ރިޕޯޓް

ޞުކޫކު ގަނެގެން އޮތީ ކޮން ފައިދާއެއް؟

  • މެދު ފަންތީގެ ގެދޮރު އަޅަން ފައިނޭންސް ކުރާނެ
  • ޝަރިއާ ހުއްދަ ކުރާ އިންވެސްޓްމަންޓެއް
  • ބޮޑު ފައިދާއެއް، އާއްމު މީހުންނަށް ޞުކޫކް ގަނެވޭ

އިންވެސްޓްކޮށްގެން ފައިދާ ހޯދި ދާނެ "މާލީ ޕްރޮޑަކްޓްތައް" ރާއްޖޭގައި ވަރަށް މަދެވެ. ހާއްސަކޮށް ވަކިވަކި ފަރުދުންނަށް އޮތް ފުރުސަތު ވަރަށް ހަންޏެވެ. ރާއްޖޭގައި މި ދާއިރާގައި މި ވަގުތު ހުރި ބައެއް ފުރުސަތުތަކުގެ ތެރޭގައި ވިޔަފާރި ބޭންކްތަކުގައި ފައިސާ ޑިޕޮސިޓް ކުރުމާއި ތަކާފުލް ޕްރޮޑަކްތައް ހިމެނެ އެވެ. ސުވާލަކީ މި ހުރިހާ ޕްރޮޑަކްޓްތަކާ އަޅާބަލާއިރު ޞުކޫކުގެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ޞުކޫކުގެ ގަނެގެން ރައްޔިތު މީހާ އަށް އޮތީ ކޮން ނަފާއެއް ހެއްޔެވެ؟

"ޞުކޫކުގެ ތަފާތަކީ މި ވަގުތު މާކެޓުގައި ހުރި މާލީ ޕްރޮޑަކްޓްތަކާ އަޅާ ބަލާއިރު ލިބޭ ފައިދާ ބޮޑުވުން. އަނެއް ކަމަކީ ޝަރީއާ ހުއްދަކުރާ ނިޒާމެއްގެ ތެރެ އިން އިންވެސްޓްކޮށްގެން ފަރުދީ ގޮތެއްގައި ފައިދާ ލިބި އެފޯޑަބަލް ހައުސިން ހޯދުމަށް މަގު ފަހި ކުރެވުން،" މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ "އަވަސް" އަށް ވިދާޅުވި އެވެ.

"ޞުކޫކު"

ޞުކޫކް އަކީ އަރަބި ބަހުން ސެޓިފިކެޓަށް ކިޔާ ނަމެކެވެ. މި ޒަމާނުގައި ޞުކޫކް ބޭނުން ކުރެވެނީ އިސްލާމިކް ފައިނޭންޝަލް އިންސްޓްރޫމަންޓެއް ނުވަތަ މާލީ ކަރުދާހެއްގެ ގޮތުގަ އެވެ. ޞުކޫކް ގަތުމަކީ މީގައި އިންވެސްޓް ކުރުމެވެ. ޞުކޫކް ކޮންމެ ސެޓިފިކެޓަކުން ވެސް އެ ގަންނަ ފަރާތަކަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން ޞުކޫކް ގެ ފައިދާ ލިބޭނެ އެވެ. މިސާލަކަށް އެޗްޑީއެފްސީ "މުޟާރަބާ ޞުކޫކް" ސެޓިފިކެޓެއް ފަސް ސަތޭކަ ރުފިޔާ ދިނުމަށްފަހު ގަނެފި ނަމަ، އެ ސެޓިފިކެޓް ގަންނަ ފަރާތަށް ދިހަ އަހަރު ނިމެންދެން އަހަރަކު ދެ ފަހަރު ޞުކޫކް ފައިސާ ބޭނުންކޮށްގެން އެޗްޑީއެފްސީ އަމްނާ އަށް ލިބޭ އާމްދަނީގެ 65 ޕަސެންޓް ޞުކޫކް ގަތް ފަރާތްތަކުގެ މެދުގައި ބެހޭނެ އެވެ. އެހެންކަމުން ޞުކޫކް ސެޓިފިކެޓް ގަތުމަކީ ކުރެވޭ އިންވެސްޓުމަންޓެކެވެ.

