާގެ ވައި ހުރިީ ގަޑިއަކު 160 މޭލުގެ ބާރުމިނުގައެވެ. އަދި ބުނީ ތޫފާނުގެ ސަބަބުން ކިއުބާގެ މެދުތެރޭ އައްސޭރިފަށުގެ މަންޒަރު އިރްމާ އެރުމުގެ ސަބަބުން ގެއްލުން ލިބުނު ކެރީބިއަންގެ ރަށްތަކުގެ މަންޒަރާ ދާދި އެއްގޮތް ވެފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ މާބޮޑު ތަފުސީލެއް އަދި ނުލިބެއެވެ. ތޫފާނުގައި ކިއުބާއިން މީހަކު މަރުވި ކަން ނުވަތަ ނޫންކަން ވެސް އަދި ނޭނގެއެވެ.

ތޫފާން އިރްމާ އެރުމުގެ ސަބަބުން ކެރީބިއަންގެ ޖަޒީރާއެއް ކަމަށްވާ ބާބިއުޑާގެ ގާތްގަނޑަކަށް 90 ޕަސެންޓް ހަލާކުވި އިރު އެތޫފާނުގެ ސަބަބުން ޕޯޓޯރިކޯއިން ކަރަންޓުގެ ހިދުމަތް މުޅިން ވަނީ ކެނޑިފައެވެ. ތޫފާނުގެ ސަަބަބުން އެ ސަރަހައްދުން މަރުވިމީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ.

ކިއުބާއަށް ފަހު ތޫފާން އިރްމާ ދެން އަރާނެ ކަމަށް ލަފާކުރެވިފައި ވަނީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށެވެ. އެ ސްޓޭޓަށް މާދަމާ ތޫފާން އަރާނެ ކަމަށް ބެލެވޭތީ ތޫފާނުގެ ގެއްލުން ވާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން މީހުން ފައިބަންް ސަރަހައްދީ ސަރުކާރާއިި އެމެރިކާގެ މައި ސަރުކާރުން ވަނީ އަންގާފައެވެ. އެގޮތުން ގެދޮރު ދޫކޮށް ދާން ޖެހޭ މީހުންގެ އަދަދަކީ 5.6 މިލިޔަނެވެ. ރޮއިޓާސް ބުނީ މަގުތައް ތޮއްޖެހުމާއި އުޅަނދުތަކަށް އަޅާނެ ތެޔޮ ލިބުން ދަތިވެފައި ވާތީ އެހެން ސަރަހައްދަށް މީހުން ބަދަލުވުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ތޫފާން އިރްމާ އެމެރިކާއާ ދިމާލަށް ދަތުރުކުރަމުން ދާއިރު ތޫފާން ހާވީގެ ސަބަބުން އެގައުމަށް ވަނީ 180 ބިލިޔަން ޑޮލަރުގެ ގެއްލުންވެ 60 މީހުން މަރުވެފައެވެ.