ކުޅިވަރު

ނަޑާލް ތިން ވަނަ ފަހަރަށް ޔޫއެސް އޯޕަން ކާމިޔާބު ކޮށްފި

Sep 11, 2017

ފައިނަލުގައި ދެކުނު އެފްރިކާގެ ކެވިން އެންޑަސަންގެ މައްޗަށް ކާމިޔާބު ހޯދައި ސްޕެއިންގެ ރަފޭލް ނަޑާލް ތިން ވަނަ ފަހަރަށް ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކޮށް 16 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފި އެވެ.

ނިއުޔޯކްގައި ކުޅުނު މެޗު ނަޑާލް ކާމިޔާބު ކުރީ ސީދާ ތިން ސެޓުން ނެވެ. އޭނާ ސެޓްތައް ކާމިޔާބު ކުރީ 6-3، 6-3 އަދި 6-4 ން ނެވެ.

މި ކާމިޔާބާއެކު ނަޑާލް،31 ވަނީ، 2013 ގެ ފަހުން ފުރަތަމަ ފަހަރަށް އެއް އަހަރު ތެރޭ ދެ ވަނަ ގްރޭންޑް ސްލޭމް ހޯދާފަ އެވެ. އޭނާ ވަނީ ޖޫން މަހު ފްރެންޗް އޯޕަންވެސް ކާމިޔާބު ކޮށްފަ އެވެ.

ފިރިހެނުންގެ ގްރޭންޑް ސްލޭމްގައި ނަޑާލްއަކީ ދެ ވަނަ އެވެ. އެއް ވަނަ އަކީ ސްވިޒަލޭންޑްގެ ރޮޖާ ފެޑްރާ އެވެ. އޭނާ ވަނީ 19 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފަ އެވެ. ފެޑްރާ އަކީ ދުނިޔޭގެ ޓެނިސް ރޭންކުގައި މިވަގުތު ތިން ވަނަ އެވެ.

"މި އަހަރު މި ހާސިލު ކުރެވުނު ކާމިޔާބު ތަކަކީ ގަބޫލު ކުރަން ވެސް ފަސޭހަ ކަމެއް ނޫން،" މިވަގުތު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ހުރި ނަޑާލް ބުންޏެވެ. "ވަރަށް އުނދަގުލާއެކު އަނިޔާއާ އެކު ރަނގަޅަށް ނުކުޅެވި އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެ، މި ސީޒަނުން ފެށިގެން މިގޮތަށް ދިއުމަކީ ވަރަށް ބޮޑަށް އިމޯޝަނަލްވި ކަމެއް."