ދުނިޔެ

ތޫފާނާ އެކު އެމެރިކާގެ 5.8 މިލިޔަން މީހުން ކަރަންޓުން މަހުރޫމްވެއްޖެ

ބާރުގަދަ ތޫފާން އެރުމުގެ ސަބަބުން އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ 5.8 މިލިޔަން މީހުން ކަރަންޓްގެ ހިދުމަތުން މަހުރޫމް ވެއްޖެއެވެ.

ކެޓަގަރީ ހަތަރެއްގެ ތޫފާނެއްގެ ގޮތުގައި އަރްމާ ފްލޮރިޑާއަށް އެރީ އިއްޔެ ހެނދުނުއެވެ. ތޫފާނުގެ ސަބަބުން އެ ސްޓޭޓުން ތިން މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބުމަށް ފަހު ކެޓަގަރީ ތިނަކަށް ބާރު ދައްވިއެވެ. ނަމަވެސް އެއްގަމަށް އަރަމުން ދިޔަ ވަރަކަށް ބާރު ދަށް ވަމުން ގޮސް މިހާރު ވަނީ ޓްރޮޕިކަލް ސްޓޯމް އަކަށް ބަދަލުވެފައެވެ.

ސީއެންއެން ބުނީ ތޫފާނުގެ ސަބަބުން ފްލޮރިޑާގެ އިތުރުން އަވަށްޓެރި ޖޯޖިއާ ސްޓޭޓުގައި ވެސް ގިނަ ގެތަކަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އެ ސްޓޭޓްގެ 166598 ގެއިން ވަނީ ކަރަންޓް ކެނޑިފައެވެ.

ތޫފާނުގައި ފްލޮރިޑާގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައި ވާއިރު ތޫފާނުގެ ރާޅުތައް ވެސް ވަނީ އައްސޭރި ފަށަށް އަރާފައެވެ. ތޫފާން އަރްމާ އެރުމުން އެ ތޫފާނުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ހުރިހާ ސްޓޭަޓްތަކެއްގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ތޫފާން އަރްމާގެ ސަބަބުން ކެރީބިއަންގެ ޖަޒީރާތަކުން 21 މީހުން މަރުވެ، އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތައް ލިބުނެވެ. އެގޮތުން އެންޓިގުއާ އެންޑް ބާބިއުޑާއާއި ޕޯޓޯރިކޯއަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ކެޓަގަރީ ފަހެއްގެ ބާރު މިނުގައި ކެރީބިއަން އަށް އެރުމަށް ފަހު ތޫފާން އިރްމާ ކިއުބާއަށް އެރީ ކެޓަގަރީ ހަތަރެއްގެ ބާރުމިނުގައެވެ. ނަމަވެސް ކިއުބާ ދޫކޮށް ފްލޮރިޑާއަށް މިސްރާބު ޖެހުމާއި އެކު ތޫފާނުގެ ބާރު ގަދަވެ އަނެއްކާވެސް ކެޓަގަރީ ހަތަރެއްގެ ތޫފާނަކަށް ބަދަލުވިއެވެ.