މިޔަންމާގެ ރަކީން ސްޓޭޓްގައި ހާލުގައި ޖެހިފައިވާ ރޯހިންޔާ ދަރިކޮޅުގެ މީހުންނަށް ޓަކައި އަވަށްޓެރިންގެ ހައިސިއްޔަތުން އުފުލަަން ޖެހޭ ޒިންމާ ބަންގްލަދޭޝުން އުފުލަން ޖެހޭ ޒިންމާ އުފުލާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝައިޚު ހަސީނާ ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ކުޓޫޮޕަލޯންގް ނަމަކަށް ކިޔާ ސަރަހައްދުގައި ރޯހިންޔާ ދަރިކޮޅުގެ މީހުންނަށް ޓަކައި ގާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕަށް ކުރެއްވި ޒިޔާރަތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހަސީނާ ވިދާޅުވީ ރޯހިންޔާ މީހުން ތަހަމައްލުކުރަމުންދާ ފަދަ އަނިޔާވެރިކަން ބަންގްލަދޭޝް މީހުން ވެސް ކުރިން ތަހަމައްލުކޮށްފައިވާ ކަމަށެވެ.
"..1971 ވަނަ އަހަރުގެ އަނިޔާވެރި އަމަލުތައް ދެކެފައި ނުވާ އެތައް ބަޔަކު މިއަދު މިތަނުގައި އެބަތިބި. އެކަމަކު އަހަރެމެން ވަަނީ އެކަން ދެކެފައި. އަހަރެމެން އެހަނދާންތައް ބޭނުންކުރާނީ ރޯހިންޔާ މީހުން ( އެވޭން) އިތުރަށް ތަހަމައްލު ކުރަން ނުޖެހޭނެކަން ކަށަވަރު ކުރުމަށް،" ހަސީނާ ވިދާޅުވި ކަަމަށް ބަންގްލަދޭޝްގެ ޑާކާ ޓްރައިބިއުން ނޫހުގެ ހަބަރުގައި ވެއެވެ.
ހަސީނާ ވިދާޅުވީ ރޮހިންޔާ މީހުންނަށް އެހީވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ބަންގްލަދޭޝުން ކުރާނެ ކަަމަށެވެ. އަދި ރޯހިންޔާ ދަރިކޮޅުގެ މީހުންނާ އަނބުރައި އެމީހުންގެ ވަޒަނަށް ގެންދިއުމަށް ބައިނަލް އަގުވާމީ މުޖުތަމައުން މިޔަންމާއަށް ފިއްތުންތައް ކުރިމަތިކުރުމަށް ހަސީނާ ގޮވައި ލެއްވިއެވެ.
ބަންގްލަދޭޝްގައި ތިބި ރޯހިންޔާ މީހުންނަށް ހިޔާވަހިކަމާއި ކާބޯތަކެތި ވަނީ ފޯރުކޮށްދެވިފައި. ބައިނަލް އަގުވާމީ މުޖުތަމައަށް އަހަރެން ގޮވައިލަން، ރޯހިންޔާ މީހުން އަނބުރައި ގައުމަށް ގެންދަން މިޔަންމާ ސަރުކާރަށް ބާރުއަޅަން. އަވަށްޓެރިންގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާ އަހަރެމެން އަދާކުރާނަން،" ހަސީނާ ވިދާޅުވިއެވެ.
ބަންގްލަދޭޝް މީހުން 1970 ވަނަ އަހަރު ތަޖުރިބާ ކުރި އަނިޔާވެރިކަމުގެ ގޮތުގައި ހަސީނާ ސިފަކުރައްވާފައި އެވަނީ އެގައުމު މިނިވަންވި ހަނހގުރާމައިގައި ޕާކިސްތާނު ސިފައިން ހިންގި ކަމަށް ބަންގްލަދޭޝުން ބުނާ ޖަރީމާތަކެވެ.
ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓް އާއްމުންނާއި އެގައުމުގެ ސިފައިން ދަނީ 2012 ވަނަ އަަހަރުން ފެށިގެން ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުންް މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް ހިންގާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފައެވެ.
ރަކީން ސްޓޭޓްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ފެށުނީ ރޯހިންޔާ ދަރިކޮޅުގެ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ދިން ހަަމަލާތަކަކާ ގުޅިގެންނެވެ. އެހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ވަނީ ރޯހިންޔާ ދަރިކޮޅުގެ އާއްމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ. އެގޮތުން އާއްމުންގެ އެތައް ބަޔަކު މަރާލައި އެތައް އަވަށެއް ވަނީ އަންދާލާފައެވެ. އެކަންތައްތަކުން ސަލާމަތް ވުމަށް ބަންގްލަދޭޝަށް ދިޔަ މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް ތިން ލައްކައަށް އަރާފައެވެ.