ހަބަރު

ގާސިމްގެ ބޭސްފަރުވާގެ މުއްދަތު ތިން މަހަށް އިތުރުކޮށްދޭން އެދިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު ތިން މަސް ދުވަހަށް އިތުރު ކުރުމަށް އާއިލާއިން ކަރެކްޝަން އަށް އެދިއްޖެ އެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ދިޔުމަށް ގާސިމްއަށް ދީފައި ވަނީ 10 ދުވަހުގެ މުއްދަތެވެ.

ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމް ހިތުގެ ބައްޔަކަށް އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު މިދިޔަ ބުދަ ދުވަހު ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފަ އެވެ. އެ މަނިކްފާނަށް ކަރެކްޝަން އިން ދިނީ އިތުރު ޓެސްޓުތައް ހެދުމަށް 10 ދުވަހުގެ މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުރުމުގެ ހުއްދަ އެވެ.

ނަމަވެސް އާއިލާގެ ފަރާތުން މިއަދު ކަރެކްޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާގެ ޑޮކްޓަރުން ގާސިމް އަށް ލަފާދީފައި ވަނީ ކޮރޮނަރީ އެންޖިއޯގްރާމް ކޮރޮނަރީ އެންޖީއޯޕްލާސްޓީ ހެދުމަށް ކަމަށެވެ. އަދި އެމަނިކްފާނުގެ ހާލަތު ގާތުން ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ތިން މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ވެސް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

"މިހާރު ވާނީ ގާސިމް ހަދަން ޖެހޭ ޕްރޮސީޖާތައް ހެދުމަށް އަންނަ ހަފްތާ ހުކުރު ދުވަހަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލުގައި ޝެޑިއުލްކޮށްފައި، ގާސިމްއަށް ދަތުރު ކުރެވޭ ވަރުވާނީ ވެސް ޑިސެމްބަރުގެ ފަހުން ކަމަށް ޑޮކްޓަރުން ވަނީ އަންގާފައި،" އެ ސިޓީގައި ބުނެފައިވެ އެވެ.

އެހެންކަމުން ޑޮޮކްޓަރުންގެ ލަފައާ އެއްގޮތަށް ބޭސްފަރުވާ ފުރިހަމަ ކުރުމަށްޓަކައި ޑިސެމްބަރުގެ ނިޔަލަށް ސިންގަޕޫރުގައި މަޑު ކުރުމުގެ ހުއްދަ ދީ ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު އިތުރުކޮށްދޭން އެދޭ ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.


ގާސިމް ސިންގަޕޫރަށް ފުރާ ވަޑައިގަތުމުގެ ކުރިން އެމަނިކްފާނު ވަނީ އައިޖީއެމްއެޗްއާއި އޭޑީކޭ އަދި މެޑިކާގައި ވެސް އެޑްމިޓްކޮށްފަ އެވެ. އޭގެ އިތުރުން ކަރެކްޝަން އިން ކަނޑައެޅި ހާއްސަ ޑޮކްޓަރު ވެސް ގާސިމްގެ ހާލަތު ބެލުމަށް ފަހު ވަނީ އިތުރު ޓެސްޓުތައް ހެދުމަށް ލަފާދީފަ އެވެ. އެމަނިކްފާނު ވަނީ ޝަރީއަތް ކުރިޔަށް ދަނިކޮށް ވެސް ހޭފުޅު ނެތިގެން ވެއްޓިފަ އެވެ.

ރިޝްވަތު ދޭން އުޅުމުގެ ކުށް ސާބިތުވެ ގާސިމްގެ މައްޗަށް ކުރި ހުކުމުގައި އެމަނިކްފާނު ވީހާ ވެސް އަވަހަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް ބަންޑާރަ ނައިބު ވަނީ ހުކުމްގެ އެ ބައި އިސްތިއުނާފުކޮށްފަ އެވެ.