(10 ސެޕްޓެމްބަރ 2017 އާ ގުޅޭ)
"ހުސްނައްތަ ނުކަންތަ؟" ޔާނާ އެހެން އަހާލީ ހުސްނާ ގާތު ދައްކާނެ ވާހަކައެއް ނޭނގިގެންނެވެ. އޭނާ އަހަން ބޭނުންވާ ސުވާލުތައް އެހުމުން ހުސްނާ ފަހަރެއްގައި ހިތްހަމަނުޖެހި ރުޅިއައިސްދާނެކަމަށް ހީވެ އެފަދަ ސުވާލެއް ކުރުމުގެ ޚިޔާލު ދޫކޮށްލިއެވެ.
"ޢާންމުކޮށް ކަނީ އަސުރުކޮއްލައިގެން، މިހާރު އެހެން ހޭނިފަ މިހުރީ" ހުސްނާ ޓީވީ ހުޅުވާލަމުން ބުނެލިއެވެ.
"ޔާން" ޒޭންގެ އަޑު އިވުނެވެ. ސޯފާގައި ތިބި ހުސްނާއާއި ޔާނާ އެ ދިމާއަށް ބަލާލިއެވެ. އޭރު ސިޑީގެ އެންމެ މަތީ ހަރުފަތުގައި މަޑުކޮށްލައިގެން ޒޭން ހުއްޓެވެ. ޒޭން ފެނި ޔާނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނާގެ ފުޅާ ބައިމައްޗާ ތަނަވަސް މޭމަތި ހާމަކޮށްލައިގެން ހުރިއިރު ކަނާތުގައި އޮތް ހުދު ތުވާލިން އެފަން އިސްތަށިގަނޑު ހިއްކަމުންދިޔައެވެ. ހިނިތުންވެލުމާއެކު ޒޭން އަތުން އިޝާރާތްކޮށްލީ ޔާނާއަށެވެ. އޭނާއާއެކު އައުމަށް އެދުނީއެވެ. ޔާނާގެ ވިންދު އަވަސްވަމުންދިޔައިރު ހިތުގެ އެންމެ ހިމަ ނާރަށް އެނގުންވެގެން ހިނގައްޖެއެވެ. ފަހަކަށް އައިސް ޔާނާގެ ޚިޔާލުތަކުގައި އަބަދުހެން ރަސްކަން ކުރަމުން އަންނަ ފަރާތްކަމުގައި ޒޭން ވެފައި ވެއެވެ. އޭނާގެ ހަނދާންތަކުން ކަމަކާނުލާ ވެސް ޔާނާގެ ތުންފަތަށް ހިނިތުންވުން ވެރިވެގެންދެއެވެ. އެ ދެމެދުގައި ހޭދަކުރެވޭ ވަގުތުތައް މިހާރު ގިނައެވެ. ޒޭންގެ ކޮންމެ ހަރަކާތެއް ޔާނާގެ ހިތާއި ސިކުނޑީގައި ބިންވަޅުނެގެމުންދިޔައެވެ.
ޒޭންގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް އޭނާގެ ކޮޓަރިއަށް ޔާނާ ވަނެވެ. އަދި ދޮރުމަތީ ހުރެ އެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެއީ އާދައިގެ ކޮޓަރިއެކެވެ. ނަމަވެސް ފަރުނީޗަރުތަކަށް ބަލާލުމުން އެއީ އާދައިގެ އެއްޗެހި ނޫންކަން އެނގޭހާވެއެވެ. ޒޭންގެ އިސްކޮޅާ އެއްވަރުގެ ލޯގަނޑު ކުރިމަތީ ހުރެ ބޮލުގައި ކުރީމް ލަމުން އޭނާ ދިޔައެވެ. ކަޅުކަން ގަދަ ފަން އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށާލާފައެވެ. ޔާނާ ސިއްރުން ނަމަވެސް ޒޭނަށް ބެލިއެވެ. ހަމައެކަނި ސޯޓުބުރިއެއްގައި ހުރިއިރު ޒޭންގެ އެ ކަސްރަތީ ބިޔަ ހަށިގަނޑުން ޔާނާގެ ހިތް އަވަސްކުރުވަނީއެވެ. ލޯގަނޑު ކުރިމަތީ ހުރި ޒޭނަށް ޔާނާގެ ސިއްރު ބެލުންތައް ފާހަގަކުރެވުނެވެ. އޭނާ ވެސް ސިއްރުން ޔާނާގެ ރަތްވަމުންދިޔަ މޫނަށް ބަލާލިއެވެ.
