ދުނިޔެ

މެކްސިކޯގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 90 އަށް

މެކްސިކޯއަށް މިދިއަ ބުރާސްފަތި ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 90 އަށް އަރައިފި އެވެ. މަރުވި މީހުންގެ އަދަދު އިތުރުވީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އިތުރު މީހުންގެ ހަށިތައް ފެނުމުންނެވެ.

މެކްސިކޯއަށް އައީ ރިކްޓަ މިންގަނޑުން 8.1 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. އެ ގައުމުން ކުރިން ބުނެފައި ވަނީ އެެއީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. އެ ބިންހެލުމުގެ ލޮޅުން ބިންހެލުމުގެ މަރުކަޒާ 1000 ކިލޯ މީޓަރު ދުރުގައިވާ މެކްސިކޯ ސިޓީއާއި ގުއާޓެމާލާ ސިޓީގައި ތިބި މީހުންނަށް ވެސް އިހުސާސްް ވިއެވެ. އެގޮތުން ޖުމްލަ 50 މިލިޔަން މީހުންނަށް އެ ބިންހެލުން އިހުސާސްވި އެވެ.

ގިނަ ބަޔަކު ނިދާފައި ތިއްބައި އައި އެ ބިންހެލުމަށް ފަހު އިތުރު އެތައް ލޮޅުމެއް އެރި ކަމަށް އެމެެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ރެކޯޑްކޮށްފައި ވެއެވެ. ފަހުން އައި ލޮޅުންތަކުގެ ތެރޭގައި ރިކްޓަ މިންގަނޑުން 5.0 ގެ ބާރުމިނުގެ ލޮޅުންތައް ވެސް ހިމެނެ އެވެ.

ބިންހެލުމުގެ ސަބަބުންް މެކްސިކޯއިން މަރުވި ގިނަ މީހުން މަރުވެފައި ވަނީ އޯޝާސާ ސްޓޭަޓުންނެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ.

މެކްސިކޯއަށް ބިންހެލުން އައީ ތޫފާން ކާޓިއާ ވެސް އެގައުމަށް އަރާފައި ވަނިކޮށެވެ. ކެޓަގަރީ އެކެއްގެ ހަރިކޭން އެއްގެ ގޮތުގައި އެރި އެ ތޫފާން މިހާރު ވަނީ ބާރު ދެރަވެ، ޓްރޮޕިކަލް ޑިޕްރެޝަން އަކަށް ބަދަލުވެފައެވެ.