ކުޅިވަރު

އެތުލެޓިކޯއަށް ޗެމްޕިއަންސް ލީގް ހޯދޭނެ: ސިމިއޯނޭ

Sep 12, 2017

އެތުލެޓިކޯ މެޑްރިޑް އޮތީ ރަނގަޅު ޓްރެކެއްގައި ކަމަށާއި އެ ރޫހްގައި ކުރިއަށް ދާނަމަ އެ ޓީމަށް ޔޫއެފްއާ ޗެމްޕިއަސް ލީގް ހޯދޭނެ ކަމަށް އެ ޓީމުގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.

މިދިޔަ ހަތަރު ސީޒަންގައި، ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ދެ ފަހަރަށް ކުޅުނު އެތުލެޓިކޯ، މިސީޒަންގެ ޗެމްޕިއަންސް ލީގް ފުރަތަމަ މެޗުގައި، މިރޭ ނިކުންނާނީ އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށެވެ. ދެ ފަހަރަށް ފައިނަލުގައި ނާކާމިޔާބުވި ނަމަވެސް ސިމިއޯނޭއަށް އެތުލެޓިކޯއާ މެދު އިތުބަރު އެބައޮތެވެ.

ދެހާސް ސާދަ ވަނަ އަހަރު، ޗެމްޕިއަންސް ލީގް ފައިނަލުގައި އެތުލެޓިކޯ ބަލިވީ، އެ ޓީމު ލީޑްގައި އޮވެ، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް ކާމިޔާބު ކުރި ލަނޑުން މެޗު އެއްވަރުވެ އެކްސްޓްރާ ޓައިމްގައި ރެއާލުން ތިން ލަނޑު ކާމިޔާބު ކޮށްގެން ނެވެ. މިދިޔަ އަހަރު ފައިނަލުގައި ވެސް އެޓީމު ނިކުތީ ރެއާލްއާ ދެކޮޅަށެވެ. ރެއާލް މެޗު ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން ނެވެ.

"ފައިނަލަށް ދެވުމަކީ ފަހްރުވެރިވާން ޖެހޭނެ ކަމެއް އަދި އެންމެ މަތީ ކާމިޔާބަކީ މޮޅުވުން،" މިރޭ ރޯމާއާ ދެކޮޅަށް ނުކުންނަ މެޗުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ސިމިއޯނޭ ބުންޏެވެ. "އަހަރެމެންނަށް އަދި އެ ކާމިޔާބެއް ނުހޯދޭ، އަހަރެމެން އޮތީ ކާމިޔާބާ ދެމެދު ދެ މިނެޓް، އަނެއް މެޗުގައި އަހަރެމެން ބަލިވީ ޕެނަލްޓީ ޖަހައިގެން، ނަމަވެސް ގިނަ އަހަރު ތަކެއް ވަންދެން ޗެމްޕިއަންސް ލީގްގައި ކުޅެން ފުރުސަތު ނުލިބި ތިބުމަށްފަހު އޭގެ ފަހުން އައިސް ފައިނަލުގައި ކުޅުމަކީ ވަރަށް ބޮޑު ތަޖުރިބާއެއް، އަހަރެމެން މި ގޮތުގައި ދާކަމަށް ވާނަމަ އަވަހަށް ނުވަތަ ފަހުން ވިޔަސް ޗެމްޕިއަންސް ލީގް ކަމިޔާބު ކުރެވޭނެ."

ޗެމްޕިއަންސް ލީގްގައި، އެތުލެޓިކޯ ހިމެނޭ ގުރޫޕްގައި، އެތުލެޓިކޯ އާއި ރޯމާގެ އިތުރުން ދެން ހިމެނެނީ ޗެލްސީ އާއި ކަރަބާގް އެވެ. މި ގުރޫޕްގެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ބަލަނީ އެތުލެޓިކޯ އެވެ. ނަމަވެސް ސިމިއޯނޭ ބުނީ އެއީ އޭނާ ޝައުގުވެރިވާ ކަމެއް ނޫން ކަމަށެވެ.

"ވާންވީ ކަމެއް ވާނެ، ޗެލްސީ، ރޯމާ އަދި އަހަރެމެން ޓީމަށްވެސް ފުރުސަތު އޮތީ އެއްވަރަކަށް އެއީ އުނދަގޫ ގުރޫޕެއް ޝައުގުވެރި އަދި އުންމީދު އޮތް ގުރޫޕެއް ކޮންމެ ބަޔަކަށްވެސް އެބައެއްގެ ޝުއޫރު ފާޅު ކުރެވިދާނެ ގުރޫޕްގެ ފޭވަރިޓް ޓީމު ކަމަށް ބުނެ."

ރޯމާގެ ސްޕޯޓިން ޑައިރެކްޓާ މޮންޗީ ބުނީ، ގުރޫޕްގައި އޮތް އެންމެ އުނދަގޫ ޓީމަކަށް ވާނީ އެތުލެޓިކޯ ކަމަށެވެ.

"އެ ޓީމަކީ ޗެމްޕިއަންސް ލީގް ވަރަށް ރަނގަޅަށް އެނގޭ ޓީމެއް އަހަރެން ދެކޭ ގޮތުގައި ޗެލްސީއަށް ވުރެ އެތުލެޓިކޯ މެޗު އުނދަގޫ ވާނެ." މޮންޗީ ބުންޏެވެ.