ހަބަރު

ރާއްޖެ - މިޔަންމާއަށް: ރޯހިންޔާ މީހުންނަކީ އިންސާނުންކަން ދަންނަން ވެއްޖެ

މިޔަންމާގެ ރަކީން ސްޓޭޓްގައި އަނިޔާ ލިބެމުންދާ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީ އިންސާނުންގެ ގޮތުގައި ދެކެން ޖެހޭ ކަމަށް ވިދާޅުވެ، ޔޫއެންއަށް ރާއްޖޭން ކަަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަދި އެމެރިކާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީިރު ޑރ. އަލީ ނަސީރު މުހައްމަދު މިޔަންމާ ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ޑރ. އަލީ ނަސީރު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

" ރޯހިންޔާ މީހުންނަކީ ހަމަ އެމީހުން ފަދަ އިންސާނުންގެ ގޮތުގައި މިޔަންމާ ސަރުކާރުން ދެކެން ޖެހޭ. އެމީހުންގެ ރަށްވެހިކަމާ މެދު ސުވާލުކުރުމުގެ ކުރިން،" އޭނާ ވިދާޅުވެފައި ވެއެވެ.

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގަމުން ދާ ގަތުލު އާއްމުތަކުން ސަލާމަތް ވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރި މީހުންގެ އަދަދު 270000 އަށް އަރާފައިވާ ކަމަށް އދ.ގެ ރެގިއުޖީންނާ ބެހޭ އެޖެންސީން ވަނީ ބުނެފައެވެ.


ރޮހިންޖާ ދަރިކޮޅުގެ މީހުން މިފަހަރު ބަންގާޅަށް ދާން ފެށީ އަނިޔާގައި އަހަރުތަކެއް ހޭދަކޮށްފައިވާ އެދަރިކޮޅުގެ މުސްލިމް ޒުވާނުންތަކެއް އުފެއްދި ހަނގުރާމަވެރި ގްރޫޕަކުން މިޔަންމާ ސިފައިންނާ ދެކޮޅަށް އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހަމަލާތަކެެއް ދިނުމުންނެވެ. މިޔަންމާ ސިފައިންނާއި ފުލުހުންގެ މަރުކަޒު ތަކަކަށް ދިން އެހަމަލާތަކުގައި ސިފައިންގެ 12 މީހަކު މަރުވިއެވެ. ރަައްދުގައި މިޔަންމާ ސިފައިން ދިން ހަމަލާތަކުގައި ރޮހިންޖާ ހަނގުރާމަވެރިންގެ 80 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ޖެހިގެން އަދި ދުވަސްތަކުގައި މިޔަންމާ ސަރުކާރުން ވަނީ ރަކީން ސްޓޭޓްގައި އުޅޭ މުސްލިމުން ނޫން އެހެން މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސް، މުސްލިމުންނާ ދެކޮޅަށް ގަތުލު އާއްމުތަކެއް ހިންގަން ފަށާފައެވެ.

މުސްލިމުންނާ ދެކޮޅަށް މިފަހަރު ހިންގަން ފެށި ޖަރީމާތަކަކީ ' އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ ( އޭއާރްްއެސްއޭ)ގެ ނަމުގައި ހަރަކާތްތެރިވާ އެ ގްރޫޕު ބަލި ކުރުމަށް ކުރާ ކަމެއް ކަމަށް މިޔަންމާ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް މިޔަންމާ ސިފައިންގެ ހަރަކާތުގައި ކުރަމުންދާ ކަމަކީ މުސްލިމުންގެ އާއްމުން މެރުމާއި ގެދޮރު އެންދުމެވެ.

ރަކީން ސްޓޭޓްގައި 2012 ވަނަ އަހަރު އެގައުމުގެ ބުޑިސްޓުިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ފަހު، މުސްލިމުންގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ ވަގުތީ ރެފިއުޖީ ކޭމްޕްތަކުގައެވެ. ހަނގުރާމަވެރިން ބަލިކުރަން ކަމަށް ބުނެ މިޔަންމާ ސިފައިން އެ ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަން ފެށުމުން ރޯހިންޔާ ދަރިކޮޅުގެ 70000 މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އދ. އިން މިދިޔަ މާޗް މަހު ކުރި ސާވޭއަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އިއްފަތް ފޭރުމާއި ލާއިންސާނީ އަނިޔާ ދިނުމާއި އާއްމުން މެރުން ފަދަ ޖަރީމާތައް މިޔަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށެވެ. އަދި އެފަދަ ޖަރީމާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް ވަނީ އާއްމުވެފައެވެ.