ބައި އިލެކްޝަން

ބައި އިލެކްޝަން ނުހުއްޓުވޭނެ، ކާމިޔާބު ވެސް ކުރާނަން: ހަލީލް

Sep 11, 2017
14

އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމަށާއި ބައި އިލެކްޝަންގައި ޕީޕީއެމުން ނެރޭ މެންބަރުން އެ އިންތިހާބުތައް ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަލީލް މިހެން ވިދާޅުވީ ބައި އިލެކްޝަން ބޭއްވުމަށް އީސީއިން ނިންމި ނިންމުން ބާތިލު ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިދިކޮޅު އެހެން ޕާޓީތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެނެވެ.

އެކަމާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ބައި އިލެކްޝަން ހުއްޓުވުމަކީ އިދިކޮޅު ފަރާތްތައް ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ދާއިރާތަކުގެ ގޮނޑި ހުސްވެފައި ކަމަށް އީސީ އިން ނިންމާފައިވާ ކަމަށާއި އެގޮތުން އެ ގޮނޑިތަކަށް ބަޔަކު އިންތިހާބު ކުރުމަށް 60 ދުވަސް ތެރޭގައި އިންތިހާބެއް ބޭއްވުމަށް ގާނޫން އަސާސީގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެއާ ހިލާފަށް އެ އިންތިހާބު ހުއްޓުވާ ނުލެވޭނެ ކަމަށެވެ.

"އަޅުގަނޑަށް މި ފެންނަނީ ވަރަށް ތާކުންތާކުން ނުޖެހޭ ކަމެއް ކުރައްވަން އުޅޭ ބޭފުޅުންތައް ގޮތުގައި، ހުސްވެފައި ހުރި ގޮނޑިތަކަށް ކޮންމެ ގޮތަކަށް ވިޔަސް އިންތިހާބެއް ބާއްވަން ޖެހޭ، ގާނޫން އަސާސީގައި އެކަން ބަޔާން ކުރޭ، އެހެންވެ އެކަން ކުރައްވަނީ ވަރަށް ހަމަނުޖެހޭ ގޮތަކަށް،" ހަލީލް ވިދާޅުވި އެވެ.

އަޅުގަނޑަށް މި ފެންނަނީ ވަރަށް ތާކުންތާކުން ނުޖެހޭ ކަމެއް ކުރަން އުޅޭ ބޭފުޅުންތައް ގޮތުގައި، ހުސްވެފައި ހުރި ގޮނޑިތަކަށް ކޮންމެ ގޮތަކަށް ވިޔަސް އިންތިހާބެއް ބާއްވަން ޖެހޭ،
ޑރ. އަބްދުﷲ ހަލީލް | ނިލަނދޫ ދާއިރާގެ މެންބަރު

ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އަންނަނީ އިދާރީ މަސައްކަތް ފުރިހަމަކަށް ބަޖެޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ އިންތިހާބު ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ފެށި ނަމަވެސް މީގެ ކުރިން ބުނެފައި ވަނީ ގޮނޑި ގެއްލުނު މެންބަރުން އަލުން އިންތިހާބު ކުރުމަށް އިދިކޮޅު ހަތަރު ޕާޓީ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ނަމަވެސް ހަލީލް ވިދާޅުވީ ގޮނޑި ގެއްލުނު އެއްވެސް މެންބަރަކަށް އަލުން އިންތިހާބުގައި ބައިވެރިވުމުން ފުރުސަތެއް ނުލިބޭނެ ކަމަށެވެ. ސަބަބެއް ގޮތުގައި ހަލީލް ވިދާޅުވީ ބައި އިލެކްޝަން އިއުލާން ކުރި ހަ ދާއިރާއަށް ކުރިމަތިލުމަށް ޝައުގުވެރިވާ އިދިކޮޅު އެމްޑީޕީގެ ދުވަސްވީ ފަރާތްތައް ތިއްބެވުމެވެ. އެހެންކަމުން އެ ގޮނޑިތައް އެހެން ޕާޓީތަކުގެ މެންބަރުންނަށް ދިނުމާ މެދު ހިޔާލު ތަފާތުވުންތަކެއް އިދިކޮޅު ފަރާތްތަކުގެ މެދުގައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޕީޕީއެމްގެ އިން ބައި އިލެކްޝަނަށް ތައްޔާރުވުމަށް ކުރާ މަސައްކަތްތައް ބާރަށް ކުރިޔަށްދާ ކަމަށާއި އެގޮތުން ދާއިރާގެ ރައްޔިތުންނާ މަޝްވަރާކޮށް ކާމިޔާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށް ކެމްޕެއިނަށް ތައްޔާރުވަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި ހަ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.