ރާއްޖޭގެ ސިޔާސީ މަސްރަހާއި ގައުމު ހާލަތު މިއަދު މިއޮތީ ވަރަށް ބަނަކޮށެވެ. ސަރުކާރަށް ވެސް އަދި އިދިކޮޅު ފަރާތްތައް ވެސް ތިބީ ބޭނުންވާ ކަންކަން ހާސިލު ނުވެ، ދެމެދުގައި "ތާށިވެފައޭ" ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ރައްޔިތުން މަޖިލީސް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ނުވަތަ ހުއްޓުވާފަ އެވެ. ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލުން ހިމެނޭ ގޮތަށް 56 ވަކީލެއް ވަނީ ސަސްޕެންޑުކޮށް ގިނަ ޝަރީއަތްތަކެއް ހުއްޓިދާނެ ބިރު އުފެދިފަ އެވެ. ހަ ދާއިރާއެއްގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލުނުތޯ ނުވަތަ ނޫންތޯ ވެސް އޮޅުން ނުފިލާ، ކުރިޔަށް އަދި ފަހަތަށް ވެސް އަޅާނެ ފިޔަވަޅެއް ނޭންގިފަ އެވެ. އަދި އެ ހަލަބޮލި ކަމުގެ ތެރޭގައި ނޭންގި ތިއްބާ ވިޔަސް ރާއްޖޭގެ އިގްތިސާދަށް ބޮޑެތި "ޒަހަމްތަކެއް" އަންނަނީ ލިބެމުންނެވެ.
ސިޔާސީ ނުތަނަވަސްކަން އުފެދި ގައުމު ކުރިޔަށް ދިޔުމުގައި ހުރަސްތަކެއް އެޅިފައިވާ މިފަދަ ދަނޑިވަޅެއްގައި، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދައްކާ ނަމޫނާ އަކީ އިދިކޮޅު ފަރާތްތަކާއި ސަރުކާރުން އެއްބަސް ކިޔައިގެން މަޝްވަރާ މޭޒު ދޮށަށް ދިޔުމެވެ. ހިޔާލު ތަފާތުވުންތަކާއި، ގަބޫލު ނުކުރެވޭ ކަންކަން ހުރި ކަމުގައި ވީނަމަވެސް، އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން އެކަމުން އަރައިގަނެވޭތޯ މަސައްކަތް ކުރުމެވެ. އެއީ އެއްގޮތަކަށް ވެސް ސިޔާސީ ހިޔާލު އެއްގޮތް ކުރުމެއް ނޫނެވެ. ނަމަވެސް ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި ގައުމު އަނދަވަޅަކަށް ވައްޓާލުމުގެ ބަދަލުގައި، ދެ ފަރާތުން އެއްބަސްވެވޭ ގޮތްތަކެއް ހޯދާ، ގޮތް ދޫކޮށްގެން ތިބެ އިހްލާސްތެރިކަމާއެކު ކުރިޔަށް ދެވޭތޯ މަސައްކަތް ކުރުމަށެވެ. އެއީ ޑިމޮކްރަސީގެ ރީތި އުސޫލެވެ.
ނަމަވެސް ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތަށް ބަލާނަމަ، ޑިމޮކްރަސީއިން ދައްކާ މަޝްވަރާގެ ރީތި އުސޫލަށް އަމަލު ކުރާނެ ދުވަހެއް ލޮލުކޮޅަށް ވެސް ނުފެނެ އެވެ. ފެންނަނީ ސަރުކާރުން ވެސް އަދި އިދިކޮޅު ފަރާތްތަކުން ވެސް ގޮތް ދޫ ނުކުރާ މަންޒަރެވެ. ގައުމަށް ހެޔޮ ނިޔަތެއްގައި އެއްގަލަކަށް އަރަން އެކަށީގެންވާ ވަރަށް މަސައްކަތް ކުރާ ތަނެއް ދެ ފަރާތުން ވެސް ނުފެނެ އެވެ.
