ވާހަކަ

މިންނުގެ ޑައިރީ

(7 ސެޕްޓެމްބަރ 2017 އާ ގުޅޭ)
"އެއީ ކީއްވެ؟ އެނގެއެންނު މިގޭގައި ނޫޅޭނެކަން ގިނަ މީހުންނެއް، އަނެއްކާ ދައްތަ ވަރަށް އުފާވާނެ ޔާނާ ފެނުމުން... ތައްޔާރުވޭ މިދަނީ ބަލާ" ޒޭން ބުނެލިއެވެ.

"ޒޭން..." ޔާނާއަށް އެއްޗެކޭ ނުބުނެވެނީސް އޭނާ ބަލާ އަންނަނީ ކަމުގައި ބުނެ ޒޭން ފޯނުކޯލު ކަނޑާލިއެވެ.

ހިތުގައި ހިނގައިގަތް ޝުޢޫރުތަކާއެކު ޔާނާގެ މޫނުމައްޗަށް ވެރިވިހިނިތުންވުމުގައި އެ އަނގައިގާވާ ކުދި ދަތްތައް ވެސް ފާޅުވެގެންދިޔައެވެ. ދެފަރާތަށް ބޯހޫރުވާލާ ނަފްސު ހަމައަކަށް އަޅުވާން މަސައްކަތްކުރަމުން އަތުގައި އޮތް ފޯނަށް ޔާނާ ބަލާލިއެވެ. އަދި އަވަސް އަވަހަށް ފޯނުގެ ސްޕީޑް ޑަޔަލް ފަހަކަށް އޮބާލިއެވެ.

ހެލޯ ބައްޕާ!... މިގަޑި ބިޒީތަ" ފޯނުން އަޒާންގެ އަޑު އިވުމާއެކު ޔާނާ އަހާލިއެވެ. މިވަގުތަކީ އަޒާން އޮފީހުގައި އިން ނަމަވެސް ހުސްވަގުތަކަށް ވެދާނޭހެން ހީވާ ފަދަ ގަޑިއެކެވެ. އަޒާނަކީ މާލޭގެ ސަރުކާރު އޮފީހެއްގައި ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި މަސައްކަތް ކުރާ މީހެކެވެ. ވަޒީފާއަށް ވަން ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޒާންގެ ވިސްނުން ހުންނަނީ ސަރުކާރުގައި މަސައްކަތް ކުރުމަށެވެ.

"ބިޒީއެއްނޫން... ކިހިނެއްވީ؟ އަނެއްކާ ބައްޕަ ގެއަށް ދާއިރު އެއްޗެއް ގެންދަންވީތަ؟" އަޒާން ލަފާކޮށްލީއެވެ. އެހެންޏާ ވެސް އޭނާ އޮފީހުގައި އުޅޭ ވަގުތުތަކުގައި މަދުން ނަމަވެސް ޔާނާ ގުޅާލާފައި ކަންތަކު އެދެއެވެ. ގިނައިން އެދޭނީ އޮފީސް ނިންމާފައި އަޒާން އަންނައިރު ބަޒާރުން އެއްޗެއް ގެނެސްދިނުމަށެވެ.

"އެއްޗެއް ގަންނާކަށްނޫން... އެހެންވިޔަސް ކަމަކު މި ގުޅީ... ބައްޕަގެ ހުއްދަ ބޭނުންވެގެން" ޖެހިލުންވެފައި ހުރި ޔާނާ ބުންޏެވެ.

"ބައްޕަގެ ހުއްދަ!... އަނެއްކާ ކޮންކަހަލަ ކަމަކު؟ މީހަކާ އިންނަންވީތަ؟" އަޒާން ސަމާސާކޮށްލިއެވެ.

