ބާސެލޯނާއިން އެސްޕަނިޔޯލްގެ މައްޗަށް 0-5 ކުރިހޯދައިފި އެވެ. މެސީ ވަނީ މިމެޗުގައި ހެޓްރިކެއް ކާމިޔާބުކޮށްފަ އެވެ. މިއީ ބާސާގައި އޭނާ ކާމިޔާބުކުރި 38 ވަނަ ހެޓްރިކެވެ. މީގެ އިތުރުން މެސީ ވެގެން ގޮސްފައި މިވަނީ ކަޓަލޫނިޔާ ޑާބީގައި އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ. މެސީ ވަނީ އެސްޕަނިޔޯލް އާއި ދެކޮޅަށް 18 ގޯލް ކާމިޔާބުކޮށްފަ އެވެ. މި މޮޅާއެކު ބާސާއިން ވަނީ ލީގުގެ އެއްވަނަ މަގާމަށް ނުވަ ޕޮއިންޓާއެކު ޖެހިލާފަ އެވެ.
މެޗުގެ ފުރަތަމަ އަދި ދެވަނަ ގޯލްވެސް ފެނިގެންދިޔައީ މެސީގެ ފަރާތުންނެވެ. އެއީ މެޗުގެ 26 ވަނަ މިނިޓާއި 35 ވަނަ މިނިޓުގަ އެވެ. ފުރަތަމަ ހާފް ނިމުނު އިރު ބާސާއަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ.
ދެވަނަ ހާފަ ފަށައިގެން 67 ވަނަ މިނިޓުގައި މެސީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. އޭގެ ފަހުން 87 ވަނަ މިނިޓުގައި ބާސާގެ ހަތަރުވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.
މެޗުގެ 90 ވަނަ މިނިޓުގައި ބާސާގެ ފަސްވަނަ ގޯލް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. މި ގޯލް ތަނަވަސްކޮށް ދިނީ ނޭމާގެ ބަދަލެއްގެ ގޮތުނގައި އެ ޓީމަށްގެނައި ފްރާންސްގެ ޒުވާން ތަރި އުސްމާން ޑެމްބޭލޭ އެވެ.
ސައްތައިން ސައްތަ ރެކޯޑަކާއެކު ބާސާ ލީގުގެ އެއްވަނަ މަގާމުގައި އޮތްއިރު މިރޭގެ މެޗު 0-3 ކާމިޔާބުކުރި ސެވިއްޔާ އޮތީ ތާވަލުގެ ދެވަނަ މަގާމުގައި 7 ޕޮއިންޓާއެކުއެވެ. ވެލެންސިއާ އާއި އެޓްލެޓިކޯ މެޑްރިޑް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލް ނުޖެހިއެވެ.