ހަބަރު

މި ސަރުކާރަކީ ސިޔާސީ ބޮޑު ކޮމިޑީއެއް: މައުމޫން

ރާއްޖޭގައި މިހާރު މި އޮތް ސަރުކާރުން ކުރާކަމަކީ ގާނޫނާ ގަވާއިދާ އެއްގޮތުގެ މަތިން ދައުލަތް ހިންގުމުގެ ބަދަލުގައި ސިޔާސީ ކޮމިޑީއެއް ކުޅޭ މަންޒަރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ކަންކަމުން ފެންނަނީ ފެއިލްވެފައިވާ ދައުލަތެއްގެ އަލާމާތްތައް ކަމަށެވެ. އަދި އެއްވެސް ގާނޫނަކަށް ދައުލަތަކުންނެއް އަމަލެއް ނުކުރައްވާ ކަމަށާއި އޭގެ އިތުރުން ސުޕްރީމް ކޯޓަކުން ކުރާ ހުކުމަކަށް ވެސް ދައުލަތަކުން ކިޔަމަން ނުވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

އޭގެ މިސަލެއް ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އާންމު ރައްޔިތަކު ކޯޓަކަށް ނުވަތަ ސަރުކާރުގެ އެހެން އިދާރާއަކަށް މެންދުރު 2:00 ގެ ފަހުން ސިޓީއެއް ހުށަހަޅަން ބޭނުންވި ނަމަވެސް އެ ބަލައެއް ނުގަންނަ ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީގެެ ލީޑަރު ގާސިމް އިބްރާހިމް އަށް ހުކުމް ކުރެއްވީ ގާނޫނާ ހިލާފަށް ޣައިރު ހާޒިރުގައި ދަންވަރު 1:15 ގައި ކޯޓު ހުޅުވައިގެން ކަމަށެވެ. އަނެއް ކަމަކަށް ފާރިސްއަށް ބަންދުކޮށްގެން ތަހުގީގު ކުރީ އެމަނިކްފާނު ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށާއި ނަމަވެސް ތަހުގީގު ނިމި ޕީޖީއަށް ހުށަހެޅުމުން އެ އޮފީހުން ނިންމީ ފާރިސް ރިޝްވަތު ހިފި ކަމުގެ ދައުވާ ކުރުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

އެހެންވީމަ ހިތާމައާއެކީ ދަންނަވަން ޖެހެނީ މިހާރު އަޅުގަނޑު ހެއްވާ އެއްޗެއް ދަންނަވާކަށް ނުޖެހޭ، ވަށައިގެން ފެންނަނީ ހެއްވާ ކަންކަން، މި އުޅެނީ ބޮޑު ޕޮލިޓިކަލް ކޮމިޑީއެއް، ހެއްވާ ނޫން ކަމެއް ނުފެނޭ، މިއީ ޝަރުއިއްޔަތު ގެއްލިފައިވާ ދައުލަތެއް، އެއްވެސް ލެޖިޓަމަސީއެއް ނެތް، ރައްޔިތުން އިންތިހާބު ކުރި ބޭނުމެއް ވެސް ނުފުދޭ، މިއީ ވަރަށް ދެރަ ކަންކަން،
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް --

ރައީސް މައުމޫން ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް ކުރާ އެއްވެސް ކަމަކީ ދެމިއޮންނާނެ ކަމެއް ނޫން ކަމަށާއި އެ ހުރިހާ ކަމަކީ ވަރަށް އަވަހަށް ބާތިލުވާނެ ކަންތައް ކަމަށެވެ. އެގޮތުން އަބްދުﷲ މަސީހު މުހައްމަދަކީ ރައްޔަތުން މަޖިލީހުގެ ރައީސް ކަމަކަށް ވެސް ނުވާނެ ކަމަށާއި އެމަނިކްފާނު ރިޔާސަތުގައި އިންނަވައިގެން ނިންމާ ހުރިހާ ނިންމުންތައް ވެސް ބާތިލުވާނެ ކަމަށެވެ. އަދި ކޯޓުތަކުން ކުރާ ވަރަށް ގިނަ ހުކުމްތަކަކީ ވެސް ބާތިލު ހުކުމްތަކެއް ކަމަށާއި އެ ހުރިހާ ކަމެއް ބަދަލުވާ ދުވަސް ވަރަށް އަވަހަށް އަންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"ބާތިލުގެ މައްޗައް ބިނާވެ ތަރުތީބުވާ ކޮންމެ ކަމަކީ ބާތިލު ކަމެއް، ބާތިލު ޖަލްސާތަކުން ފާސްކުރާ ހުރިހާ ކަމެއް ބާތިލް ކަމެއް، ދެމިއެއް ނޯންނާނެ، އެ ހުރިހާ ކަމެއް ފިލައިގެންދާ ދުވަސް ވަރަށް އަވަހަށް އަންނާނެ، ބާތިލު ދެމިއެއް ނޯންނާނެ، މިއަދު ނޫނީ މާދަމާ އެ ބަދަލުވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ސަރުކާރުން އިދިކޮޅު ފަރާތްތަކާ މެދު އަމަލު ކުރައްވާ އެއްވެސް ގޮތަކުން އެ ފަރާތްތަކުން ކުރައްވާ އިސްލާމީ މަސައްކަތަށް ގުޑުމެއް ނާންނާނެ ކަމަށާއި އެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ކުރިޔަށް ދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.