"ދެން ބައްޕާ! އެވަރުގެ ހުއްދައެއް އަޅުގަނޑު ހޯދާކަށް އަދި ނޫޅެމެއްނު"

"އެނގޭ ބައްޕައަށް. ދަރިފުޅާ ސަމާސާކޮށްލީނު. ދެން ބުނެބަލަ" ޔާނާއަށް ވާހަކަދައްކާން އަޒާން ފުރުޞަތު ދިނެވެ.

"ބައްޕައަށް އެނގެއެއްނު ޒޭން. އަޅުގަނޑާ ހޮސްޕިޓަލުން ދިމާވެގެން ފްރެންޑުވީ ކުއްޖާ. ހުސްނައްތަމެންގޭ ކުއްޖާ... އެގެއަށް... އެގެއަށް އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތަ؟ މިއަދު މެންދުރުގެ ކެއުމަށް ދަޢުވަތު ދީފައި އޮތީމަ" ޒޭންގެ ގެއަށް ދާން އުޅޭތީ އެކަމާ ޔާނާ ޖެހިލުންވެފައި ހުރިވަރުން ފޯނުން އަޒާންއާ ވާހަކަދެއްކީ ނިކަން ވިސްނައިގެންނެވެ. ކޮންމެ ލަފުޒެއް އަތުރަމުން ދިޔައީ ލަސްލަހުންނެވެ.

"ދަޢުވަތެއް ދޯ... ޔާނާ ބޭނުންތަ ދާން" އަޒާން ކުރީ ސުވާލެކެވެ.

"ބައްޕަ ހުއްދަ ދީފިއްޔާ ދާނީ" ހިތް ތެޅިތެޅި އޮއްވާ ވެސް ޔާނާ ނިންމުން ނިންމާން ދޫކޮށްލީ ބައްޕަގެ އަތް މައްޗަށެވެ. މީގެ ކުރީން ވެސް އޭނާ ޑިއުޓީއަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުންނަނަމަ އަޒާންއަށް އެނގިފައި ނޫނީ ނުނިކުމެވެ. އަޒާން ވާހަކަ ނުދައްކާ ފޯނުގައި އިރުކޮޅަކު ހުއްޓެވެ. ދެން އިވުނީ ލުއި ގޮތަކަށް އޭނާ ހީނލިއަޑެވެ.

"ބައްޕައަށް އެނގޭ ދަރިފުޅު ތި ހުރީ ދާހިތުންކަން. ބައްޕައަށް އޯކޭ ޔާނާ ދިޔަޔަސް އެގެއަށް. އެކަމަކު... ރޭގަނޑު މަޑުކުރާނަމަ ލަސްވެގެން ގެއަށް އަންނާންވާ ގަޑި ޔާނާއަށް އެނގޭނެ" ދަރިފުޅު ގޮތް އެނގި ހުރެ އަޒާން ބުނެލިއެވެ. ފޯނުން ވާހަކަދެއްކި ނަމަވެސް ޔާނާ ބޭނުންވަނީ އޭނާގެ ފަރާތުން އެފަދަ ނިންމުމެއްކަން އަޒާން ދެނެހުއްޓެވެ. އޭނާގެ އެ ދަރިފުޅުގެ ގޮތް ވަރަށް ރަނގަޅަށް އަޒާނަށް އެނގޭތީއެވެ. ޒޭންއަކީ މިހާރު ޔާނާ ފާޅުކުރާވަރަށްވުރެ އޭނާއާ މާ ގާތް ރަޙުމަތްތެރިއެއްކަން އަޒާނަށް އެނގެއެވެ. ބައެއްފަހަރު ކަންބޮޑުވަނީ އެކަމާއެވެ. އަންހެން ދަރިފުޅުގެ ހިތަށް ލޯބީގެ ނަމުގައި ހެރޭ ތީރަކީ އެ ދަރިފުޅުގެ އުފާވެރިކަން ފުނޑުފުނޑުކޮށްލާ ނުބައި ހަތިޔާރަކަށް ވެދާނޭތީއެވެ. ލޯބީގެ ޝުޢޫރުތަކާއި އެ ވަރުގަދަ ވިންދު އެ ދަރިފުޅުގެ ހަށިގަނޑުގައި ޖަހަންފަށައިފިހެން އަޒާނަށް މިހާރު ހީވަނީއެވެ.

