ދުނިޔެ

ތޫފާން އިރްމާ އެމެރިކާގެ ފްލޮރިޑާއަށް އަރައި އެކަކު މަރުވެއްޖެ

ބާރުގަދަ ތޫފާނެއް ކަމަށްވާ 'ހަރިކޭން އިރްމާ" އެމެރިކާގެ ފްލޮރިޑާއަށް އަރުމުގެ ސަބަބުން ބޮޑެގި ގެއްލުންތައް ވެ އެކަކު މަރުވެއްޖެއެވެ.

ސްކައި ނިއުސް ބުނީ ފްލޮރިޑާގެ މިލިޔަނަކަށް ވުރެ ގިނަ ގެއިން މިހާރު ކަރަންޓް ކެނޑިފައިވާ ކަމަށާއި ތޫފާނުގައި ވައި ޖެހެމުން ދަނީ ގަޑިއަކު 130 މޭލުގެ ބާރުމިނުގައި ކަމަށެވެ. ތޫފާނުގެ ސަބަބުން އެކަކު މަރުވި ކަމަށް އެ އެޖެންސީން ބުނި ނަމަވެސް އެކަމުގެ ތަފުސީލެއް އދި ނުދެއެވެ.

ނެޝަނަލް ހަރިކޭން ސެންޓަރުން ކުރިންް ބުނެފައި ބޯ ވާރެއާއި ގަދަ ވަޔާއި ތޫފާނުގެ ރާޅުތަކުގެ ނުރައްްކާ އޮތުމާއި އެކު މުޅި ފްލޮރިޑާ ސްޓޭޓަށް ތޫފާނުގެ އިންޒާރު ދީފައިވާ ކަމަށެވެ. ފްލޮރިޑާ ސްޓޭޓުން ހަ މިލިޔަނަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދަތުރުކުރުމުގެ ފަހުގެ އިންޒާރު ސްޓޭޓް ސަރުކާރާއި މަރުކަޒީ ސަރުކާރުން އިއްޔެގައި ވަނީ ދީފައެވެ.

ތޫފާން އިރްމާގެ ސަބަބުން ކެރީބިއަންގެ ޖަޒީރާތަކުން 21 މީހުން މަރުވެ، އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތައް ލިބުނެވެ. އެގޮތުން އެންޓިގުއާ އެންޑް ބާބިއުޑާއާއި ޕޯޓޯރިކޯއަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ކެޓަގަރީ ފަހެއްގެ ބާރު މިނުގައި ކެރީބިއަން އަށް އެރުމަށް ފަހު ތޫފާން އިރްމާ ކިއުބާއަށް އެރީ ކެޓަގަރީ ހަތަރެއްގެ ބާރުމިނުގައެވެ. ނަމަވެސް ކިއުބާ ދޫކޮށް ފްލޮރިޑާއަށް މިސްރާބު ޖެހުމާއި އެކު ތޫފާނުގެ ބާރު ގަދަވެ، މިހާރު ވަނީ އަނެއްކާވެސް ކެޓަގަރީ ހަތަރެއްގެ ތޫފާނަކަށް ވެފައެވެ.

ތޫފާނުން ރައްކާތެރި ވުމަށް ސަރަހައްދު ދޫކޮށް ދާން އޮތް ފަހު ވަގުތުތައް މިހާރު ގުނަމުންދާ ކަމަށާއި މިހާރު ނުގޮސްފި ނަމަ ދެން އެފުރުސަތު ނުލިބޭނެ ކަމަށް ފްލޮރިޑާގެ ގަވަރުނަރު ރިކް ސްކޮޓް އިއްޔެގައި ވަނީ ވިދާޅުވެފައެވެ.

" ދޫކޮށް ދިއުމުގެ އަމުރެއް ތިޔަބޭފުޅުންނަށް އައިސްފައިވާ ނަމަ ތިޔަބޭފުޅުން މިހާރު ވަޑައިގަންނަވަންވީ. މިއީ ރަނގަޅު ނިންމުމެއް ނިންމަވަން ލިބިވަޑައިގަންނަވާ ފަހު ފުރުސަތު،" އިއްޔެގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ސްކޮޓް ވިދާޅުވިއެވެ.

އެމެރިކާގެ ފެޑެރަލް އިމަޖެންސީ މެނޭޖްމެންޓް އެޖެންސީން އިންޒާރުދީފައި ވަނީ އެއަށް ވުރެ ވެސް ހަރުކަށިކޮށެވެ. އެ އެޖެންސީން ބުނެފައި ވަނީ ސަރަހައްދު ދޫކޮށް ނުދާ މީހުންގެ ކަންތައްތައް ދެން ބަލަހައްޓަން ޖެހޭނީ އެމީހުން އަމިއްލައަށް ކަމަށެވެ. ތޫފާން އަރާ ސަރަހައްދުގައި ތިބޭ މީހަކާ ހަމައަށް އެ އެޖެންސީއަށް ދެން އާދެވޭނީ ތޫފާނުގެ ނުރައްކާތެރިކަން ކެނޑުނު އިރަކުން ކަމަށް ވެސް ބުނެފައި ވެއެވެ.