ދުނިޔެ

ރޯހިންޔާ މުސްލިމުންނަށް ކުރާ އަނިޔާ ސޫޗީ ނުހުއްޓުވާނެ

މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅުނު ރޯހިންޔާ ދަރިކޮޅުގެ 1،5 މިލިޔަން މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު މަރައި، 30000 ވަރަކަށް މީހުން ވަނީ ރަށުން ބޭރު ކޮށްލާފަ އެވެ. މިޔަންމާ ސިފައިން ހިންގަމުންދާ މީހުން ރަށުން ބޭރު ކުރުމުގެ ކަންތައް އަދިވެސް ދަނީ ކުރިއަށެވެ. ސަރަހައްދުގައި އެމީހުންނާ ހަނގުރާމަ ކުރަމުންދާ އަރާކަން ރޯހިންޔާ ސެލްވޭޝަން އާމީ (އަރްސާ)ގެ ހަނގުރާމަވެެރިންނާ ވެސް އެކަމުގައި އެއްބާރުލާން މިޔަންމާ ސިފައިން ތިބީ ތައްޔާރަށެވެ.

ރަކީން ސްޓޭޓްގެ ހާލަތު ބަލަމުން އަންނަ ބައިނަލް އަގުވާމީ ނޫސްވެރިންނަށް އިއްޔެފައި ފެނިފައި ވަނީ އެ މަންޒަރެވެ. ރަށުން ފައިބައިގެން ދާނަމަ ރޯހިންޔާ މުސްލިމުންނަށް ސަލާމަތުން ދެވޭނެ މަގު ތަނަަވަސް ކޮށްދޭން މިޔަންމާ ސިފައިން ވަނީ އަރްސާގެ ހަނގުރާމަވެރިންނަަށް ވެސް އެއްބާރުލުން ދީފައެވެ.

އެތައް ގަރުނެއް ކުރީއްސުރެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އައި އެ ދަރިކޮޅުގެ މީހުންގެ ވަސް ސަރަހައްދުން ފުހެލުމުގެ ވަރުގަދަ ކެމްޕޭނެއް މިޔަންމާ ސިފައިން ކުރިއަށް ގެންދާއިރު އެގައުމުގައި ވެރިޔަކަށް ހުރީ ހަރުކަށި ބުޑިސްޓް ނެޝަނަލިސްޓެއްގެ ގޮތުގައި މަޝްހޫރުވި ބޭފުޅެއް ނޫނެވެ. އިތުރު ތައާރަފަކަށް ވެސް ބޭނުން ނުވާ އަން ސަން ސޫޗީއެވެ. އޭނާއަކީ މިޔަންމާގައި 1980 ވަނަ އަހަރުން ފެށިގެން އޮތް އަސްކަރީ ވެރިކަމުގެ ފަރާތުން އެކި ފަހަރު މަތިން ބަންދުގައި ބެހެއްޓުމުން ވެސް ގޮތް ދޫ ނުކުރައްވައި ހުންނެވި ބޭފުޅެކެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގަށް ވަކާލާތު ކުރައްވައި ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ސޫޗީއާ އެކި ފަހަރު މަތިން ބައްދަލުކޮށް އިންޓަވިއު ކުރި ފާގަލް ކިއާނީ ބީބީސީގެ ވެބްސައިޓްގައި އިއްޔެ ޝާއިކުރި ރިޕޯޓްގައި ރޯހިންޔާ މުސްލިމުންގެ ދިފާއުގައި ސޫޗީ މަސައްކަތް ނުކުރައްވާނެ ކަން ޔަގީންވާ ކަމަށެވެ.

ރޯހިންޔާ ދަރިކޮޅުގެ ހައްގުތައް ހޯދައިދޭން ސޫޗީ ނޫޅުއްވަނީ ކީއްވެ؟

ކިއާނީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސޫޗީއަކީ ވަރަށް ގޮތް ދޫނުކުރައްްވާ ބޭފުޅެއް ކަމަށެވެ. ކަމެއްގައި އޭނާ ގޮތެއް ނިންމަވައިފި ނަމަ އެގޮތް ދޫނުކުރައްވައި ހިފަހައްޓަވައެވެ. މިޔަންމާގެ އަސްކަރީ ސަރުކާރާއި ކުރިމަތި ލެއްވި އިރު ގޮތް ދޫނުކުރައްވައި ހުންނެވި ބީދައިން މިހާރު އޭނާ ކުރައްވާ ކަމަކީ ރޯހިންޔާ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން ލާއިންސާނީ އަމަލުތައް ހިންގާ ކަން ދޮގު ކުރެއްވުމެވެ. ކުރިން ހައްްގުތަކާއި މިނިވަންކަން ހޯއްދެވުމަށް ބޭނުން ކުރެއްވި ގޮތް ދޫނުކުރެއްވުމުގެ އުކުޅު މިހާރު ބޭނުން ކުރައްވަނީ ރޯހިންޔާ މީހުންގެ މައްސަލައިގައި ބައިނަލް އަގުވާމީ ގޮތުން ކުރިމަތިކުރަމުން އަންނަ ފާޑުކިއުންތަކަށް އިޖާބަ ނުދެއްވުމުގައެވެ. ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެން ތިއްބެވި އެހެން ބޭފުޅުން ކުރައްވާ އިލްތިމާސް ތަކަށް ވެސް ބީރު ކަންފަތްޕުޅެއް ދެއްވަނީ އެމޭރުމުންްނެވެ.