* * * *

ތައްޔާރުވެލައިގެން ނުކުމެ ބޮޑުކޮޓަރީގައި ޓީވީ ބަލާން ޔާނާ އިނެވެ. ޒޭންގެ ފޯނުކޯލު އައީ އެހެން އިންދައެވެ. އެ ކޯލާއެކީ ގޭދޮރުމައްޗަށް ނުކުތް ޔާނާ މަގުގެ ދެފަރާތަށް ބަލާލިއެވެ. އޭރު ވެސް ޒޭނާ ފޯނުން ވާހަކަދައްކަމުން ދިޔައެވެ.

"ކޮބާ، ނުފެނޭ އަދިވެސް، ކޮންތާކުތަ ތިހުރީ" ޔާނާ ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ ޒޭނަށް ބުނަމުން ދިޔައެވެ. އެގެއާ ކައިރީގައި ކަމުގައި ޒޭން ބުނަމުންދިޔަ ނަމަވެސް ޔާނާ ބޯ އަރިކޮށް މަގުގެ ކޮޅު ބަލަމުން ދިޔައީ ޒޭން ފެންނާން ނެތީމައެވެ.

ކުއްލިއަކަށް ދުރުން އައި ރަތްކުލައިގެ ކާރެއް ޔާނާގެ ގޭގެ ކުރިމައްޗަށް މަޑުކޮއްލިއެވެ. ކާރުގެ ކުރީ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލުމާއެކު ހައިރާންވެފައި ހުރެ ޔާނާއަށް ވެސް ބަލާލެވުނީ އެ ކާރު ދުއްވަން އިނީ ކާކުތޯއެވެ. އެހިނދު ޑްރައިވަރު ސީޓުގައި ހުންގާނުގައި އެއްއަތް އަޅުވާލައިގެން އިން ޒޭން ފެނުމުން ޔާނާ އަޖައިބު ވިއެވެ. ޒޭން ލައިސެންސު ނެގިވާހަކައެއް ޔާނާގެ ގާތުގައި ނުބުނެއެވެ. އެހެންވެ އެގޮތަށް ކާރެއްގައި ޒޭން އަތުވެދާނޭ ޔާނާއަށް ޤަބޫލު ނުކުރެވުނީއެވެ. އަވަސް އަވަހަށް ޒޭން ހުޅުވާލި ދޮރުން ކާރުގެ ތެރެއަށް ޔާނާ ދެމިގަތީ މަގުމަތިން ދާމީހުންގެ ނަޒަރުތައް އޭނާއަށް ހުއްޓުނަ ނުދިނުމަށެވެ. ނަމަވެސް އެ ބެލުންތައް އަމާޒު އެ ވަނީ ޔާނާއަށް ކަމެއް ނޫނީ އޮފުދާރު ކުރެވިފައިވާ ރަތްކުލައިގެ އެ ރީތި ކާރަށް ކަމެއް ޝައްކެވެ. ޔާނާގެ ހަޔާތުގައި މިނޫނީ ޕްރައިވެޓް ކާރަކަށް ނާރައެވެ. ރަކި ހިނިތުންވުމަކާއެކު ސީޓުގައި ހަމަޖެހިލިއެވެ. އެއާއެކު ޒޭން ކާރު ދުއްވާލައިފިއެވެ.

"މީ ކާކުގެ ކާރެއް؟" އަހަން ނާހަން އިނދެފައި ވެސް ޔާނާ އެ ސުވާލު ކުރިއެވެ. ޒޭނަކީ މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުކަން ޔާނާއަށް އެނގޭ އިރު ވެސް މެއެވެ.

