ޑީސަލް އަދި ޕެޓްރޯލް އަޅައިގެން ދުއްވާ ކާރާއި ވޭން އުފެއްދުން މަނާކުރަން ގަސްދު ކުރާކަން ޗައިނާ ސަރުކާރުން ހާމަކޮށްފި އެވެ.
ޗައިނާގެ އިންޑަސްޓްރީ މިނިސްޓަރުގެ ނައިބާ ހަވާލާދީ ބީބީސީ ބުނީ ޑީސަލާއި ޕެޓްރޯލް އަޅައިގެން ދުއްވާ ކާރާއި ވޭން އުފެއްދުން މަނާ ކުރުމަށް ކުރަން ޖެހޭ ދިރާސާތައް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މަނާ ކުރާނެ ވަކި ތާރީހެއް އަދި ކަނޑަނާޅާ ކަަމަށެވެ.
"އެ ފިޔަވަޅުތަކުން އަހަރެމެންގެ ކާރުު އުފެއްދުމުގެ ސިނާއަތަށް ފާހަކޮށްލެވޭ ފަދަ ބަަދަލުތަކެއް އަންނާނެ،" ޗައިނާގެ އިންޑަސްޓްރީ މިނިސްޓަރުގެ ނައިބު ޒިންހުއާ ނިއުސް އެޖެންސީއަށް ވިދާޅުވެފައި ވެއެވެ.
ދުނިޔޭގައި މިދިޔަ އަހަރު އުފެއްދި ކާރުގެ ތިންބައިކުޅަ އެއްބައި އުފައްދާފައި ވަނީ ޗައިނާގަ އެވެ. އެއީ 28 މިލިޔަން ކާރެވެ.
ޑީސަލާއި ޕެޓްރޯލް އަޅަން ޖެހޭ އިންޖީނުތައް އަޅާފައިވާ ކާރުތައް އުފެއްދުން 2040 ވަނަ އަހަރުގެ ކުރިން މުޅިން ހުއްޓައިލަން ގަސްދުކުރާ ކަަމަށް އިނގިރޭސިވިލާތާއި ފްރާންސުން ވެސް ކުރިން ވަނީ ބުނެފަ އެވެ.
ޗައިނާގައި ކާރު އުފެއްދުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ވޮލްވޯ އިން މިދިޔަ ޖުލައިމަހު ބުނެފައި ވަނީ އެ ކުފުންފުނިން 2019 ވަނަ އަހަރުން ފެށިގެން އުފައްދާ ކާރުތަކުގައި ތެޔޮ އަޅަން ޖެހޭ އިންޖީނުތަކުގެ ބަދަލުގައި ބޭނުންކުރާނީ އިލެކްޓްރިކް މޯޓަރުތަކެއް ކަމަށެވެ. ވޯލްވޯގެ ޗައިނާ ގޮފި، ގީލީ އިން ބުނެފައި ވަނީ އެ ކުންފުނިން ބޭނުންވަނީ 2025 ވަނަ އަހަރުގެ ކުރިން އެއް މިލިޔަން އިލެކްޓްރިކް ކާރު ވިއްކަން ކަމަށެވެ.
ޗައިނާއަކީ ދުނިޔޭގެ ޖައްވަށް ކާބަން ޑައި އޮކްސައިޑް އެންމެ ގިނައިން ބޭރުކުރާ އެއް ގައުމެވެ. އެގޮތުން ގިނައިން ކާބަން ޑައި އޮކްސައިޑް އުފެދޭ ގޮތަށް ބޯޓު ދެލި އަންދައިގެން ސިނާއީ މަސައްކަތްތައް ކުރާތީ އެގައުމަށް ވަނީ ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވެފަ އެވެ.