ދުނިޔެ

އެޓްލާންޓިކްގައި ބާރުގަދަ ތިން ތޫފާން، ރަށްތައް ސުންނާފަތި ވަނީ

އެޓްލާންޓިކް ކަނޑުން އުފެދުނު ތިން ތޫފާނުގެ ތެރެއިން އެއް ތޫފާން މިހާރު ވަނީ ކެޓަގަރީ އެކެއްގެ ހަރިކޭނަކުން ޓްރޮޕިކަލް ސްޓޯމްއަކަށް ބަދަލުވެފަ އެވެ. އެއީ މެކްސިކޯއަށް އަރާފައިވާ ކާޓިއާ ނަމަކަށް ކިޔާ ތޫފާނެވެ. ނަމަވެސް އަނެއް ދެތޫފާނުގެ ބާރު ވަނީ ގަދަވެފަ އެވެ. ކެޓަގަރީ ފަހެއްގެ ހަރިކޭނެއްގެ ގޮތުގައި ކެރީބިއަން ސަރަހައްދަށް އެރުމަށް ފަހު ކެޓަގަރީ ހަތަރަކަށް ބަދަލުވި ހަރިކޭން އިރްމާ މިހާރު ވަނީ އަނެއްކާވެސް ކެޓަގަރީ ފަހަކަށް ބަދަލުވެފައެވެ. އެތޫފާނުގައި މިހައިތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ކެރީބިއަން ސަރަހައްދަށެވެ. އެސަރަހައްދުން 21 މީހުން ތޫފާނުގައި މަރުވި އެވެ.

އެޓްލާންޓިކްގައި މިހާރު ހުރި ތިން ވަނަ ތޫފާން ކަމަށްވާ ހަރިކޭން ހޯސޭ ވެސް މިހާރު ވަނީ ކެޓަގަރީ ހަތަރެއްގެ ބާރުގަދަ ތޫފާނަކަށް ބަދަލުވެފައެވެ. މީހުން ދިރިއުޅޭ ސަރަހައްދުގައި މާކަނޑުގައި އެތޫފާން ހަފުތާއެއްހާ ދުވަސް ވަންދެން ހުރި އިރު ހުރީ ކެޓަގަރީ 1 ގައެވެ. ނަމަވެސް އިރްމާގެ ސަބަބުން މުޅިން ވީރާނާ ވެފައިވާ ބާބިއުޑާއަށް އެތޫފާން މިހާރު އަރަން ތައްޔާރުވެފައި ވަނީ ކެޓަގަރީ ހަތަރެއްގައެވެ.

ބާބިއުޑާއަކީ އެންޓިގުއާ އެންޑް ބާބިއުޑާ ނަމަކަށް ކިޔާ ކުޑަ ޖަޒީރާ ގައުމުގައިވާ ދެ ޖަޒީރާގެ ތެރެއިން އެއް ޖަޒީރާއެވެ. އެތަނުގައި ދިރިއުޅުނީ ގާތްގަނޑަކަށް 1800 މީހުންނެވެ. ތޫފާން އިރްމާގައި އިމާރާތްތަކުގެ 95 ޕަސެންޓް ހަލާކުވެފައި ވަނިކޮށް ތޫފާން ހޯސޭ އަރާތީ އެރަށުގައި މިހާރު ތިބި 1600 މީހުން ކުއްލި ހާލަތުގައި ރަށް ދޫކޮށް ދާން ސަރުކާރުން ވަނީ އަންގާފައެވެ.

ބީބީސީއާ ވާހަކަފުޅު ދައްކަވަނުން އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގޭސްޓަން ބްރައުނީ ވިދާޅުވެފައި ވަނީ ބާބިއުޑާގެ އެންމެން އެންޓިގުއާ އަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތޫފާން އިރްމާ މިހާރު އަރައިގެން އުޅެނީ ކިއުބާއަށެވެ. އެ ތޫފާން ދެން އަރާނެ ކަަމަށް ބެލެވެނީ އެމެރިކާގެ ފްލޮރިޑާއަށެވެ.


އެ ސްޓޭޓަށް މާދަމާ ތޫފާން އަރާނެ ކަމަށް ބެލެވޭތީ ތޫފާނުގެ ގެއްލުން ވާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން މީހުން ފައިބަންް ސަރަހައްދީ ސަރުކާރާއިި އެމެރިކާގެ މައި ސަރުކާރުން ވަނީ އަންގާފައެވެ. އެގޮތުން ގެދޮރު ދޫކޮށް ދާން ޖެހޭ މީހުންގެ އަދަދަކީ 5.6 މިލިޔަނެވެ. ރޮއިޓާސް ބުނީ މަގުތައް ތޮއްޖެހުމާއި އުޅަނދުތަކަށް އަޅާނެ ތެޔޮ ލިބުން ދަތިވެފައި ވާތީ އެހެން ސަރަހައްދަށް މީހުން ބަދަލުވުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ތޫފާން އިރްމާ އެމެރިކާއާ ދިމާލަށް ދަތުރުކުރަމުން ދާއިރު ތޫފާން ހާވީގެ ސަބަބުން އެގައުމަށް ވަނީ 180 ބިލިޔަން ޑޮލަރުގެ ގެއްލުންވެ 60 މީހުން މަރުވެފައެވެ.

ތޫފާން ކާޓިއާއާއި އިރްމާއާއި ހޯސޭއަށް ފަހުގައި ވެސް އަދި ސަރަހައްދަށް ހަމަޖެހުމެއް އޮތް ކަމަކަށް މޫސުމާ ބެހޭ އިދާރާ ތަކުން ލިބޭ މައުލޫމާތުތަކުން ނުބެލެވެއެވެ. ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ފުސްގަނޑެއް އެެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން މިހާރު ވަނީ އަނެއްކާވެސް ފާހަގަކޮށްފައެވެ. އެ ފުސްގަނޑު ހުރީ އެޓްލާންޓިކް ކަނޑުގައި ކާބޯ ވާޑީ އައިލެންޑްސް ނަމަކަށް ކިޔާ ޖަޒީރާތަކާ ދިމާލުން އެތައް ސަތޭކަ މޭލެއްގެ ބޭރުގައެވެ.