ދުނިޔެ

އެކްސިޑެންޓަކާ ގުޅިގެން ސިރިސޭނާގެ ބޭބެ ހައްޔަރުކޮށްފި

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ބޭބެ ނަނާސިރީ ޕަގްނަރަތުނަ ސިރިސޭނާ (ލާލް ސިރިސޭނާ) ގެ ކާރުން ޖެހި ދެ މީހަކު މަރުވުމުން ލަންކާ ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ މޮޓޯ ސައިކަލެެއްގައި ދިޔަ ދެ މީހުންގެ ގައިގައި ކާރުން ޖެހި އެމީހުން މަރުވުމުން ލާލް ސިރިސޭނާ ފުރަތަމަ ފިލި ކަމަށެވެ. ނަމަވެސް އޭނާ ފަހުން ވަނީ އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެފައެވެ.

ލަންކާގެ ޕޮލޮންނަރުވާ ނަމަކަށް ކިޔާ ރަށުގައި ހޮނިހިރު ދުވަހު ހިނގި އެހާދިސާގައި މަރުވީ އެލްއެމްޔޫޖޭއެމް ބުއްދާސާ ނަމަކަށް ކިޔާ އުމުރުން 59 އަހަރުގެ ފިރިހެނަކާއި އޭނާގެ ކޮށްކޮ އެލްއެމްޔޫޖޭއެމް ޖަޔަރަތުނަ ބަންޑަ އެވެ. ބަންޑަގެ އުމުރަކީ 44 އަހަރެވެ. ލަންކާ ފުލުހުން ބުނީ ދެމީހުންގެ ތެރެއިން ދޮށީ މީހާއަކީ ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ގެެއަށް ދިއުމަށް ދަތުރުކުރި މީހެއް ކަމަށެވެ. އަދި އޭނާގެ ކޮށްކޮއަކީ ހޮސްްޕިޓަލުން އޭނާ ގެއަށް ގެންދިއުމަށް ދިޔަ މީހެކެވެ.

އެ ދެ މީހުން މަރުވީ ޕޮލޮންނަރުވާގެ ހޮސްޕިޓަލެއްގައި ފަރުވާދެނިކޮށެވެ.