"މައިން... ސަޅިތަ" ޔާނާއަށް ބަލާލަމުން ދެ ބުމަ ހިއްލާލާ ފޮނިގޮތަކަށް ޒޭން ބުނެލިއެވެ.

"ހޫން!... ހަނދާންވެއްޖެ!... ތި ކާރުގެ ވާހަކަ ދޯ ކުރީން ދުވަހަކު ދެއްކީ، ވަރަށް ސަޅި އިނގޭ... ޒޭންއާ ވަރަށް ގުޅޭ. އެކަމަކު ހީވަނީ ވަރަށް ފޮނިހެން. އަންހެން ކުދީންނަށް ފޮނިދައްކަން އުޅޭ ޕްލޭ ބޯއީއެއްހެން. ދެން ތި ޖަހާ ލަވައިގެ އަޑު މަޑުކޮށްބަލަ. ހީވަނީ ކަންފަތް ބުޑުގައި ހަޅޭލަވާހެން ވިއްޔާ" ޔާނާ ބުނެލިއެވެ. ޔާނާގެ ވާހަކައަހާފައި ޒޭންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ޒޭނަށް ގެއާ ހަމަޔަށް އާދެވެންދެން ވެސް ޔާނާގެ ފަރާތުން އަޑުއިވެމުން ދިޔައީ ތަޢުރީފުގެ ބަސްތަކެވެ. އެކަމާހެދި މީގެ ކުރިން ފޮނިނުވާވަރަށް ޒޭން އިނީ ފޮނިވެފައެވެ. އަދި އެހާ ހިތްހަމަ ވެސް ޖެހިލާފައެވެ. ރީތި އަންހެންކުއްޖަކު ތިމާއަށް ތަޢުރީފު ކުރާން ކޮންމެ ފިރިހެނެއްގެ ހިތް ވެސް އެދޭނެއެވެ. ޒޭނަކީ ވެސް އެފަދަ ޒުވާން ފިރިހެނެކެވެ. ޚާއްޞަކޮށް ޔާނާގެ ފަރާތުން އެފަދަ ބަސްތަކެއް އިވުމުން ޒޭނަށް ޚާއްޞަ ގޮތެއް އިޙުސާސެއް ކުރެވެމުންދިޔައެވެ.

ގެއަށް އާދެވުމާއެކު ދޮރުމަތީ ޕާކު ކުރަން ހަދާފައިއޮތް ތަންކޮޅުގައި ޒޭން ކާރު ޕާކު ކޮއްލިއެވެ. ގިނަދުވަސްތަކެއްވާންދެން ބޭނުން ނުކުރުމުގެ ސަބަބުން ކާރުގައި ކޮންމެވެސް ވަރަކަށް މައްސަލަ އުޅޭކަން ޒޭނަށް ފާހަގަ ކުރެވުނީ މިއަދު ކާރުގައި ދުއްވާލުމުންނެވެ. ނަސީބަކުން ބެލިބެލުމުގައި ކާރުގެ ބުރެކިތަކުގައި އެއްވެސް މައްސަލައެއް ނޫޅެއެވެ. ހަމައެކަނި ތަފާތަކަށްވީ ކާރުގެ އިންޖީނުގައި އިތުރުއަޑެއް ހުރުމާއެކު އޭސީގެ ފިނިމަޑުކަމެވެ.

"އާދޭ..." ޒޭން ގޭގެ މައިދޮރާށި ހުޅުވާލާ އެތެރެއަށް ވަންނަމުން ބުނެލިއެވެ.