"ކިހިނެއްވެފަ ތި ހުރީ؟ ހޫނު ވަނީތަ؟" ޒޭން އަހާލިއެވެ.
"ކަމެއްނުވޭ..." ޔާނާ ހިނިތުންވެލަމުން އިސްއޮބާލިއެވެ.
"ހިޔެއްނުވޭ ކާރުގައި ދެން ދެވޭނެ ހެނެއް... އޭގަ އެބައުޅޭ ކުޑަ މައްސަލައެއް" ޒޭން ބުންޏެވެ.
"އޯކޭވާނެ، އަހަރެން އަބަދުވެސް އުޅެނީ ހިނގާފައޭ" ޔާނާ ބުނެލިއެވެ. އަދި ދޮރުކައިރީ އެއްފަރާތުގައި ހުރި ލިޔެކިޔަން ބޭނުންކުރާ މޭޒުގެ ކައިރީ ހުއްޓިލިއެވެ. އެ މޭޒުމަތީގައި އިން ވަށިގަނޑުގައި އޮތް ބޮޑު ތަޅުދަނޑި ފަތި ޔާނާ އަތަށް ނަގާ ކުޅެން ފެށިއެވެ.
"ޒޭން ފޫއްސެއް ނުވޭތަ މިގޭތެރެ މިހާ އަޑުމަޑުވީމަ" ޔާނާ އަހާލަން ބޭނުންވެފައި ހުރި ސުވާލު އަހާލިއެވެ.
"ދެން... ކުޑަކޮށްވޭ، އަނެއްހެން އެކަމާ އެހާ ނުވިސްނޭ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ވެސް މިގޭތެރެ އޮންނާނީ މިހެން. އަޑެއްބަޑެއް ނީވޭނެ" ޒޭން މާބޮޑު ވިސްނުމަކާ ނުލާ ބުނާ ފަދައިން ބުނެލިއެވެ.
"މީ ކޮން ބޮޑު ތަޅުތަނޑި ފައްޗެއްތަ؟" ޔާނާ އަތަށް ލައިގެން ކުޅެލަ ކުޅެލާ ހުރި ތަޅުދަނޑި ފަތި ދައްކާލަމުން ބުނެލިއެވެ.
"ތީ ދޯ.... ތީ މިގޭ ތަޅުދަނޑިތައް، ދައްތަ ދިނީމާ ގެނެސް ތީގެ ތެރެއަށް ލީ ގޮތަށް ތި އޮތީ. އެކަމާ ވެސް ނޫޅެވިފަ" ޒޭން ހީނލަމުން ބުނެލިއެވެ. އަދި އެއްފަރާތަށް ޖެހިލާ ހަރުގައި އަޅުވާލާފައި އޮތް ތުވާލިން ދެއަތުގައި ހޭކިފައި ހުރި ކުރީމުތައް ފުހެލިއެވެ.
