ވިޔަފާރި

ފުށިފަރު ރިސޯޓު މި އަހަރު ހުޅުވަނީ

ޅ. ފުށިފަރު ރިސޯޓު މި އަހަރުގެ ފަހުކޮޅު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ވެބްސައިޓުގައިވާ ގޮތުން، ފުށިފަރު އިންވެސްޓްމަންޓުން ތަރައްގީ ކޮށްފައިވާ މި ރިސޯޓު ވެގެންދާނީ ފުރިހަމަ ހިދުމަތްދޭ ރާއްޖެ އަށް ޒިޔާރަތް ކުރާ މެހުމާނުންނަށް ހިތްހަމަ ޖެހުން ގެނުވައިދޭ ރިސޯޓަކަށެވެ.

ފުށިފަރު ރިސޯޓުގައި 49 މޫދު ކޮޓަރި ހުންނައިރު ރިސޯޓުގެ ވިލާތަކަށް ނަން ދީފައިވަނީ ދިވެހި ނަން ތަކުންނެވެ. މިގޮތުން މި ތަނުގައި "މާކަނޑު" ގެ ނަމުން ނަން ދީފައިވާ ވިލާއަކާއި "އެތެރެވަރި" އަދި "ކަނޑު އޮއެ" ގެ ނަން ދީފައިވާ ވިލާ އެއް ވެސް ހުރެ އެވެ.

މީގެ އިތުރުން، ފުށިފަރުގައި 18 ބީޗު ވިލާ ޕްރައިވެޓް ޕޫލާއެކު ހުންނައިރު، 26 ބީޗު ވިލާ އާއި ފަސް ވޯޓާ ވިލާ ވެސް ހަދާފައިވެ އެވެ.

މި ރިސޯޓުގައި ކެއުން ބުއިމުގެ ހިދުމަތް ދޭން ފެންވަރު ރަނގަޅު ތިން ތަނެއް ހުންނާނެ އެވެ. މީގެ ތެރޭގައި ބައިނަލް އަގުވާމީ ރަހަތައް ހިމެނޭ "ކޮރަކަލި" ރެސްޓޯރެންޓާއި މޫދު ކާނާ (ސީފުޑް) ގެ ރަހަތަކުން ހިތް ގައިމުކަން ގެނެސްދޭ "ރާކަނި ގްރިލް" ގެ އިތުރުން "ފަނި ހަނ ދިބާ" ހިމެނެ އެވެ. އަދި މި ރިސޯޓުގައި ފަސް ކޮޓަރި ހިމެނޭ ގޮތަށް ފުރިހަމަ ސްޕާއެއް ވެސް ހުންނާނެ އެވެ. މީގެ އިތުރުން މޫދު ކުޅިވަރުތަކާއި އެހެނިހެން ހިދުމަތްތައް ވެސް މި ރިސޯޓުން ލިބޭނެ އެވެ.