ރޯހިންޔާ މީހުންނާ މެދު ސޫޗީ ދެކެވަޑައިގަންނަވަނީ ކިހިނެތް؟

ސޫޗީ ދެކެވަޑައިގަންނަވާ ގޮތުގައި ރޯހިންޔާ މުސްލިމުންނަކީ ރަކީން ސްޓޭޓަށް ގޮސް ތިބި އެހެން ގައުމެއްގެ ބައެކެވެ. އަދި އެމީހުންނާ މިޔަންނާ ސިފައިންނާ ދެމެދު ހިނގަމުންދާ ކަންތައްތަކީ ޓެރަރިޒަމްގެ ކަންތައްތެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިޔަންމާ ސިފައިން ރޯހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރަކާތަކީ ޓެރަރިޒަމްގެ ހަރަކާތްތަކެއް ނައްތައިލަން ކުރާ މަސައްކަތެކެވެ. ކުރިން ދެއްވި ބައެއް އިންޓަވިއުތަކުގައި އޭނާ ވަނީ ސާފުކޮށް އެގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.

އަސްކަރިއްޔާގެ މައްޗަށް ނުފޫޒެއް ނެތް

ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަަންމާ ސިފައިން ހިންގަމުންދާ ޖަރީމާތައް ސީދާގޮތުންް ހުއްޓުވުމުގެ ބާރެއް ސޫޗީއަކަށް ލިބިވަޑައިގެނެއް ނުވެއެވެ. މިޔަންމާގައި އަދި އޮތީ މުޅިން މަދަނީ ސަރުކާރެއް ނޫނެވެ. އެގައުމުގައި އިންތިހާބެއް ބޭއްވިޔަސް އަދި އުޅެނީ ބަދަލު ވުމުގެ މަރުހަލާގައެވެ. އެކަމުގައި ސޫޗީގެ ޕާޓީއާ އަސްކަރިއްޔާއާ ދެމެދު އޮތް ޑީލަކީ އަސްކަރީ ކަންތައްތުގައި އަސްކަރީ ބާރުތައް މިނިވަންކޮށް ބޭތިއްބުމެވެ. މަދަނީ ސަރުކާރުގެ އަމުރު ނުހިނގާ ގޮތަށެވެ.

ސޫޗީގެ ކުށް ވަރަށް ބޮޑު

މިޔަަންމާ ސިފައިންގެ މައްޗަށް ސޫޗީގެ ސީދާ ކޮންޓްރޯލެއް ނެތަސް އޭނާއަށް ކުރެއްވޭނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ސިފައިން ހިންގަމުން ގެންދާ ޖަރީމާތައް އެއީ ޖަރީމާތަކެއްގެ ގޮތުގައި ގަބޫލުކުރެއްވުމެވެ. ދެވަނަ ކަމަކީ އެކަން ހުއްޓުވުމަށް ބައިނަލް އަގުވާމީ ގޮތުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމެވެ.

ނަމަވެސް އޭގެ ބަދަލުގައި ސޫޗީ މިހާރު ކުރައްވާ މަސައްކަތްޕުޅަކީ މިޔަންމާ ސިފައިންނަށް ބައިނަލް އަގުވާމީ ގޮތުން އަންނަ ފާޑުކިއުންތަކަށް ރައްދު ދެއްވުމެވެ. އަދި އެމީހުންނާ ދެކޮޅަށް އދ. އިން ފިޔަވަޅެއް އެޅިޔަ ނުދިނުމަށް އޭނާ ވަނީ ރަޝިޔާއާ އެކު މަސައްކަތް ކުރައްވަން ފަަށްޓަވާފައެވެ. އެހެންވީމާ ސިފައިންގެ މައްޗަށް ބާރެއް ނުހިންގެވުނަސް ސޫޗީ ހުންނެވީ އެމީހުން ހިންގާ ޖަރީމާތަކުން ބަރީއަވެވަޑައިގެންނެއް ނޫނެވެ. އަމަލީ ގޮތުން އެކަމުގައި ބައިވެރިވަޑައިގެންނެވެެ.