އެހެންކަމުން އުފައްދަން ޖެހޭ ސުވާލަކީ މަޝްވަރާ ކުރުމަށް އިހްލާސްތެރި ނުވަނީ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން ނަމަ، "ޕާޓީ ޓޯކްސްއަށް އެކަށީގެންވާ މާހައުލެއް" ގާއިމް ނުކޮށްދޭ ސަރުކާރު ހެއްޔެވެ؟ ނުވަތަ ސަރުކާރުން ސިފަ ކުރާ ގޮތަށް، މަޝްވަރާތަކަށް "ބަހާނާތަކެއް ހަދައިގެން ދައްކާ" އިދިކޮޅު ފަރާތްތައް ހެއްޔެވެ؟
ފުރަތަމަަ ގޯސް ހެދީ ސަރުކާރުންތަ؟
މަޝްވަރާ ކުރުމަށް ސަރުކާރުން އެތަށް ފަހަރެއްގެ މަތިން އިދިކޮޅު ފަރާތްތަކަށް ދައުވަތު ދޭ އިރުވެސް ފެނިގެން މިދަނީ އެއް ސްޓޭންޑެއްގައި ހުންނަ ތަނެވެ. މިދިޔަ އޯގަސްޓު މަހުގެ 30 ވަނަ ދުވަހު ވެސް މަޝްވަރާތަކަށް އައުމަށް ސަރުކާރުން ޕާޓީތަކަށް ގޮވާލި ނަމަވެސް އިދިކޮޅު ފަރާތްތަކުން އެ ގޮތެއް ބަދަލެއް ނުކުރި އެވެ. އިދިކޮޅު ލީޑަރުން ދޫކޮށްލުމުން ނޫނީ މަޝްވަރާ ނުކުރަން ތިބީ ގޮތުގަ އެވެ.
ނަމަވެސް މި ވާހަކަތައްދައްކާއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ އިދިކޮޅު ޕާޓީތަކުން ފެށުނީއްސުރެއް ގެންގުޅުނީ މިހާ ބޮޑަށް ގޮތް ދޫ ނުކުރާ ފަދަ ވިސްނުންތަކެއް ނޫނެވެ. އެކަން ފެނިގެން ދިޔައީ 2015 ވަނަ އަހަރުގެ މެދު ތެރޭގަ އެވެ. ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު މަޝްވަރާ ކުރެވި އަތާ އަތް ގުޅާ، އުންމީދުތަކެއްގެ ވާހަކަ ވެސް ދެކެވުނީ ރައްޔިތުންގެ ކުރިމަތީގަ އެވެ. ނަމަވެސް އެ މަޝްވަރާތައް ހުއްޓުމަކަށް އައިސް މިއަދު މި ފެނިގެން ދަނީ އިދިކޮޅު ފަރާތްތަކުން ދެވަނަ ފަހަރަށް ސަރުކާރަށް "މޫނުވެސް ދައްކަން" ބޭނުން ނުވާ މަންޒަރެވެ.
އެކަމާ ގުޅިގެން "އަވަސް" އިން ކުރި ސުވަލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ފެށުނިއްސުރެއް އިތުބާރު ކުރަން ދަތި ސަރުކާރެކެވެ. އަދި އެމަނިކްފާނު ރައީސް ކަމަށް އިންތިހާބުވި ގޮތާއި އެއަށް ފަހު ކުރަމުން އަންނަ ކަންތައްތަކުން ވެސް އެއީ އިތުބާރު ކުރެވޭ ވަރުގެ ސަރުކާރެއް ނޫންކަން ކަށަވަރުވެ އެވެ. ނަމަވެސް ހެޔޮ ނިޔަތެއްގައި މަޝްވަރާގެ މޭޒަށް ސަރުކާރާއެކު އެރުމުން އޭގެން ސަރުކާރުން އޮޅުވާލި ބޮޑު އޮޅުވާލުމާ ހަމައިން، މަޝްވަރާ ކުރުމުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް ސާބިރުވެގެން ދިޔަ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ވެސް ފެންނަމުން މިދިޔައީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ހާސިލްވާ ހިސާބުން ފެށިގެން ނުވަތަ ބޭނުންވާ ކަންކަން ހާސިލްވީ ކަމަށް އެ ފަރާތްތަކަށް ހީވުމުން މަޝްވަރާތްތައް ހުއްޓާލާތަން، އޭގެން އެނގިގެންދޭ މިކަމުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަން، ބައްލަވާ އެންމެ ފަހުން ވެސް ރައީސް ނަޝީދަށް ދީފައިވާ އަދަބު ލުއިކޮށްދޭން ބުނެ ކަރެކްޝަން މެދުވެރިކޮށް ސިޓީއެއް ވެސް ދިން، އެމަނިކްފާނު ގޭބަންދަށް ބަދަލު ކުރި، ދެން ފެނިގެން ދިޔައީ ސަރުކާރު ބޭނުންވާ ކަންކަންވީ ހިސާބުން ފެށިގެން، އެ ސިޓީއަކީ އަސްލު އެއްޗެއް ކަމަށް ވެސް ނުވި ތަން، އެކަން އަދިވެސް އޮތީ ފުލުސް އޮފީހުގައި، އެވީތަނެއް ހެދި އެއްޗެއް ވެސް ނޭންގެ، މިއިން އިނގެނީ އެ ބޭފުޅުންގެ އިހްލާސްތެރިކަން ހުރި މިންވަރު،" ހަސަން ލަތީފް ވިދާޅުވި އެވެ..
"އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމުގެ ފުތުސަތެއް ދެން އޮތީ ގާނޫނީ އިމުގެ ބޭރުން ހައްޔަރުކޮށްފައި ތިބި ހުރިހާ ލީޑަރުން ދޫކޮށްލައިގެން، އިހްލާސްތެރިކަން ސާބިތުކޮށްދޭން އެކަން ކުރޭ، އެއަށް ފަހު ވާހަކަދައްކަން އާދެވިދާނެ، އިތުރު ގޮތެއް ދެން ނެތް،" ހަސަން ލަތީފް އިތުރަށް ވިދާޅުވި އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިހާރު ދެކޭ ގޮތުގައި ސަރުކާރުން މަޝްވަރާ ކުރުމަށް ބޭނުންވަނީ މައްސަލަތަކަށް ހައްލެއް ހޯދުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުން އުޅެނީ ބޭރުގެ އެހީތައް ނުލިބޭތީ އާއި ލޯނުތައް ހޯދަން އުނދަގޫވުމުން އެ ފަރާތްތަކަށް، ހަލަބޮލިކަން ކުޑަވާނެ ކަމާއި އެކަމަށް މަޝްވަރާ ކުރަމުންދާކަން ދެއްކުމުގެ ބޭނުމުގައި އެވެ. އޭގެ އިތުރުން ކުރީގެ ތަޖުރިބާގެ އަލީގައި ދެން އިތުރަށް މަޝްވަރާ ކުރެވޭނީ ލީޑަރުން ދޫކޮށްލީމަ ކަމަށް އިދިކޮޅު ފަރާތްތަކުން ޝަރުތު ކުރެ އެވެ.
އިދިކޮޅުގެ ވިސްނުމަކީ "ގަދަބާރުން" ހައްލު ކުރުންތަ؟
ޕާޓީ ޓޯކްސްގެ މައްސަލާގައި ސަރުކާރުގެ ވާހަކަތައް ހުރީ މުޅިން އެހެން ރާގެއްގަ އެވެ. ސަރުކާރުން ބުނާ ގޮތުގައި އެކި ފަހަރުގެ މަތިން އަމިއްލައަށް އިސްނަގައިގެން ބޮޑެތި ދޫތައް ދީގެން މަޝްވަރާ ކުރެވޭތޯ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ތެދެކެވެ. އިދިކޮޅު ފަރާތްތަކުން ބޭރުގެ މަންދޫބަކަށް އެދުމުން އެ މަންދޫބު ގެނެސްދިނެވެ. މަޝްވަރާ ކުރެވޭނީ އިދިކޮޅު އިއްތިހާދާ ކަމަށް ބުނުމުން އެ މަގުވެސް ފަހިކޮށްދިނެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމަނަން ޝަރުތު ކުރުމުން އެންމެ ފަހުން ވަނީ އެކަން ވެސް ކުރަން އެއްބަސްވެފަ އެވެ.
