ސުނީތާ އަލީ އަބަދުވެސް ބުނާ ވާހަކައެއް އޮވެ އެވެ. ޕްރިޔަންކާ ޗޯޕްޅާ އަކީ އޭނާގެ ދިރިއުޅުމުގެ ދިމާވި އެންމެ ރަނގަޅު އެއް ކަންތަކެވެ. އެ ވާހަަކައެއް ބުނިފަހުން ބަޔަކު މީހުން ނިކަން މަލާމާތްކޮށް ޖޯކުވެސް ޖެހި އެވެ. ސުނީތާ އާ ދިމާއަށް ނުގޮވާކަށް އެއްޗެއް ނެތެވެ. އެހެން ނަަމަވެސް 2015 ވަނަ އަހަރުގެ ފެށުން ފާހަގަކުރަން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޕްރިޔަންކާ މާލެ ގެނެސް އެންމެންގެ ކުރިމައްޗަށް ނެރުމާއެކު ޝޯ ބަލަން ގަލޮޅު ދަނޑަށްވަދެ ތިބި މީހުންގަނޑު ހީވީ ޕްރިޔަންކާ ނަގައިގަނެގެން ގެންގޮސްފާނެ ހެންނެވެ.
އޭރު ޓުވިޓާ ތެރޭގައި ސުނީތާ އޭނާގެ ހިތުގައި ޕްރިޔަންކާއަށް އޮތް ލޯބި ފާޅުކޮށް އެވާހަކަ ދައްކާ ޕްރިޔަންކާއަށް ތައުރީފް ކުރަން ފެށުމުން އެއް ބަޔަކު ލަދުން ސުނީތާ އަންފޮލޯ ކޮށްފިއެވެ. އެއިން ސުނީއަށް ކުރި އަސަރެއް ނެތެވެ. އޭގެ ބަދަލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕްރިޔަންކާގެ ފޭނުންތައް ސުނީ ފޮލޯކޮށް އޭނާ އާ ރައްޓެހިވެއްޖެ އެވެ. ސުނީގެ ޓުވީޓުތައް ކަމުގޮސް ގިނަ މައުލޫމާތުތައް ދީ ސުނީގެ ޓުވީޓުތައްވެސް ރީޓުވީޓު ކުރަން ފެށި އެވެ.
އެއިން އެކަަކަކީ ލުބުނާންގެ ހިންދު އަލް ހަސަން އެވެ. މީގެ ތިން އަހަރު ކުރިން ސުނީތާ އާ ހިންދު ދިމާވީ ޓުވިޓާ އިންނެވެ. ޕްރިޔަންކާގެ ފޭނެއްގެ ގޮތުގަ އެވެ. ސުނީތާއެކޭ އެއްގޮތަށް ހިންދުއަކީ ވެސް ޕްރިޔަންކާގެ ހިތަށް ވެރިވެފައިވާ ނިކަން ކުޅަދާނަ ގްރެފިކް ޑިޒައިނަރެކެވެ. ޓުވިޓާ ތެރެއިން އުފެދުނު އެކުވެރިކަމުގައި ހިންދު އަބަދުވެސް ބޭނުންވީ ސުނީތާ އާ ބައްދަލުކޮށްލަން ސުނީތާ ލުބުނާނަށް ގެންދާށެވެ.
އަހަރެއްހާ ދުވަސް ކުރިން ފެށި އެ މަސައްކަތުން މި މަމަހުގެ އަށް ވަނަ ދުވަހު ހިންދު، ސުނީތާ ލުބުނާނަށް ގެންގޮސްފި އެވެ. ޓިކެޓާއި ހުރުމާއި ކެއުން އަދި ދަތުރުފަތުރު ކުރުމާއި އެހެނިހެން ހުރިހާ ހަރަދެއް ކުރަނީ ހިންދު އެވެ. އޭގެ އިތުރުން ސުނީގެ ސީޑީތަކުގެ ކަވަރާއި ސުނީގެ ލޯގޯ އަދި ސުނީގެ ފޮޓޯތައް ވެސް ހިންދު ކުރަހައިދެ އެވެ.
"ހިންދު ކަމަކީ މުޅި ލުބުނާނު މަށަށް ދެއްކުން، ގިނަ ތަންތަނަށް ދެވިއްޖެ، އަނެއްހެން ރެސްޓު ދަތުރެއް މީ، އީދުގައި ޝޯތައް ދޭން ބުރަކޮށް އުޅެ އުޅެ ވަރަށް ވަރުބަލިވެފައި ހުރީވެސް، ހިންދު އާ ދިމާވެ ހިންދުގެ އާއިލާ އާވެސް މިހާރު މި ބައްދަލުވީ، ވަރަށް ހިތްހެޔޮ ބައެއް" ލުބުނާނުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ސުނީތާ ބުންޏެވެ.
"އަހަރެން މިކޮޅުގައި މި ހުންނަނީ ހިންދުމެން ގޭގައި، ހިންދުގެ މަންމަވެސް ވަރަށް ލޯބިވޭ، އަބަދު އިންނަނީ ކައިރީގައި ފިރުމާލަ ފިރުމާލަ، އަނެއްކާ އެހާ ގިނައިން ކާންދޭ، ފަލަވާނެ ކަންނޭނގެ މާލެ ދާންވާއިރަށް، މިހާރު އެހެންވެސް ބުނެފިން ފަލަވެއްޖެޔާ ނުއެއް ނެށޭނެ، އެކަމަކު ހަމަ މަގޭ ދެކެ ވާ ލޯބިން ކާން ދެނީ،" ނިކަން ހެވިފައި ހުރެ ސުނީ ކިޔައިދިނެވެ.
ހިންދު އާއި ސުނީތާ އާ ދެމީހުން އެކުގައި ޕްރިޔަންކާއަށް ހާއްސަ ހަދިޔާއެއް ތައްޔާރު ކުުރުމުގެ ވިސްނުމެއްވެސް އެބަހުއްޓެވެ. ސުނީ ބުނީ އެއާ ބެހޭ ތަފްސީލް ފަހުން ދޭނެ ކަމަށެވެ. ސުނީ އެނބުރި މާލެ އަންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މިހާރުވެސް ޝޯ ދޭން އެކި ތަންތަނުން އޭނައަށް ދަނީ ގުޅަމުންނެވެ.
"އަހަރެން ޝުކުރު އަދާކުރަން ބޭނުން ޕީސީއަށް، ޕީސީގެ ސަބަބުން މިހާ ރަނގަޅު ރައްޓެއްސަކާއި މި ދިމާވީ، އަނެއްކާ އެހާ ލޯބި އާއިލާއެއްވެސް ލިބިއްޖެ، ހުރިހާ ޝުކުރެއް ހަމަ ޕީސީއަށް،"
ޕީސީ އަކީ ސުނީތާއަށް ލިބުނު ރަނގަޅެކޭ ބުނުމުން މަލާމާތް ކުރި މީހުން ކޮންމެ އެއްޗެއް ކިޔަސް ސުނީ ދެރަ ނުވަނީ މިހެންވެ އެވެ. މިކަހަލަ އެތައް ކަމެއް އޭނާއަށް ލިބެމުންދާތީ އެވެ.