ޔާނާ ވަރަށް ނުކެރިފަ ހުރެ ވެސް ޒޭންގެ ފަހަތުން ހިނގައިގަތެވެ. ބޮޑުކޮޓަރިއަށް ވަދެގެން ވަކި ހިސާބަކަށް އާދެވުނުއިރު ގޭތެރޭގައި މެންދުރު ކެއުމަށް ތައްޔާރުވާކަން އެނގޭވަރުވެއެވެ. އަބަދުވެސް ހުސްނާގެ ކެއްކުމަކީ ސިއްރުވާނެކަމެއް ނޫނެވެ. ކާތަކެތީގެ ވަހުން ގޭގައި ހުވަނދު ލެވެމުންދިޔައެވެ. ބަނޑުހައިކަން އިތުރުވާ ފަދަ ހިތްގައިމު ވަސްތަކެވެ.

"ކައިގެން ދޯ އެހެން ކަމެއް ކުރާނީ... ހީވަނީ ކާން ރެޑީވެފަހެން ހުރީ" ޒޭން ކާކޮޓަރިއާ ދިމާއަށް ދަމުން ބުނެލިއެވެ. ޔާނާ ހަމައެކަނި ހިނިތުންވެލީއެވެ. ފެންނަފެނުމަށް އެއީ ދުވަސްވެފައިވާ ގެއެކެވެ. އޭނާ ހުރީ އެ ގޭގެ ބޮޑުކަމާއި ގެ ފަރުމާކޮށްފައިވާލެއް ފުރިހަމަކަމުން އަޖައިބުވެފައެވެ. ނުބަލަން ހުއްޓަސް ޔާނާއަށް އެ ގޭގެ އެކިތަންތަނަށް ނަޒަރު ހިންގާލެވެނީ ބޭއިޚްތިޔާރުގައެވެ. އެ ގެ ހީވަނީ ހުވަފެނީ ގަނޑުވަރެއްހެނެވެ. ހުރިހާ އެއްޗެއްގައި ވެސް ވަނީ ޝާޚީ ގޮތްގަނޑެވެ. މާލޭގައި މިފަދަ ފެންވަރެއްގެ ގެއެއް ހުރިކަން ޔާނާއަށް ޤަބޫލުކުރެވުނީ އަމިއްލަ ލޮލަށް ފެނުނީމައެވެ. ހަމަގައިމުވެސް އޭނާ އުޅޭ އާދައިގެ ގެއާ އަޅާ ވެސް ނުކިޔޭނެއެވެ. ހާސް ފަރަޤު އޭނާއާއި ޒޭންގެ ދިރިއުޅުމުގެ ފެންވަރުގައި އެބަހުއްޓެވެ. ނަމަވެސް އެ ގޭގައި ފަޅުކަމެއް އެކުލެވިގެން ވެއެވެ. ގޭތެރެ މާބޮޑަށް ހަމަހީމެން ވުމަކީ ޔާނާއަށް ކަމުދާ ގޮތެއްނޫނެވެ.

"އަހާ!... ކޮންކުއްޖެއްތަ މިއައީ" ކާކޮޓަރީގައި ހުރި ހުސްނާ ހައިރާންކަމާއެކު ބުނެލިއެވެ.

"ހުސްނައްތާ!... ކިހިނެއްތަ؟" ޔާނާ ލަދުން ހުރެ ބުނެލިއެވެ. ޔާނާ އެ ގެއަށް އަންނާން ޖެހިދާނެކަމަކަށް މީގެ ކުރިން ދުވަހަކުވެސް ހިތަކަށް ނާރައެވެ. އެހިސާބަށް އޭނާގެ ވިސްނުން ނުވެސް ދެއެވެ.

"އާދޭ، އާދޭ، މި ނިމުނީއޭ ކާންހަދާ، ޒޭން ބުނެފައޭ ދިޔައީ ކާން ހަދައްޗޭ، މިއަދު އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިއެއް ގެނަން ވެގެންނޯ، ކުރިން އެނގުނުނަމަތާ ދޯ އެއީ ޔާނާކަން" ހުސްނާ ހިނިއައިސްފައި ހުރެ މޭޒު ދޮށުން ޔާނާ އިށީނުމަށް ގޮނޑިދެއްކިއެވެ.

"އޭރުން އެއްވެސް މަޖަލެއްނުވާނެ، ދައްތަ ވެސް ހީނުކުރަމެއްނު އަޅުގަނޑުގެ ރަޙުމަތްތެރިއަކީ ޔާނާ ކަމަކަށް، ޔާނާ ފެނުމުން ދައްތައަށް ވީގޮތް ފެނުނޭ" ޒޭން ހެމުން ބުނެލިއެވެ. އޭނާގެ ވެސް މޭޒު ދޮށުގައި އިށީނެވެ. ޔާނާއަށް އެ މޭޒުމަތިން ވަރަށް ތަފާތު ކަންތައްތަކެއް ފާހަގަ ކުރެވިގެން ދިޔައެވެ. އެއީ ބިސްބުރެއް ގޮތަށް ހަދާފައިވާ ބިއްލޫރި މޭޒެކެވެ. މޭޒުގެ ކޮޅުގައި ގޮނޑިއެއް ހުރިއިރު ދެފަރާތުގައި، ކޮންމެފަރާތަކަށް ތިން ގޮނޑި ހުއްޓެވެ. ނަމަވެސް ތަފާތަކީ އެއީއެއް ނޫނެވެ. ޔާނާއަށް ތަފާތުވީ މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީންނަން މީހަކު އެތަނަށް ނައިކަމެވެ. އެހެންނަމަވެސް އެތަނުގައި ތަށްޓެއް ބަހައްޓާފައި ވުމެވެ. ޒޭނާއި ޔާނާއަށް ކާން ތައްޔާރު ކުރެވިފައި ހުރި ފަދައިންނެވެ. ޔާނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެއީ ކާކަށް ކީއްކުރަން ތައްޔާރުކޮށްފައިވާ ތަށިތަކެއްބާއެވެ. އެ ޚިޔާލާއެކު ޔާނާއަށް ބަލާލެވުނީ ހުސްނާއަށެވެ. އެމީހުންނާއެކު ކެއުމުގައި ހުސްނާ ވެސް ބައިވެރިވަނީ ކަމަށް ވެދާނެއެވެ.

"ދަރިފުޅު ފެން ވެސް ނުވަރާ ދޯ ތިއައީ ކާން؟" ހުސްނާގެ އެ ޖުމްލަ އަޑުއިވުމުން ޔާނާ އިތުރަށް ހައިރާންވިއެވެ. ހުސްނާ ޒޭނަށް ދަރިފުޅާއޭ މުޚާޠިބު ކުރުމުންނެވެ. ޒޭންގެ މަންމަ އެއް ނުހުރެއޭ ގައިމު ޒޭން ބުންޏެވެ. ދެން ހުސްނާމީ ކާކުބާއެވެ. ޒޭނާ ގާތްކަން އުފެދޭ ވަރަކަށް އޭނާގެ ހަޔާތުގައި ފޮރުވިފައިވާ އެތައް ސުވާލުތަކެއް ފެންމަތިވަމުން ދިޔައެވެ. ޒޭން ގާތު އަހާލާނެ ފުރުޞަތަކަށް ޔާނާ ބަލަބަލާ އިނެވެ.

"އޭރު ދެން އަވަހަށް ދިޔައީ ޔާނާ ބަލާ، ދެން މިހާރު ދިޔައީމަ ޔާން ފޫހިވާނެ އެއްނު، ދޯ" ޒޭން ކައިނިމިގެން ފެންތަށްޓެއް ބޯލަމުން ބުނެލިއެވެ. އޭނަ ޔާނާގެ ނަން އެކިފަހަރު ކިޔަނީ އެކިގޮތަށެވެ. އެކަމާ ޔާނާ މާބޮޑުފަރުވާލެއް ނުބަހައްޓައެވެ. އެހެންނޫނަސް ޒޭން ގޮވާލާ ގޮތް ޚާއްޞައެވެ. އޭނާއަށް "ޔާން"ގެ ނަމުން އެންމެ ފުރަތަމަ މުޚާޠިބު ކުރީ ވެސް ޒޭނެވެ. އެ ނަމުގައި ލޯބި ގޮތެއް ހުންނަކަން ޔާނާގެ ހިތާއި ޟަމީރު އެއްބަސްވެއެވެ.

"ދެން ދޭ ފެންވަރާން... ދަރިފުޅު ހުރީ ނުލާހިކު ހޫނުވެފައި. ޒޭން ފެންވަރާލަންދެން ޔާނާ ގާތުގައި ދައްތަ މަޑުކޮއްލަފާނަމޭ" ޔާނާ ބުނެލިއެވެ.

"އެއީ ތެދެއް... ހުސްނައްތަ ހުންނާނެއެއްނު. އެހާ ވަގުތުކޮޅަކަށް އަޅުގަނޑު ފޫއްސެއްނުވާނެ" ޒޭނާއި ހުސްނާއަށް ބަލާލާފައި ޔާނާ ހިނިތުންވެލިއެވެ.

"ކޮބާ، ދެންވެސް ދޭ އަވަހަށް، ދައްތަ އެމަންޖެ ފޫހިވިޔަކަ ނުދޭނަމޭ" ހުސްނާ ޒޭންއަށް ބުނެލިއެވެ.

ހުސްނާއަށް ތަށިތައް ނަގަން އެހީތެރިވެދޭން ޔާނާ އުޅުނެވެ. އެކަމަކު އެކަމާ އެއްގޮތަކަށް ވެސް ހުސްނާ އެއްބަހެއްނުވިއެވެ. އެކަންތައް ކުރީ އެ ގޭގައި އުޅޭ ލަކްޝްމީއެވެ. އޭނާއަށް ޔާނާ ފެނުމުން ހުސްނާ ގާތު މަޑުމަޑުން އެއީ ކާކުތޯ އެހިއަޑު ޔާނާއަށް ރަގަޅަށް ވެސް އިވުނެވެ. ނަމަވެސް ހުސްނާ ޖަވާބުދިނީ ސިއްރުންނެއްނޫނެވެ. ޔާނާއަށް ބަލާލަމުން އެއީ ޒޭންގެ ރައްޓެހިކުއްޖެއްކަމަށް ހުސްނާ ބުނެލިއެވެ. ލަކްޝްމީ ޔާނާއަށް ހިނިތުންވެލިއެވެ. މިހާތަނަށް ހޮސްޕިޓަލުން ވެސް ލަކްޝްމީއާ ޔާނާ ދިމާވެފައި ނުވެއެވެ. އެހެންވެ އެ ޢާއިލާއާ ޔާނާއާ އޮތް ގުޅުމެއް ލަކްޝްމީއަށް އޮތީ ނޭނގިފައެވެ.

މަސައްކަތް ނިންމާލާފައި ހުސްނާ ނުކުތީ ބޮޑުކޮޓަރިއަށެވެ. ޔާނާ ވެސް ސޯފާގައި އިށީނީ ހުސްނާއަށް ކުރިމަތިވާގޮތަށެވެ.

"ހުސްނައްތަ ނުކަންތަ؟" ޔާނާ އެހެން އަހާލީ ހުސްނާ ގާތު ދައްކާނެ ވާހަކައެއް ނޭނގިގެންނެވެ. އޭނާ އަހަން ބޭނުންވާ ސުވާލުތައް އެހުމުން ހުސްނާ ފަހަރެއްގައި ހިތްހަމަނުޖެހި ރުޅިއައިސްދާނެކަމަށް ހީވެ އެފަދަ ސުވާލެއް ކުރުމުގެ ޚިޔާލު ދޫކޮށްލިއެވެ. (ނުނިމޭ)