ކުޅިވަރު

ލެވާންޓޭއިން ރެއާލް މެޑްރިޑް ހިފަހައްޓައިފި

ލަލީގާގެ ޗެމްފިއަން ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ލެވާންޓޭއަތުން އެއްވަރުވެއްޖެއެވެ. ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު 3 މެޗުން އެޓީމަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. ރެއާލް އިން މިމެޗަށް ނިކުތްއިރު ރޮނާލްޑޯ ހުރީ ސަސްޕެންޝަނުގައެވެ. މީގެ އިތުރުން ކޯޗް ޒިދާން ވަނީ ބޭލް، ކަސަމީރޯ އަދި އިސްކޯ ބެންޗުކޮށްފައެވެ. މެދުތެރެއިން މުހިންމު ދައުރެެއް އަދާކުރަމުން އަންނަ ލޫކާ މޮޑްރިޗް އާއި އެއްވަނަ ކީޕަރު ކެއިލޯ ނަވާސް ޓީމުގެ ސްކޮޑްގައިވެސް ހިމަނާފައިނުވެ އެވެ.

މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ލެވާންޓޭއިންނެވެ. މިގޯލަކީ އެޓީމުގެ ކުޅުންތެރިޔަކު ރެއާލްގެ އޭރިޔާ ތެރެއައް އެއްލި ބޯޅަ އަކުން އެޓީމުގެ އިވީ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. މި ގޯލް ފެނިގެން ގޮސްފައިވަނީ މެޗުގެ 12 ވަނަ މިނިޓުގަ އެވެ.

ގިނަ ފުރުސަތުތަކެއް ހޯދަމުން އައިސް ރެއާލް މެޑްރިޑްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 36 ވަނަ މިނިޓުގައެވެ. މި ގޯލް ރެއާލްއަށް ކާމިޔާބިކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ.

މެޗު ކޮންޓްރޯލް ކޮށްގެން ގިނަ ވަގުތު ކުޅުނު ރެއާލްއަށް މެޗު ކާމިޔާބު ކުރަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ގެރެތް ބޭލްއަށް ލިބުނު ފުރުސަތު ފާހަގަ ކުރެވެ އެވެ.

މެޗު ކާމިޔާބު ކުރުމަށް ރެއާލްއިން ކުރަމުން އައި މަސައްކަތައް އިތުރު ހުރަސްތަކެއް އެޅިގެން ދިޔައީ 89 ވަނަ މިނިޓުގައި ރެއާލްގެ ޑިފެންޑަރު މާސެލޯއަށް ދެއްކި ރަތްކާޑާއެކު އެވެ.

މިނަތީޖާއާއެކު ރެއާލް އޮތީ ތާވަލުގެ 4 ވަނައިގައި 5 ޕޮއިންޓާއެކުއެވެ. ވާދަވެރި ބާސާ އޮތީ އެއް މެޗު މަދުން ކުޅެގެން 2 ވަނަ މަގާމުގައެވެ. އަދި އެޓްލެޓިކޯ މެޑްރިޑް އޮތީ ތާވަލުގެ 6 ވަނައިގައި ދެމެޗުން ލިބުނު 4 ޕޮއިންޓާއެކު އެވެ.