މިދިޔަ އާދިއްތަ ދުވަހަކީ، ޔޫރަޕްގެ ފުޓްބޯޅައިގައި ތަފާތު ދުވަހެކެވެ. ޔޫރަޕްގެ އެންމެ ބޮޑު އެއް ލީގް ކަމަށްވާ ޖަރުމަންގެ ބުންޑެސް ލީގާގެ މެޗެއްގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީ އަކު މެޗަށް އިންސާފު ކުރި ދުވަހެވެ. އެ ޝަރަފު ހޯދި ރެފްރީ އަކީ ޖަރުމަންގެ ބިބިއާނާ ސްޓެއިންހައުސް އެވެ.
ޖަރުމަންގެ ޕޮލިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ސްޓެއިންހައުސް 38 އަކީ ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ އެވެ. އޭނާ އަށް އިންސާފު ކުރަން ޖެހުނު މެޗަކީވެސް ޖަރުމަންގެ ފުޓްބޯޅައިގައި ވަރުގަދަ ކުރިމަތި ލުމުކެވެ. ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ހާތާ ބާލިން އާއި ވާޑާބްރޭމަން ކުޅުނު މެޗަށެވެ.
މި ސީޒަންގެ ބުންޑެސް ލީގާގެ މެޗުތަކުގައި ރެފްރީކަން ކުރާނެ، ރެފްރީންގެ ލިސްޓް އެކުލަވާލިއިރު، ޖަުރުމަންގެ ފުޓްބޯޅަ އިދާރާގެ ރެފްރީސް ޑިޕާޓްމެންޓުން އެކުލަވާލި ލިސްޓްގައި، ސްޓެއިންހައުސް ވަނީ ހިމަނާފަ އެވެ. އެހެންވެ، ޖަރުމަން ލީގްގެ ދެ ހާފުގައިވެސް އޭނާ އަށް މެޗުތަކަށް އިންސާފު ކުރަން ފުރުސަތު ލިބޭނެ އެވެ.
ދެހާސް ހަތް ވަނަ އަހަރު ރެފްރީ ކަން ކުރަން ފެށި، ސްޓެއިންހައުސް ވަނީ މީގެ ކުރިން އަންހެންނުންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި މެޗުތަކުގައި ރެފްރީކަން ކޮށްފަ އެވެ. އެގޮތުން މިއަހަރުގެ އަންހެން ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި އޭނާ ވަނީ ރެފްރީކަން ކޮށްފަ އެވެ. ދެހާސް ބާރަ ވަނަ އަހަރު ބޭއްވި ލަންޑަން އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ ފައިނަލުގައިވެސް ސްޓެއިންހައުސް ރެފްރީކަން ކޮށްފައި ވެއެވެ. އަދި އަންހެން ވޯލްޑްކަޕްގައިވެސް ރެފްރީކަން ކޮށްފައި ވެއެވެ.
ޖަރުމަންގެ އެންމެ ބޮޑު ލީގްގައި ރެފްރީކަން ކުރުމުގެ ކުރިން، ސްޓެއިންހައުސް ވަނީ ޖަރުމަންގެ ދެ ވަނަ ޑިވިޝަންގެ ލީގްގައި ރެފްރީކަން ކޮށްފަ އެވެ. އޭނާ ވަނީ ދެ ވަނަ ޑިވިޝަންގެ 80 މެޗުގައި ރެފްރީކަން ކޮށްފަ އެވެ.
"ބުންޑެސް ލީގާގެ ފުރަތަމަ މެޗަށް ނިކުންނައިރު އަހަރެން ދެކެނީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި،" މެޗަށް ނިކުތުމުގެ ކުރިން ޖަރުމަންގެ ފުޓްބޯޅަ އިދާރާގެ ވެބްސައިޓް ސްޓެއިންހައުސް ބުނެފައި ވެއެވެ. "އަހަރެން ދެކެނީ ވަރަށް ބޮޑު ޗެލެންޖެއްގެ ގޮތުގައި އަހަރެން މިހުރީ އުފަލާއެކު އެ ޗެލެންޖާ ކުރިމަތިލާން، މިއީ އަންހެން ރެފްރީންގެ ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަހަރެންގެ ފަހަތުގައިވާ އަހަރެންގެ އާއިލާއަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް."
ސްޓެއިންހައުސް މީގެ ކުރިން ވަނީ ޖަރުމަން ކަޕްގެ މެޗުތަކުގައި ރެފްރީކަން ކޮށްފަ އެވެ. ވަރުގަދަ ބަޔާން މިޔުނިކްގެ މެޗުތަކުގައިވެސް ޖަރުމަން ކަޕްގައި އިންސާފު ކުރި އެވެ.
މިދިޔަ އަހަރު އާންމުވި ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި ވިލާތުގެ ކުރީގެ އެއް ވަނަ ރެފްރީ ހަވަޑް ވެބްއާ، ސްޓެއިންހައުސްއާ ދެމެދު ލޯބީގެ ގުޅުމެއް އުފެދުނެވެ. ހަވަޑްވެބް ވަނީ ސްޓެއިންހައުސް ރެފްރީކަން ކުރި ބައެއް މެޗުތައް ބަލަން ސްޓޭޑިއަމްއަށްވެސް ގޮސްފަ އެވެ.