ސަރުކާރު ފަރާތުން މަޝްވަރާގައި އެންމެ އިސްކޮށް އުޅުއްވާ، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީގެ މަހެއްހާ ދުވަސް ކުރިން "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މަޝްވަރާ ކުރަން ޕާޓީތައް އަންނަން ޖެހޭނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިންނާއި އެންމެން ގަބޫލު ކުރާ ހަމަތަކަކާ އެއްގޮތަށެވެ. އިދިކޮޅު ޕާޓީއަކުން ސަރުކާރު ތެރޭގައި ހުރި މައްސަލައެއް ރަސްމީކޮށް ހުށަހަޅާ އެކަން ހައްލު ކުރުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަަކުން އަބަދުވެސް މަސައްކަތް ކުރަނީ ޖަލުގައި ތިބި ވަކި ބަޔަކު މިނިވަންކޮށް އަމިއްލަ މަންފާތަކެއް ހޯދަން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ އިދިކޮޅު ފަރާތްތަކުން ޕާޓީ ޓޯކްސްއަށް ނާންނާނެ ކަން. މި އުޅޭނީ ރާއްޖޭގައި ހުރި މައްސަލައެއް ރަނގަޅު ކުރާކަށް ނޫން. މިއީ ހަމަ ސިޔާސީ ގޮތުން ވަކި ބަޔަކު ޖަލުން ނެރެން ވެގެން ނުވަތަ އެ މީހުންގެ އަމިއްލަ މަންފާއަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަން ކުރާ ކަމެއް. އެހެންވެ މަޝްވަރާ ނުކުރެވޭ ކިޔާގެން ރައްޔިތުންގެ ލޮލުގަ އަނދުން އެ އަޅުވަނީ،" ޝައިނީ ވިދާޅުވި އެވެ. "ނަޝީދު ޖަލުން ނެރެ އިންތިހާބަށް ކުރިމަތިލެވޭ ގޮތަށް ހަދާނަމަ އެމަނިކުފާނާއެކު ޓެރަރިޒަމްގެ ކުށްކޮށްފައި ތިބި އެންމެނަށް ވެސް އެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެ ނޫނީ ދެން ކުރަން ޖެހޭ ކަމަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން ރައީސް ނަޝީދަށް 2018 ގައި ބައިވެރިވެވޭނެ ކަމަށް ގާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރުން،"
ޖުމުލަކޮށް ދެ ފަރާތަކުގެ ވާހަކަތަކުން ވެސް ލަފާކޮށްލެވިދާނެ ބައެއް ކަންކަން އެބަ ހުއްޓެވެ. ސަރުކާރުން މަޝްވަރާ ކުރުމަށް ބޭނުންވާ ނިޔަތާ މެދު ސުވާލު އުފައްދާނެ ޖާގަ އެބައޮތެވެ. އެކަން ފޫބައްދައިގެން އިތުބާރު ކުރެވޭ ގޮތަކަށް އެކަން ކުރިޔަށް ގެންދިޔުމުގެ މާހައުލެއް ގާއިމް ކުރަން މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ. ދެން އޮތީ އިދިކޮޅު ފަރާތްތަކެވެ. އެ ފަރާތްތަކުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ފެންނަނީ ސިޔާސީ ކަންކަމެވެ. ދައްކާ ވާހަކަތަކުން ގައުމުގެ މައްސަލަތަކަށް ވުރެ ސިޔާސީ ލީޑަރުން ދޫކޮށްލުން މުހިންމޭ ބުނާކަށް ދައްޗެއް ނޫނެވެ. އަދި މަޝްވަރާ ކުރުމަކީ އެ ފަރާތްތަކުގެ އެންމެ ފަހު އޮޕްޝަން ކަމަށް ބަލައިގެން މަސައްކަތް ކުރަމުން ދެ އެވެ.
ނަމަވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ދައްކާ ބޮޑު އުޒުރަކީ ވެސް އިހްލާސްތެރިކަމާ މެދު އުފައްދާ ސުވާލެވެ. ބޭރުގެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ފާހަގަ ކުރާ ގޮތަށް ރާއްޖެ ދަނީ ސިޔާސީ އަނދަވަޅެއްގެ ތެރެއަށް ވެއްޓެމުންނެވެ. އެކަމަކަށް ވިސްނުމެއް ގެންގުޅުއްވާ ތަނެއް ނުފެނެ އެވެ. ޑިމޮކްރަސިއަށް މަސައްކަތް ކުރުމުގެ ނަމުގައި ބޭނުންވަނީ ދުވުމުގެ ހަރަކާތްތައް ނޫނެވެ. ރައްޔިތުން އަބަދަކު މުޒާހަރާ ކުރާކަށް ބޭނުމެއް ނުވާނެ އެވެ. ނުހައްގުން ބަޔަކާ ދޭތެރޭ އަމަލު ކުރާތަން ވެސް ދެކެން ބޭނުމެއް ނުވާނެ އެވެ. އެހެންކަމުން ސިޔާސީ ކަންކަމަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަން ޖެހެ އެވެ.