ކުޅިވަރު

ނަޑާލް ޔޫއެސް އޯޕަން ފައިނަލަށް، ވާދަކުރަންޖެހެނީ ކެވިން އެންޑަސަންއާ

ޔޫއެސް އޯޕަން ސެމީ ފައިނަލް ސީދާ ހަތަރު ސެޓުން ކާމިޔާބުކޮށް ރަފޭލް ނަޑާލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ. އާޖެންޓީނާގެ ޑެލް ޕޮޓްރޯގެ މައްޗަށް ނަޑާލް ކުރި ހޯދާފައިވަނީ 4-6, 6-0, 6-3, 6-2 ގެ ނަތީޖާއަކުންނެވެ. ނަޑާލް ފައިނަލުގައި ވާދަކުރަން ޖެހޭނީ ކެވިން އެންޑަސަން އާއެވެ.

މިމެޗުގެ ފަހު ދެރައުންޑުގައިވެސް ޑެލް ޕޮޓްރޯގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައެވެ. މިމެޗާ އެކު ނަޑާލް ވެގެން ގޮސްފައިވަނީ ގްރޭންޑް ސްލޭމް ސެމީ ފައިނަލް ވިދިވިދިގެން 15 ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔަކަށެވެ.

ޔޫއެސް އޯޕަންގެ ދެވަނަ ސެމީ ފައިނަލްގައި ކެވިން އެންޑަސަން ސްޕެއިންގެ ޕަބްލޯ ކަރޭނޯގެ މައްޗަށް ކާމިޔާބު ހޯދާފައިވަނީ 4-6, 7-5, 6-3, 6-4 ގެ ނަތީޖާ އަކުންނެވެ.

މިއީ ކެވިން އެންޑަސަންގެ ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލްއެވެ. ދެކުނު އެފްރިކާގެ ކެވިން އެންޑަސަން އަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ އެެންމެ ދަށް ކުޅުންތެރިޔާ އެވެ. އެނާ އޮތީ ރޭންކިންގެ 28 ވަނަ މަގާމުގަ އެވެ.

ފައިނަލްގައި އެންޑަސަންއާއި ދެކޮޅަށް ނިކުންނަ ނަޑާލް އޮތީ ރޭންކިންގެ އެއްވަނަ މަގާމުގަ އެވެ. މީގެ ކުރިން ނަޑާލް ވަނީ ޔޫއެސް އޯޕަން މުބާރާތް ދެފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ 2010 ވަނަ އަހަރާއި 2013 ވަނަ އަހަރު އެވެ.