މަރަކޭޝް، މޮރޮކޯ (ޑިސެމްބަރު 17) – ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރޭ މެކްސިކޯގެ ކްރޫޒް އަޒުލް އަތުން 4-0 އިން މޮޅު ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް މުބާރާތުގެ ފައިނަލް އިން ޖާގަ ހޯދައިފި އެވެ. މިއީ ރެއާލް ޖެހިޖެހިގެން މޮޅުވި 21 ވަނަ މެޗެވެ.
މޮރޮކޯގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގެ 16 ވަނަ މިނިޓުގައި ރެއާލަށް ލީޑު ހޯދައިދިނީ ޑިފެންޑަރު ސާޖިއޯ ރާމޮސް އެވެ. އަދި މެޗުގެ 36 ވަނަ މިނިޓުގައި ރެއާލްގެ ދެވަނަ ލަނޑު ޖެހީ ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާ އެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލަށް އިތުރު ދެ ލަނޑު ޖަހައިދިނީ ވޭލްސްގެ ވިންގާ ގެރެތު ބޭލް އާއި ސްޕެއިންގެ މިޑްފީލްޑަރު އިސްކޯ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އަޒުލްގެ މަރިއޯ ޕަވޯން އަށް ރެއާލްގެ ރާމޮސް ކުރި ފައުލަކާ ގުޅިގެން އަޒުލް އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު އަޒުލްގެ ޖެރާޑޯ ޓޮރާޑޯ ފޮނުވާލި ޕެނަލްޓީ ރެއާލްގެ ގޯލްކީޕަރު އިކާ ކަސިއަސް ވަނީ ދިފާއުކޮށްފަ އެވެ.
މެޗަށް ފަހު ރެއާލްގެ ކޯޗު އެންޗަލޮޓީ ވަނީ ކީޕަރު ކަސިއަސް އަށް ތައުރީފްކޮށްފަ އެވެ.
މުބާރާތުގެ ފައިނަލްގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާގެ ސެން ލޮރެންޒޯ ނުވަތަ އޯޝޭނިއާގެ ޗެމްޕިއަން ނިއު ޒިލޭންޑްގެ އޯކްލެންޑް ސިޓީ އެވެ. -- ބީބީސީ