ދުނިޔެ

އުތުރު ކޮރެއާއަށް ފިޔަވަޅު އެޅީ އެމެރިކާ ބޭނުންވި ވަރަށް ވުރެ ކުޑަކޮށް

އުތުރު ކޮރެއާއިން މިހާތަނަށް ކުރި އެންމެ ވަރުގަދަ ނިއުކްލިއަ ޓެސްޓް އަދި އެ ގައުމުން ކުރި އެފަދަ ހަވަނަ ޓެސްޓާ ގުޅިގެން އދ. އިން އެ ގަައުމަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅައިފި އެވެ.

އދ. އިން މިފަހަރު އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އުތުރު ކޮރެއާއަށް އާމްދަނީ ލިބޭ ވިޔަފާރިއެއް ކަމަށްވާ ޓެކްސްޓައިލް އެކްސްޕޯޓް ކުރުން މަނާކުރުމާއި ތެޔޮ އެތެރެ ކުރެވޭ މިންވަރު މަދު ކުރުން ހިމެނެ އެވެ. ނަމަވެސް އެއީ އެމެރިކާއިން އެ ގައުމާ ދެކޮޅަށް އަޅަން ބޭނުންވި ވަރަށް ވުރެ ލުއި ފިޔަވަޅުތަކެކެވެ. އެމެރިކާއިން ބޭނުންވީ ތެޔޮ އެތެރެ ކުރެވޭ މިންވަރު ހަަމަ އެކަނި މަދުކުރާކަށް ނޫނެވެ. ބޭނުންވީ ތެޔޮ އެތެރެކުރުން މުޅިން މަނާ ކުރާށެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އެ ފިޔަވަޅު ނޭޅުނީ ވީޓޯ ކުރުމުގެ ބާރު އޮންްނަ ރަޝިޔާ އާއި ޗައިނާއިންް އެއްބަސް ނުވެގެންނެވެ. ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގަރާރަށް ވޯޓް ދޭން އެ ދެގައުމުން އެއްބަސްވީ އެ ދެ ގައުމުން ބޭނުންވާ ވަރަށް ލުއި ކުުރުމުންނެވެ.

އުތުރު ކޮރެއާއިން އެންމެ ފަހުން ކުރި ޓެސްޓްގައި ގޮއްވާލާފައި ވަނީ ބާރުގަދަ ހައިޑްރޮޖަން ބޮމެކެވެ.

އުތުރު ކޮރެއާއިން ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް އުފައްދައި ބޭނުން ކުރުން ހުއްޓުވުމަށް އދ. އިން ވަނީ ގިނަ ގަރާރުތަކެއް ފާސްކޮށްފަ އެވެ. ނަމަވެސް އެގައުމުން ވަނީ އެއިން އެއްވެސް ގަރާރަކަށް ބޯ ނުލަނބާފަ އެވެ. އެގޮތުން ފާއިތުވި މަހެއްހާ ދުވަސްތެރޭގައި ބެލިސްޓިކް މިސައިލްގެ ގިނަ ޓެސްޓްތަކެއް ކޮށްފައި ވާއިރު އޭގެ ތެރެއިން އެއް މިސައިލް ފޮނުވާލާފައި ވަނީ ޖަޕާނު މަތިންނެވެ.