"އެއީ އަނެއްކާ ކޮންކަމެއް؟ މިގޭ ތިޖޫރީ ހުޅުވަންތަ؟" ޔާނާ ތަޅުދަނޑިފަތި ބާއްވާފައި ޒޭން ކުރިން ހުރި ލޯގަނޑު ކުރިމައްޗަށް ގޮސް ހުއްޓިލިއެވެ. ދެއަތް ފުހެލައިގެން އެނބުރުނު ޒޭން ގޮސް އެނދުމަތީ ކުރުއަތް މައްޗަށް އޮށޯވެލިއެވެ. ޔާނާ ބުނެލި އެއްޗަކުން އޭނާގެ ގާތަށް ހިނިއައެވެ. އޭރު ލޯގަނޑު ކުރިމަތީ ހުރި ޔާނާގެ ނަޒާރު ލޯގަނޑަށް ހުއްޓިފައި ވިއެއްކަމަކު އޭނާ ބަލަން ހުރީ އެނދުގައި އޮތް ޒޭނަށެވެ. އޭނާއަށް އެ މަންޒަރުވީ ރީތި ހިތްގައިމު މަންޒަރަކަށެވެ. ހިތުގެ ތެޅުން އަވަސްވިޔަސް ޒޭން ފެނުމުން ޔާނާގެ ހިތަށް ހަމަޖެހުން ލިބިއެވެ.
"ތިޖޫރީ ހުޅުވާކަށް ނޫނޭ، ދެން ޔާނާ ބުނެބަލަ، ކީއްތަ ކުރަންވީ، ފިލްމެއް ބަލާނަންތަ؟" ޒޭން ހުނުންގަނޑު ހިންދާލަން މަސައްކަތް ކުރަމުން ބުނެލިއެވެ.
"ޒޭން ކީއްތަވާނީ އަހަރެން މިގެއަށް އައި ދުވަހު މި ގޭގެ އެކިތަންތަން ދައްކާލަން ގޮވައިގެން ދިޔައްޔާ. ސީރިއަސްކޮށް ހާދަ ރީއްޗޭ މިގެ ހަދާފަ ހުރިގޮތް. ބޭރުން ނޭނގުނަސް އެތެރެއަށް ވަނީމާ ހީވީ މެހެލްއަކަށް ވަދެވުނުހެން. އެހެންވެ ބަލާލާ ހިތުން މިއުޅެނީ" ޒޭންގެ އެނދު ކައިރީ އައިސް ހުއްޓިލަމުން ޔާނާ ބުންޏެވެ.
"މީދެން އެހާ ވަރަކުން މީހަކު ބަލާ ކަހަލަ ގެއެއްތަ؟" ޒޭން ޝައުގުވެރިކަން ކުޑަގޮތަކަށް ބުނެލިއެވެ. އެވަރަކުން ޔާނާ ދުލެއް ނުކުރިއެވެ. އެންމެ ފަހުން ޒޭންއަށް ޖެހުނީ ޔާނާއަށް އެ ގޭގެ އެކިތަންތަން ދައްކާލުމަށް ކޮޓަރިން ނުކުންނާށެވެ. މަޑު ފިޔާތޮށިކުލައިގެ ޓީޝާޓެއް ގަޔަށް މަހާލުމާއެކު ޔާނާ ގޮވައިގެން ޒޭން ނުކުތެވެ.
ޒޭން އެންމެ ފުރަތަމަ ފެށީ ހުސްނާގެ ބަގީޗާއިންނެވެ. އެތަނުގައި އެކިކުލަކުލައިގެ އެކިވައްތަރުގެ މާ އިންދާފައިވެއެވެ. އެބަގީޗާއަކީ ހުސްނާ އޭނަގެ ފޫހިފިލުމުގެ ގޮތުން ކުރާ މަސައްކަތެވެ. ޔާނާ ހުރިހާ މާތަކުގެ ތެރެއިންވެސް އެންމެ ގަޔާވީ އެތާއިންދާފައި ހުރި ރަތް ފިނިފެންމާ ގަސްތަކާއި ހުދު އޯކިޑު ގަސްތައް ފެނުމުންނެވެ. އެއީ ހުސްނާވެސް ޙާއްސަކަމެއް ދޭ ގަސްތަކެކެވެ. ޔާނާ ހުރީ އެތަނުން މަލެއް ނައްޓާލާ ހިތުންނެވެ. ނަމަވެސް އެހެން ބުނާކަށް ނުޖެހުނެވެ. ޒޭން ރަތްކުލައިގެ ފިނިފެންމަލެއް ނައްޓާލުމާއެކު ޔާނާގެ އިސްތަށިގަނޑުގައި ހަރުކޮއްލަ ދިނެވެ. ޔާނާ އުފަލުންހުރެ އިސްތަށިގަނޑުގައި އަތްހާކާލިއެވެ. ޔާނާ އާއި ދޭތެރޭ އެހާ ގާތްކޮށް ދެކެވެނީ ކީއްވެކަމެއް ހުދު ޒޭންއަށްވެސް ނޭގެއެވެ. އިނގޭހާވެސް އެއްޗަކީ މިފަހަކަށް އައިސް ޒޭންއަށް ޔާނާ ފެނުމުން އެހިތަށް ބުނެދޭންނޭގޭ ހިތްހަމަޖެހުމެއް ލިއްބައިދޭކަމެވެ.
އަސުރު ނަމާދު ކޮށްލައިގެން ހޮސްޕިޓަލަށް ދާން ނުކުންނަމުން ލަކްޝްމީއަށް ހުސްނާ އެންގީ ޒޭން އެއްވެސް ކަމަކަށް ބޭނުންވެއްޖެނަމަ އަވަހަށް އެކަމެއް ކޮށްދިނުމަށެވެ. އަދި ހުސްނާ ނެތްކަމުގައި ވިޔަސް ޔާނާއާއި ޒޭނަށް ހަވީރުގެ ސައި ހަދާދިނުމަށެވެ. ލަކްޝްމީ އޭނާގެ ބޯދެފަރާތަށް ތަޅުވާލީ އާދައިގެ މަތިން އާނއެކޭ ބުނެލުމަށެވެ.
ޒޭން ގޭތެރޭގައި އުޅޭ އެކިމީހުން ދިރިއުޅޭ ކޮޓަރިތައް ދައްކަންފެށިއެވެ. އެގޮތުން އެންމެ ފުރަތަމަ ދެއްކީ ޖަމީލުގެ ކޮޓަރިއެވެ. ދެން ލަކްޝްމީގެ ކޮޓަރިއެވެ. އޭރު ލަކްޝްމީ އެ ކޮޓަރީގައި އުޅެއެވެ.
"ލަކްޝްމީ، މީ ޔާނާ އިނގޭ... މަގޭ ބެސްޓު ފުރެންޑު" ޔާނާގެ ކޮނޑަށް އަތްވައްޓާލަމުން ޒޭން ބުނެލިއެވެ.
"އަހަރުމެން ދިމާވެއްޖެއޭ ދޯ ލަކްޝްމީ" ޔާނާ ބުނެލިއެވެ. އެއާއެކު ލަކްޝްމީ ބޯޖަހާލީ ހިނިތުންވެލައިގެން ހުރެއެވެ.
ޔާނާ ގޮވައިގެން ޒޭން ދެންދިޔައީ ހުސްނާގެ ކޮޓަރި ދައްކާށެވެ. އެ ކޮޓަރި ފެނުމުން މީހަކު ދިރިއުޅޭ ތަނެއްފާޑު ޔާނާއަށް ޖެހިއެވެ. ހުރިހާ އެއްޗެއްގެ ތަރުތީބުކަމާއި ކޮޓަރީގެ ކަނެއްގައި ހުރި ގޮނޑި މަތީގައި އޮޅާލާފައި އޮތް މުއްސަލައެއް ވެސް ޔާނާއަށް ފެނުނެވެ. އެކަމަކު އެކޮޓަރިއާ ނުގުޅޭ އެއްޗަކަށް އޮތީ އަލަމާރި މަތީއޮތް ފޮށްޓެކެވެ.
"އެއީ ކޮންފޮށްޓެއްތަ" ޔާނާ އަހާލިއެވެ.
"ނޭނގެ، އެއީ ދައްތަ ކުރީން ވެސް ގެންގުޅޭ ފޮށްޓެއް... ދެން ހިނގާ ދާން، ދައްތަ ނެތިސް މި ކޮޓަރީގައި ގިނައިރު ހުރުން އެހާ ރަނގަޅެއްނުވާނެ. ދައްތަ ވެސް ހިތްހަމަ ނުޖެހޭނެއެއްނު ދައްތަގެ ކޮޓަރިއަށް އެހެންމީހުން ވަންނަންޏާ" ޔާނާ ގޮވައިގެން ކޮޓަރިން ނުކުމެ ޒޭންގެ ދޮރުލައްޕާލިއެވެ.
"ދެން މައްޗަށް ދޯ ދާނީ. އަހަރެން ހިތަށްއަރާ ކާކުބާއޭ މިގެ ހެދީ" ޔާނާ ބުނެލިއެވެ.
"މީ އަހަރެންގެ ބައްޕަގެ ކުޅަދާނަކަން. ކާފައާއި މާމަ ނިޔާވިކަމަށްވަނީ ބައްޕަ ބޭރުގައި ކިޔަވަން ހުއްޓާ، މިކޮޅަށް ބައްޕައަށް އަންނާން ޖެހުނީ އެހެންވެ، އެކަމަކު ވެސް ބައްޕަގެ ކިޔެވުމެއް ދުލެއްނުކުރި، ދެހަފްތާ ފަހުން އަނެއްކާ ފުރައިގެން ދިޔަ ކަމަށްވަނީ، ދެން ކިޔަވާ ނިންމާފަ އައިސް ކާފަގެ ކުންފުނި ހިންގަންފެށީ، ނުވިތާކަށް އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ކާރު އެތެރެ ކުރަންފެށި... މާލޭގައި އެންމެ ފުރަތަމަ ބޭރުގެ މަޝްހޫރު ބްރޭންޑްތަކުގައި ކާރު އެތެރެ ކުރަންފެށީ އަހަރެންގެ ބައްޕަ. ބައްޕައަކީ ހިތްވަރު ގަދަ މީހެއް، އަހަންނަށް އެނގޭ ބައްޕަ ކުރާން ބޭނުންކަމެއް ކޮށްފަކަން ހުއްޓާލާނީ، ހީ އިޒް އަ ސުޕާބް ގައި. ބައްޕަ ބޭނުން އެއްވެސް ކަމެއް މިހިތާނަށް ނުވެފައެއްނެތް. ސިމްޕްލީ ހީ އިޒް ގްރޭޓް... އަހަރެން އަބަދުވެސް ބައްޕަގެ ފިޔަވަޅުމަތިން ހިނގާން ބޭނުންވޭ، ބައްޕަ ކަހަލަ މީހަކަށް ވާން ވަރަށް މަސައްކަތް ކުރަން. ހީ އިޒް ދަ ބެސްޓް" ހައިކަލްގެ ކޮޓަރިއާ ދިމާއަށް ދަމުން ޒޭން ބުނެލިއެވެ. އޭނާ ހައިކަލްދެކެ ވާ ލޯބި ޔާނާއަށް ސިއްރެއްނުވިއެވެ.
"ޒޭން ވަރަށް ލޯބިވޭ ދޯ ބައްޕަދެކެ؟" ޒޭންގެ ވާހަކަތަކަށް ފުންކޮށް ވިސްނާލަމުން ޔާނާ އަހާލިއެވެ.
"އާނ!... ވަރަށް ބޮޑަށް، ވަރަށް ދެރަވޭ ބައްޕަ އެ ހާލުގަ އޮންނާތީ. ހިތަށް އަރާ އަހަންނަށް ކޮށްދެވޭނެ ކަމެއް ހަމަ ނެތީބާއޭ" ޒޭން ބުނެލިއެވެ.
"ޒޭން ބުނީމެއްނު ވަރަށް ކުޑައިރު އޭ ބޭރަށް ފުރައިގެން ދިޔައީ... ކީއްވެ ޒޭން އެކަނި އެހާ ކުޑައިރު ބޭރަށް ފޮނުވާލަން ޒޭންގެ ބައްޕަ ނިންމީ" ޔާނާ އަހާލިއެވެ.
"ޔާން... ޔޫ ޑޯންޓު ނޯ އެނީތިންގ، ހުރިހާ ވެސް ގޯހަކީ ބައްޕަ ދޮންމަންމައާ އިނީމަ. ބައްޕަ އެ ހާލުގައި މިއަދު އޮންނަން ޖެހުނީ އެ ނުބައި ނުލަފާ އަންހެނާއާ ހެދި" ޒޭންގެ ހިތުގައިވާ ނަފުރަތު އޭނާގެ މޫނުމަތިން ވެސް ޔާނާއަށް ފެނުނެވެ.
"ޔާން، ދިސް އިޒް މައި ފޭވަރިޓް ރޫމް" ޒޭން ހައިކަލްގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ.
"ވާއު!... ސަޅި އިނގޭ" ޔާނާގެ ދެލޯ ބޮޑުވެގެން ދިޔައީ އަޖައިބުވެގެންނެވެ. ހީވަނީ ޝާހީ ކޮޓަރި ކޮޅަކަށް ވަދެވުނު ހެނެވެ. ކަޅުރަތްކުލައާއި ރަންކުލައިގެ ތަންތަންކޮޅު ޖަހާފައިވާ ކާޕެޓެއް މުޅިކޮޓަރީގައި އަޅާފައިވެއެވެ. ބޮޑު އެނދެކެވެ. ތުނިތުނި ލޭހުގެ މަދިރިގެއެއް ހަރުކޮށްފައިވެއެވެ. ޔާނާ އެންމެ އަޖައިބުވީ އެ ކޮޓަރީގެ ފާޚާނާ ފެނިފައެވެ. އެތަނެކޭ ހޮޔޮވަރުވަރެއްގެ ކޮޓަރިއެކޭ އެއްވަރެވެ. ފެންވަރާ ބިލިގާގެ ވަށައިގެން ބިއްލޫރި ދޮރެއް ލާފައި ހުއްޓެވެ. ކޮޓަރީގައި ބޭރު ބަލާލުމަށް ކުޑަ ބެލްކަންޏެއް ވެއެވެ.
"ޒޭން މިހާ މުއްސަނދިކަމަކަށް އަހަރެން ހީވެސް ނުކުރަން. ހުވަފެނުން ވެސް މިހާ ސަޅި ރޫމެއް ނުދެކެން" އަޖައިބުވެ އަންތަރީސް ވެފައިވާ ޔާނާ ބުނެލިއެވެ.
"ދިސް ރޫމް، އިޓްސް އޯލް އަބައުޓް ހިމް" ޒޭން ކޮޓަރިއަށް ނަޒަރު ހިންގަމުން ބުނެލީ ފަޚުރުވެރި ގޮތަކަށެވެ.
ހައިކަލްގެ ކޮޓަރިން ވާހަކަދައްކަމުން ނުކުތް ޒޭންއާއި ޔާނާ ހިނގައިގަތީ ޒޭންގެ ކޮޓަރިއާ ދިމާއަށެވެ. ނަމަވެސް ޔާނާއަށް ކޮޓަރިއެއްގެ ދޮރު ހުރަސްކޮށް ދެވުނުއިރު ވެސް ޒޭން އެ ކޮޓަރި ދައްކާކަށް ނޫޅުނެވެ. ނުވިތާކަށް އެއީ ކޮންތަނެއްކަމެއްވެސް ޔާނާ ގާތު ބުނެނުލިއެވެ.
"ޒޭން! މަޑުކޮށްބަލަ... އެއީ ކޮންތަނެއްތަ" ޔާނާ ހުރަސްކޮށްފައި އައި ދޮރަށް އިޝާރަތް ކޮށްލަމުން އަހާލިއެވެ.
"އެވެސް ކޮޓަރިއެއް، އެކަމަކު އެތަނަށް ވަންނަން ނަހަދާ" ޒޭން ބުނެލިއެވެ.
"ކީއްވެ، އެތާ އެއްޗެއް އޮތީތަ، ނޫނީ ސްޓޯރޫމަކީތަ" ޔާނާ އަނެއްކާ ވެސް ސުވާލުކުރީ އިތުރަށް އޮޅުން ފިލުވަން ބޭނުންވެގެންނެވެ. އަދި ފަހަތަށް ގޮސް އެ ކޮޓަރީގެ ދޮރުގައި ހިފާލިއެވެ. ނަމަވެސް ތަޅުލާފައި ހުރުމުން ދޮރެއް ނުހުޅުވުނެވެ.
"ތީ... ތީ ދޮންމަންމަގެ ކޮޓަރި. ތިތަން ހުންނަނީ ތަޅުލާފައި" ޔާނާ ގާތު ކޮންމެހެން ބުނަންޖެހިގެން ބުނެލި ފަދަ ގޮތަކަށް ޒޭން ބުންޏެވެ.
"އެތާ ކޮންކޮން އެއްޗިއްސެއް ހުރެގެންތަ ތަޅުލީ. ޒޭން ނުވަންނަންތަ ދުވަހަކުވެސް" ޔާނާ އެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފަހައްޓާލައިގެން ހުރެ އަހާލިއެވެ.
"އަހަރެން ވަންނާކަށް ބޭނުމެއްވެސް ނޫން" ޒޭން ފޫހިގޮތަކަށް ބުނެލިއެވެ.
"ޒޭން!... މިތަން ތަޅުލާފަ ހުންނާނީ ކޮންމެވެސް ކަމެއް ވެގެންނު، ހުޅުވާ ބަލާލީމަ އެއްނު އެނގޭނީ ވެސް، ފަހަރެއްގަ ޒޭންގެ މަންމައާ ބެހޭގޮތުން އެއްޗެއް އެނގިދާނެއެއްނު... ނޫނީ ދޮންމަންމަ މިގެއަށް އައިގޮތެއް ވެސް އެނގިދާނެ އެއްނު. ޒޭން ދައްކަމެއްނު ދޮންމަންމައާ ބެހޭ އެއްވެސް އެއްޗެއް މިހާ ދުވަސްވީއިރު ޒޭނަށް ވެސް ނޭނގޭ ވާހަކަ" ޔާނާ ޒޭން ޝައުގުވެރިވާނޭ ފަދަ ވާހަކަތައް ދެއްކިއެވެ. ޒޭންގެ ވިސްނުމާ ކުޅެލައިގެން ވިޔަސް ޔާނާ ބޭނުންވަނީ އެ ކޮޓަރި ތަޅުލާފައި ހުރުމުގެ ބޭނުމެއް ހޯދާށެވެ. އެކަން އެނގެން އޮތީ ޒޭން އެ ދޮރު ހުޅުވާދީފިއްޔާއެވެ.
ޒޭންގެ ސިކުނޑީގައި ޔާނާ ދައްކަމުން ދިޔަ އެކިއެކި ވާހަކަތަކުން ތަފާތު ޚިޔާލުތައް އުފެދެންފެށިއެވެ. ޔާނާ ބުނިފަދައިން ދޮންމަންމައަކީ ކާކުކަން އެނގެން އޭނާ ވެސް ބޭނުމެވެ. އަނެއްކޮޅުން އަބަދުވެސް ޒޭން އޭނާގެ ހަޤީޤީ މަންމަ ވީތަނެއް ހޯދަން ބޭނުންވެއެވެ.
"ޒޭން... ތިހެން ހުއްޓަކަސް މިތަޅެއް ނުހުޅުވެޔޭ. ދޭބަލަ މި ކޮޓަރީގެ ތަޅުދަނޑި ހިފައިގެން އަންނާން" ޔާނާ ޒޭނަށް ގޮވާލަމުން ބުނެލިއެވެ. (ނުނިމޭ)