ކުޅިވަރު

ޕެލަސްގެ ކޯޗް ކަމުން ޑިބޯރް ވަކި ކޮށްފި

Sep 11, 2017

ކްރިސްޓަލް ޕެލަސްގެ ކޯޗް ކަމާ ހަވާލުވިތާ ދެ މަހާއި ދެ ހަފުތާ ފަހުން ހޮލެންޑްގެ ފްރޭކް ޑިބޯރް އެ ޓީމުގެ ކޯޗް ކަމުން ވަކި ކޮށްފި އެވެ.

ހޮލެންޑްގެ އަޔެކްސް އާއި އިޓަލީގެ އިންޓަ މިލާންއަށްވެސް ކުރިން ކޯޗް ކޮށްދީފައިވާ ޑިބޯރް، ޕެލަސްގެ ކޯޗް ކަމަށް ހަމަޖެއްސީ، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް ސޭމް އެލަޑައިސްގެ ބަދަލުގައި މިދިޔަ ޖޫން މަހު އެވެ. އޭނާ ޕެލަސްގެ ކޯޗް ކަމުގައި ހޭދަ ކުރީ ޖުމުލަ 77 ދުވަހެވެ.

ޑިބޯރް ކޯޗް ކަމުގެ ދަށުން، ޕެލަސް ކުޅުނީ ފަސް މެޗެވެ. އޭގެ ތެރެއިން ހަތަރު މެޗަކީ މި ސީޒަންގެ ޕްރިމިއާ ލީގްގައި ކުޅުނު ހަތަރު މެޗެވެ. އެ ހަތަރު މެޗުންވެސް އެ ޓީމު ވަނީ ބަލި ވެފަ އެވެ. އޭގެ ތެރޭގައި، ޕްރިމިއާ ލީގްގައި މުޅިން އަލަށް ވާދަ ކުރާ ހަޑާސްފީލްޑް އަތުން 3-0 ބަލިވުން ވެސް ހިމެނެ އެވެ.

އިނގިރޭސި މިޑިއާތަކުން ބުނެފައި ވަނީ ޑިބޯރްގެ ބަދަލުގައި، ޕެލަސްގެ ކޯޗަކަށް ދެން ހަމަޖައްސާނީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް ރޯއީ ހޮޖްސަން ކަމަށެވެ.

ފަސް މެޗަށް ފަހު، ޑިބޯރް ކޯޗް ކަމުން ވަކި ކުރުމުން އޭނާ ވެފައި ވަނީ، އިނގިރޭސި ފުޓްބޯޅައިގެ އެންމެ ޓޮޕް ލެވަލްގައި އެންމެ މަދު މެޗުތަކެއް ގައި ކޯޗް ކޮށްދިނުމަށްފަހު ކޯޗް ކަމުން ދުރައްދާން ޖެހުނު ކޯޗަށެވެ. އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓާ ލެސްލީ ރީޑް، ޗާލްޓަން އެތުލެޓިކްގެ ކޯޗް ކަމާ 2006 ވަނަ އަހަރު ހަވާލު ވުމަށްފަހު، އޭނާ އަށް މަގާމުން ދުރައް ދާން ޖެހުނީ ހަތް މެޗަށް ފަހު އެވެ.