މިއަންމާ

ރޯހިންޔާ ހަނގުރާމަވެރިން ހަމަލާ ބަދަލުކުރުން ހުއްޓާލައިފި

މިޔަންމާގެ ރަކީން ސްޓޭޓްގައި އެ ގައުމުގެ ސިފައިންނާ ހަނގުރާމަ ކުރަމުންދާ ރޯހިންޔާ ދަރިކޮޅުގެ ހަނގުރާމަވެރިން ދެމުން ދިޔަ ހަމަލާތައް އެއް މަސް ދުވަހަށް ހުއްޓާލާފައިވާ ކަމަށް އެމީހުން ބުނެފި އެވެ.

މިޔަންމާ ހަނގުރާމަވެރިންނާ ހަވާލާދީ ބީބީސީ ބުނީ ހަމަލާ ދިނުން ހުއްޓައިލީ ހާލުގައި ޖެހިފައިވާ ރޯހިންޔާ މުސްލިމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގު ފަހިކުރުމަށެވެ. އަރާކަން ރޯހިންޔާ ސެލްވޭޝަން އާމީ (އަރްސާ) ގެ ނަމުގައި ހަރަކާތްތެރިވާ އެ ހަނގުރާމަވެރިން ވަނީ މިޔަންމާ ސިފައިން ވެސް ހަތިޔާރު ބެހެެއްޓުމަށް ގޮވާލާފަ އެވެ.

ރަކީން ސްޓޭޓްގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިން މިހާރު ހިންގަމުންދާ ޖަރީމާތައް ފެށީ މިދިއަ އޯގަސްޓްމަހުގެ 25 ވަނަ ދުވަހު އަރްސާ ޖަމާއަތުން މިޔަންމާ ސިފައިންނާއި ފުލުހުންނާ ދެކޮޅަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެކަން ފެށުނު ފަހުން ގާތްގަނޑަކަށް 300000 މުސްލިމުން ވަނީ ރަކީން ސްޓޭޓް ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ.

އދ. އިން ބުނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ގޮސް ތިބި މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިހާރުން މިހާރަށް 77 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށެވެ. އަދި ބުނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ތިބި މީހުންނަަށް ކާނާގެ ވަރަށް ބޮޑު ދަތިކަމަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޯހިންޔާ ދަރިކޮޅުގެ ގާތްގަނޑަކަށް 1.5 މިލިޔަން މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިންނާއި އެގައުމުގެ ބުޑިސްޓް އާއްމުން ދަނީ 2012 ވަނަ އަހަރުން ފެށިގެން އަނިޔާވެރި އަމަލުތައް ހިންގަމުންނެވެ. އެގޮތުންް އެމީހުންގެ އަވަށްތަށް އެންދުމާއި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނަށް ބެލުމެއް ނެތި ގަތުލު އާއްމުތައް ހިންގުން ވަނީ އާއްމު ކަމަކަށް ހަދާފައެވެ. އެ ސަރަހައްދުގެ ހާލާތު ބެލުމަށް އދ. ގެ އޮފިޝަލުން ދިއުން މިޔަންމާ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

ނޯބެލް ޕީސް ޕްރައިޒް ލިބިވަޑައިގެން ހުންނެވި މިޔަންމާގެ ލީޑަރަށް އެކަމުގައި ބޮޑެތި ފާޑުކިއުންތައް އަމާޒުވި ނަމަވެސް އޭނާ ވަނީ އެކަމުގައި ބައިނަލް އަގުވާމީ މުޖުތަމައަށް އިޖާބަ ނުދެއްވާފަ އެވެ. އޭގެ ބަދަލުގައި އޭނާ ގެންދަވަނީ ރަކީން ސްޓޭޓްގައި މިޔަންމާ ސިފައިން ޖަރީމާތައް ހިންގާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވަމުންނެވެ.