ދުނިޔެ

ތޫފާން އިރްމާ އަރާތީ އެމެރިކާގެ 36 މިލިޔަން މީހުންނަށް އިންޒާރު

އެމެރިކާގެ ތިން ވަނަ އަށް އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ ފްލޮރިޑާގެ 36 މިލިޔަން މީހުންނަށް ތޫފާން އިރްމާގެ އަސަރު ކުރާނެ ކަމުގެ އިންޒާރު އެގައުމުގެ ނެޝަނަލް ހަރިކޭން ސެންޓަރުން ދީފިއެވެ.

ނެޝަނަލް ހަރިކޭން ސެންޓަރާ ހަވާލާދީ ސީއެންއެން ބުނީ ބޯ ވާރެއާއި ގަދަ ވަޔާއި ތޫފާނުގެ ރާޅުތަކުގެ ނުރައްްކާ އޮތުމާއި އެކު މުޅި ފްލޮރިޑާ ސްޓޭޓަށް ތޫފާނުގެ އިންޒާރު ދީފައިވާ ކަމަށެވެ. ފްލޮރިޑާ ސްޓޭޓުން ހަ މިލިޔަނަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދަތުރުކުރުމުގެ ފަހުގެ އިންޒާރު ސްޓޭޓް ސަރުކާރާއި މަރުކަޒީ ސަރުކާރުން އިއްޔެގައި ވަނީ ދީފައެވެ.

ތޫފާން އިރްމާގެ ސަބަބުން ކެރީބިއަންގެ ޖަޒީރާތަކުން 21 މީހުން މަރުވެ، އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތައް ލިބުނެވެ. އެގޮތުން އެންޓިގުއާ އެންޑް ބާބިއުޑާއާއި ޕޯޓޯރިކޯއަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ކެޓަގަރީ ފަހެއްގެ ބާރު މިނުގައި ކެރީބިއަން އަށް އެރުމަށް ފަހު ތޫފާން އިރްމާ ކިއުބާއަށް އެރީ ކެޓަގަރީ ހަތަރެއްގެ ބާރުމިނުގައެވެ. ނަމަވެސް ކިއުބާ ދޫކޮށް ފްލޮރިޑާއަށް މިސްރާބު ޖެހުމާއި އެކު ތޫފާނުގެ ބާރު ގަދަވެ، މިހާރު ވަނީ އަނެއްކާވެސް ކެޓަގަރީ ހަތަރެއްގެ ތޫފާނަކަށް ވެފައެވެ.

ތޫފާނުން ރައްކާތެރި ވުމަށް ސަރަހައްދު ދޫކޮށް ދާން އޮތް ފަހު ވަގުތުތައް މިހާރު ގުނަމުންދާ ކަމަށާއި މިހާރު ނުގޮސްފި ނަމަ ދެން އެފުރުސަތު ނުލިބޭނެ ކަމަށް ފްލޮރިޑާގެ ގަވަރުނަރު ރިކް ސްކޮޓް އިއްޔެގައި ވަނީ ވިދާޅުވެފައެވެ.

" ދޫކޮށް ދިއުމުގެ އަމުރެއް ތިޔަބޭފުޅުންނަށް އައިސްފައިވާ ނަމަ ތިޔަބޭފުޅުން މިހާރު ވަޑައިގަންނަވަންވީ. މިއީ ރަނގަޅު ނިންމުމެއް ނިންމަވަން ލިބިވަޑައިގަންނަވާ ފަހު ފުރުސަތު،" އިއްޔެގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ސްކޮޓް ވިދާޅުވިއެވެ.

އެމެރިކާގެ ފެޑެރަލް އިމަޖެންސީ މެނޭޖްމެންޓް އެޖެންސީން އިންޒާރުދީފައި ވަނީ އެއަށް ވުރެ ވެސް ހަރުކަށިކޮށެވެ. އެ އެޖެންސީން ބުނެފައި ވަނީ ސަރަހައްދު ދޫކޮށް ނުދާ މީހުންގެ ކަންތައްތައް ދެން ބަލަހައްޓަން ޖެހޭނީ އެމީހުން އަމިއްލައަށް ކަމަށެވެ. ތޫފާން އަރާ ސަރަހައްދުގައި ތިބޭ މީހަކާ ހަމައަށް އެ އެޖެންސީއަށް ދެން އާދެވޭނީ ތޫފާނުގެ ނުރައްކާތެރިކަން ކެނޑުނު އިރަކުން ކަމަށް ވެސް ބުނެފައި ވެއެވެ.

ކެޓަގަރީ ހަތަރަކަށް ބަދަލުވެފައިވާ ތޫފާން އިރްމާގެ ވައި މިހާރު ހުރީ ގަޑިއަކު 130 މޭލުގެ ބާރުމިނުގައެވެ. އެތޫފާން ފްލޮރިޑާއާ ދިމާލަށް ދަތުރުކުރަމުން ދަނީ ގަޑިއަކު ހަމޭލުގެ ބާރުމިނުގައި ކަމަށް އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން ދާދި ދެންމެއަކު ވަނީ ބުނެފައެވެ. އެ ބާރު މިނުގައި ދަތުރުކުރާ ނަމަ ފްލޮރިޑާއަށް ތޫފާން އަރާނެ ކަމަށް ބެލެވެނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެެއްގައި ކަމަށް ބެލެވެއެވެ. އެމެރިކާއަށް އަދި މިއީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެވެ.