ލީގްގައި ކްރިސްޓަލް ޕެލަސް ކުޅުނު ހަތަރު މެޗުން ވެސް ބަލިވުމުން، އެ ޓީމުގެ ކޯޗް ހޮލެންޑްގެ ފްރޭންކް ޑިބޯރް މަގާމުގެ ބެލެހެއްޓުމާމެދު ކުރިއަށް 48 ގަޑިއިރު ތެރޭ ވަކި ގޮތެއް ނިންމާނެ ކަމަށް އިނގިރޭސި މީޑިއާތައް ބުނެފި އެވެ.
ބީބީސީން ބުނެފައި ވަނީ، ޑިބޯރް މަގާމާ މެދު ގޮތެއް ނިންމުމުގެ ކުރިން، އެ މަގާމު ފޫބައްދާނެ އެހެން ކޯޗަކަށް ޕެލަސްއިން ބަލަމުންދާ ކަމަށެވެ. ބައެއް ރިޕޯޓްތަކާއި ހަވާލަދީ ބީބީސީން ބުނެފައި ވަނީ، ޑިބޯރުގެ ބަދަލުގައި ޕެލަސްއިން އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް ރޯއީ ހޮޖްސަން ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ.
ޑެއިލީ ޓެލެގްރާފްގައި ބުނެފައިވަނީ، ޑިބޯރްގެ ބަދަލުގައި، ކޯޗަކަށް ހަމަޖައްސާނެ ކަމަށް ބެލެވޭނީ ޕެލަސްގެ ސްޕޯޓިން ޑައިރެކްޓާ ޑަގީ ފްރީޑްމަން ކަމަށެވެ. ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިބޯރްއާ ކޯޗް ކަން ހަވާލު ކުރީ މި އަހަރު ޖޫން މަހު އެވެ. އޭގެ ކުރިން ކޯޗަކަށް ހުރީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް ސޭމް އަލަޑައިސް އެވެ.
އޭނާގެ ކުރިމަގާ ބެހޭގޮތުން، ޕެލަސްގެ އެގްޒެކެޓިވް ބޯޑުން ނިންމާފާނެ ނިންމުމަކާ މެދު ޖެހިލުންވޭތޯ ސުވާލު ކުރުމުން ޑިބޯރް ބުނީ އޭނާ ވިސްނަނީ ކުރިއަށް އޮތް ސައުތުހެމްޓަން މެޗާ މެދު ކަމަށެވެ.
އޭނާ ބުނީ، ޕެލަސްގެ ޗެއާމަން ސްޓީވް ޕެރިޝްއާ އެކުވެސް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި ޕެލަސްގެ ކޯޗް ކަމުގައި ހުރި ހުރިހާ ދުވަހަކު މަސައްކަތަށް ފުރިހަމަ ސަމާލުކަން ދޭނެ ކަމަށެވެ.
ޕެލަސް މި ސީޒަންގެ ލީގްގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ، ޕްރިމިއާ ލީގްގައި މުޅިން އަލަށް ވާދަ ކުރާ ހަޑާސް ފީލްޑް އަޔުން 3-0 ން ބަލިވެފަ އެވެ.