ވިޔަފާރި

އަލްޝާލީ އިން ގެނެސްދެނީ މޫދު ކުޅިވަރަށް ހާއްސަ އުޅަނދެއް!

  • އެހާވީސް ފޫޓުގެ ހިތްގައި ލޯންޗެއް
  • މޫދު ކުޅިވަރުތަކަށް ހާއްސަ
  • އަގު އެކަށީގެންވޭ، ފުރިހަމަ

ދަރުބާރުގޭގައި، މޯލްޑިވްސް މެރިން އެކްސްޕޯ 2017 ކުރިއަށްދާއިރު، މި ފެއާގައި ބައިވެރިވި އެއް ކުންފުންޏަކީ އަލްޝާލީ މެރިން މޯލްޑިވްސް އެވެ. ސުވާލަކީ މި ކުންފުނިން މި ފެއާ ހިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ މި ފަހަރު ގެ ފެއާ އަށް އަލްޝާލީ އިން ގެނެސް ދިނީ ކޯޗެއް ހެއްޔެވެ؟

"މެރިން އެކްސްޕޯއަކީ މެރިން އިންޑަސްޓްރީގެ އެންމެ ބޮޑު ޕްލެޓް ފޯމް. އަޅުގަނޑުމެން މި ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ މި ކަމަށް ހިތްވަރު ދީ ތަރުހީބު ދިނުން. މިކަން ކުރުމަށް [މެރިން އެކްސްޕޯ] އަށް މަގު ފަހި ކުރުން،" އަލްޝާލީ މެރިންގެ އޮޕަރޭޝަން މެނޭޖަރު އިސްމާއިލް ޝަރީފު، ދަރުބާރުގޭގައި ހުރެ "އަވަސް" އަށް ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ މެރިން އެކްސްޕޯގައި އަލްޝާލީ މެރިން މޯލްޑިވްސް އިން ބައިވެރިވެ، ހާއްސަ އުޅަނދެއް ދަނީ ބައިވެރި ކުރަމުންނެވެ. ކ. ތިލަފުށީގައި ބޯޓުޔާޑު ހިންގާ ކުންފުނިން މި ފެއާގައި ހާއްސަ މިފަހަރު ގެނެސްފައިވަނީ މޫދު ކުޅިވަރުތަކުގައި ބޭނުން ކުރުމަށް ހާއްސަކޮށް ބަނދެފައިވާ އުޅަނދެކެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މަގުސަދަކީ މާކެޓަށް އަބަދު ވެސް ތަފާތު އެއްޗެއް ނެރުން ކަމަށެވެ. އަދި ތަފާތު އެއްޗެއް ނެރޭއިރު އެންމެ ބޮޑަށް ބަލަނީ އެއިރަކަށް ބޭނުންވާ، މަގުސަދު ހާސިލްވާނެ އެއްޗެއް ނެރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ދެ އަހަރު ކުރިން އަޅުގަނޑުމެން ވާނެ 24 ފޫޓުގެ އުޅަނދެއް ނެރެފަ. މިދިޔަ އަހަރު ވެސް ތަފާތު އެއްޗެއް ނެރުނިން. މި ފަހަރު މި ނެރެފައި މިވަނީ 21 ފޫޓުގެ ލޯންޗެއް،" ޝަރީފު ވިދާޅުވިއެވެ.

މި ލޯންޗުގެ ތަފާތަކީ ކޮބާ؟

އަލްޝާލީގެ ކޮންމެ ލޯންޗަކީ ވެސް ކަނޑަ ވަރުގަދަ، އަދި ގެންގުޅެލަން ފަސޭހަ އުޅަނދު ތަކެވެ. ހާއްސަކޮށް މި އުޅަނދުތައް ފަރުމާކުމުގައި އެންމެ ބޮޑަށް ބަލަނީ ބޭނުންކުރާ މީހުން ގެންގުޅެން އެންމެ އެކަށީގެންވާ އެއްޗަކަށް ހެދުމެވެ. އެހެންވެ މިފަހަރު މޫދު ކުޅިވަރުތަކަށް ހާއްސަކޮށް ނެރެފައިވާ "ކެނަރީ 21" ލޯންޗު ވެސް އެކަމަށް ވަރަށް ބޮޑަށް ވަނީ ބަލާފަ އެވެ. މި ލޯންޗުގައި ހައެއްގެ މީހުންގެ ޖާގަ ހުންނާނެ އެވެ.

"ގެސްޓްހައުސްތަކާއި ރިސޯޓުތަކުގެ ޕްރައިވެޓް އެކްސްކާޝަންސް އަށް މި ވަރަށް އެކަށީގެން ވާނެ. ސޭންޑް ބޭންކުތަކަށް ގޮސްލަން ރަނގަޅު ވާނެ. މީއީ ވަރަށް ތިލަ ތަންތަނުގައި ދުއްވާލެވޭ އެއްޗެއް. މީގެ ދެކޮޅުގައި ވެސް އެފޯޑަބަލް ޗެއާ [ސިޑި] ހުންނާނެ،" ޝަރީފު ވިދާޅުވި އެވެ.

ދެކޮޅުގައި ސިޑި ހުރުމުގެ ބޭނުމަކީ ކޮބާ؟

"މީގެ [ދެކޮޅުގައި ސިޑި] ހުރުމުގެ ބޭނުމަކީ ސަން ބާތް ކުރަން ސޭންޑް ބޭންކަށް ގޮސް ރަށަށް ނޫނީ ރިސޯޓަށް އައިސް މޫދަށް ނުފައިބައި ލޯންޗަށް އެރުން. ބައެއް ޓޫރިސްޓުން ބޭނުމެއް ނުވާނެ ތެމިގެން ލޯންޗަށް އަރައި ފައިބާކަށް. އެހެންވެ ކުރީގައި ސިޑިއެއް ބަހައްޓަނީ. އޭރުން ބީއްސާލާފައި ހުންނައިރު ސިޑިން އެރޭނެ. މިއީ ސްނޯކްލިން އަށް ގޮސްލަން ވެސް އެކަށީގެންވާ އެއްޗެއް،" ޝަރީފު ވިދާޅުވި އެވެ.

މި އުޅަނދު ގަންނަން ބޭނުންވާ މީހުންނަށް ފްލެކްސިބަލް ކޮށް ފައިދާ ދައްކާލެވޭނެ އިންތިޒާމުވެސް، އަލްޝާލީ މެރިން މޯލްޑިވްސް އިން ހަމަޖައްސައިދެ އެވެ.

"މީގައި ފްލެކްސިބަލް ޕޭމަންޓް ޓާމް ހުންނާނެ،" ޝަރީފު ވިދާޅުވި އެވެ.