އެވަޓަން 0 - ޓޮޓެންހަމް 3
މިއަހަރުގެ ސީޒަންއަށް ބޮޑެތި ހޭދަތަކެއްކޮށްފައިވާ އެވަޓަންގެ ފަރާތުން މިހާތަނަށް މާރަނގިޅު ކުޅުމެއް ފެނިފައެއް މުވެއެވެ. މިރޭގެ ބައްޔާއެކު އެޓީމުއޮތީ ތާވަލުގެ 15 ވަނަ މަގާމުގައި ހަތަރު ޕޮއިންޓާއެކުއެވެ. ޓޮޓެންހަމް ފަސްވަނަ މަގާމަށްޖެހިލިއިރު އެޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޓޮތެންހަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުގެންދިޔަ މިމެޗުގައި އެޓީމުގެ ފުރަތަމަ ގޯލް 28 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. ހާފް ނިމެންކާރި ވެފައިވަނިކޮށް ޑެންމާކްގެ މިޑްފީލްޑަރު ކްރިސްތިއަން އެރިކްސަން ވަނީ ޓޮޓެންހަމްގެ ލީޑު ފުޅާކޮށްދީފައެވެ. މުޗުގެ ފަހު ގޯލް ކާމިޔާބުކޮށްދީފައިވަނީވެސް ކޭންއެވެ. މިގޯލަކީ ދެވަނަ ހާފްގެ ކުރީކޮޅު ފެނިގެންދިޔަ ގޯލެކެވެ.
ސައުތުއެމްޓަން 0 - ވޮޓްފޯޑް 2
އަމިއްލަ ދަނޑުގައި ސައުތުއެމްޓަން ވަނީ ވޮޓްފޯޑް އަތުން ބަލިވެފައެވެ. މިނަތީޖާއާއެކު އެޓީމު ލީގުގެ 11 ވަނަ މަގާމުގައި ފަސް ޕޮއިންޓާއެކު އޮތްއިރު ވޮޓްފޯޑް އޮތީ އެޓީމަށް ލިބުނު ދެވަނަ މޮޅާއެކު ލީގުގެ ހަތަރުވަނަ މަގާމުގައެވެ. އެޓީމުގެ މިހާތަނަށް މިސީޡަނުގައި އަދި ބަލިވެފައެއްނުވެއެވެ. ދެމެޗުން މޮޅުވެފައިވާއިރު އެޓީމު ވަނީ ދެމެޗުން އެއްވަރުވެފައެވެ. މިރޭގެ މެޗުގެ އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ އަބްޑޮއްލައި ޑޮކުރޭއެވެ. މި ގޯލް ފެނިގެންގޮސްފައިވަނީ މެޗުގެ 38 ވަނަ މިނިޓުގައެވެ. އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ނެދަލެޑްސްގެ ޑިފެންޑަރު ޑާލީ ޔާންމާޓް އެވެ.
އާސެނަލް 3 - ބޯންމަތު 0
ސީޒަން ހުޅުވި މެޗުގައި ލެސްޓާ ސިޓީ އަތުން މޮޅުވުމަށްފަހު ޖެހިޖެހިގެން ދެމެޗުން ބަލިވުމުން އާސެން ވެންގާ އާއި އެޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތައެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް އާސެނަލްއިން މިވަނީ އެޓީމު ޔޫރަޕާ ލީގުގެ ފުރަތަމަ މެޗަށް ޖަރުމަނީގެ ކޮލޯން އާއި ދެކޮޅަށް ނިކުތުމުގެ ކުރިން މުލިންމު މޮޅެއް ހޯދާފައެވެ. 0-3 މިހޯދި ކާމިޔާބީގައި ޑެނީ ވެލްބެކްގެ ދައުރު ވަރަށް ބޮޑެވެ. އޭނާ މިމެޗުގައި ދެގޯލް ކާމިޔާބުކޮށްދީފައިވާއިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް ލަކަޒެޓްއެވެ. އާސެނައަށް ލިބުނު މޮޅާއެކު ތާވަލުގެ 9 ވަނައިގައި 6 ޕޮއިންޓާއެކުއޮތްއިރު ޕޮއިންޓެއް ނުލިބި ބޯންމަތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.
ލެސްޓާ ސިޓީ 1 - ޗެލްސީ 2
ލީގު ދިފާއުކުރަން ނިކުންނަ ޗެލްސީއިން ލެސްޓާ ސިޓީގެ މައްޗަށް މުހިންމު މޮޅެއެއް ހޯދައިފިއެވެ. މިރޭގެ މޮޅާއެކު ލީގުގެ ތިންވަނަ މަގާމައްޖެހިލި ޗެލްސީއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ލެސްޓާ އޮތީ އެންމެ މޮޅާކާއެކު ތާވަލުގެ 17 ވަނަ މަގާމުގައެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލްވާރޯ މޮރާޓާ ޗެލްސީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 41 ވަނަ މިނިޓުގައެވެ. ދެވަނަ ހާފް ފަށައިގެން ޗެލްސީގެ ލީޑު ފުޅާކޮށްދިނީ ލެސްޓާ ލީގު ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއްދެއްކި ކާންޓޭއެވެ. 62 ވަނަ މިނިޓުގައި ލެސްޓާ ސިޓީއަށް ޕެނެލްޓީއަކުން ޖޭމީ ވާަޑި ގޯލެއް ކާމިޔާބުކޮށްދިންނަމަވެސް އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތެއްނުވިއެވެ.
ބްރައިޓަން ހޯވް އަލްބިއަން 3 - ވެސްޓްބްރޮމިޗްއަލްބިއަން 1
ޕްރިމިއާ ލީގަށް އަލަށް މިސީޒަނަށް ޕްރޮމޯޓްވި ބްރައިޓަން އެޓީމުގެ ފުރަތަމަ ލީގު މޮޅު މިހޯދީ ވެސްޓްބްރޮމް ސިއްސުވާލުމަށްފަހުއެވެ. 34 އަހަރުދުވަހުގެ ދިގު އިންތިޒާރަކަށްފަހު މިއީ ބްރައިޓަންއިން އިންގިރޭސި ފުރަތަމަ ޑިވިސަންގައި ހޯދި ފުރަތަމަ މޮޅެވެ. ތިން ޕޮއިންޓާއެކު 13 ވަނަ މަގާމަށް ބްރައިޓަން ޖެހިލިއިރު 8 ވަނަ މަގާމުގައި ވެސްޓްބްރޮމް އޮތީ 7 ޕޮއިންޓާއެކުއެވެ. މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޖަރުމަން މިޑްފިލްޑަރު ޕާސްކަލް ގްރޮސްއެވެ. ދެވަނަ ހާފް ފައްޓައިގެން ތިންމިނިޓުގެ ތެރޭގައި ޕާސްކަލް ގްރޮސް ދެވަނަ ފަހަރަށް ގޯލް ކާމިޔާބުކޮށްދިނެވެ. ބްރައިޓަންގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ 63 ވަނަ މިނިޓުގައި އިޒްރޭލްގެ ފޯވާޑް ޓޮމާ ހެމެޑްއެވެ. ވެސްޓްބްރޮމްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ 77 ވަނަ މިނިޓުގައި ޖޭމްސް މޮރިސަންއެވެ.
ސްޓޯކް ސިޓީ 2 - މެންޗެސްޓާ ޔުނައިޓެޑް 2
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ސްޓޯކްއިންނެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކެމަރޫންގެ ފޯވާޑް އެރިކް މެކްސި ޗޮއްޕު މޯޓިންއެވެ. ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތގެ ތެރޭގައި ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ. މިއީ މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދިން ގޯލެކެވެ. ދެވަނަ ހާފްގެ 57 ވަނަ މިނިޓުގައި ޔުނައިޓެޑަށް ލުކާކޫ ލީޑު ނަގައިދިންނަމަވެސް 63 ވަނަ މިނިޓުގައި ޗޮއްޕު މޯޓިންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.