ރާއްޖޭގައި ފުރަތަމަ ޞުކޫކެއް އިޝޫކޮށްފައިވަނީ ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް (އެޗްޑީއެފްސީ) އިންނެވެ. އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ "އަމްނާ" އިން ފުރަތަމަ ޞުކޫކް ވިއްކާފައިވަނީ 2013 ވަނަ އަހަރު އެވެ. އެ ކުންފުނިން 500ރ. ގެ މަގުން ޞުކޫކް ވިއްކަން އެ ފަހަރު ހުޅުވައިލީ 50 މިލިއަން ރުފިޔާ ހޯދުމަށެވެ. އެ ފަހަރު ސްކޫކް ގަނެފައިވަނީ 467 ފަރާތަކުންނެވެ. އަދި އެ ފަހަރު ލިބުނީ 22 މިލިއަން ރުފިޔާ އެވެ. މި ފަހަރު، އަމްނާ އިން ޞުކޫކް ވިއްކަނީ 1،000 ރުފިޔާ އަށެވެ. މި ފަހަރު ޞުކޫކް ވިއްކަކީ 150 މިލިއަން ރުފިޔާ ހޯދާށެވެ. މިގޮތުން 10 އަހަރަށް އިންވެސްޓް ކުރުމަށް ހުޅުވާލާ މި ފުރުސަތުގައި އާންމުންނާއި ކުންފުނި ތަކަށް ވެސް ޞުކޫކް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.

އަމްނާގެ ކުރިއެރުން: ޔަގީން ކަމެއް

ދެން އުފެދޭ ސުވާލަކީ އެޗުޑީއެފްސީ ޞުކޫކް ވިއްކާ "އަމްނާ" އަކީ މާލީ ގޮތުން ރާއްޖޭގައި ކިހާ ބުރަދަނެއް ހުރި ބައެއް ހެއްޔެވެ؟ އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ އަމްނާގެ މާލީ ގާބިލްކަން ހުރީ ކިހާ ވަރެއްގައި ހެއްޔެވެ؟ އަމްނާއިން މިހާތަނަށް އިސްލާމިކް ފައިނޭންސްގެ ހަތަރު ޕްރޮޑަކްޓެއް ނެރެފައިވެ އެވެ. އަމްނާގެ ޖުމްލަ ފަންޑުގެ އަދަދަކީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 274 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 186 މިލިއަން ރުފިޔާއާ އަޅާބަލާއިރު 47.31 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި އެ ކުންފުނީގެ ޖުމްލަ އާމްދަނީ މިދިޔަ އަހަރު ޖޫން މަހު ހުރީ 9.9 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މި އަދަދުވަނީ 16 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ 60 ޕަސެންޓުގެ އިތުރުވުމެކެވެ. އެހެންކަމުން ޞުކޫކް ގަންނަ މީހަކަށް މިއީ ލިބޭނެ އެންމެ ބޮޑު ޔަގީން ކަމަށްވާނެ އެވެ.

އެހެން މާލީ ޕްރޮޑަކްޓްތަކާއި ޞުކޫކް!

ރާއްޖޭގައި ޞުކޫކް ނޫން ވެސް ބައެއް މާލީ ވަސީލަތްތައް އެބަހުއްޓެވެ. މިގޮތުން އާއްމު ފަރުދުންނަށް އެންމެ ދަންނަ އެކައްޗަކީ ކުންފުނި ތަކުން ވިއްކާ ހިއްސާ އެވެ. މިހާރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައި ހަ ކުންފުންޏެއް އެބައޮތެވެ. ނަމަވެސް މި ކުންފުނިތަކުގެ ތެރެއިން ހިއްސާގެ ފައިދާ ބަހަނީ މަދު ކުންފުންޏަކުންނެވެ. ހިއްސާގެ ފައިދާ އަށް ބަލާއިރު މިކަން ކުރަން އަހަރީ އާއްމު ޖަލްސާ އިން ނިންމައިގެން ނޫނީ އެ ކަމެއް ނުވާނެ އެވެ. ދެން އޮތީ ސަރުކާރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) އެވެ. ރާއްޖޭގައި ވަކިވަކި ފަރުދުންނަށް ޓީ-ބިލަށް އިންވެސްޓް ކުރުމުގެ ފުރުސަތެއް އަދި ނެތެވެ. ޓީ-ބިލަށް ބަލާއިރު އިންޓްރެސްޓް ރޭޓް އުޅެނީ 4.9 ޕަސެންޓުގަ އެވެ. މި ރޭޓާ އަޅާބަލާއިރު ވެސް ޞުކޫކް ވެގެންދާނީ ރަނގަޅު އިންވެސްޓްމަންޓަކަށެވެ. ޞުކޫކް އަށް އިންވެސްޓް ކުރުމުން ފައިދާގެ ގޮތުގައި 8.4 ޕަސެންޓް ލިބެ އެވެ. އެހެންކަމުން ޞުކޫކް ވެގެން މިދަނީ މިގތަށް ވިސްނާއިރުވެސް އެންމެ ބޮޑު ފައިދާއެއް ލިބޭ ކަމަށެވެ. ހަމަޔަގީނުންވެސް މިއީ ޞުކޫކް ގަންނަ ވަކިވަކި ފަރުދުންނަވެސް ލިބޭނެ ޔަގީން ކަމަކަށްވާނެ އެވެ.

ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ، ޑރ. މުނީޒާ ވިދާޅުވީ އިސްލާމިކް ފައިނޭންސް ނޫން ޕްރޮޑަކްޓްތަކާ ބެލި ވެސް ޞުކޫކްގެ ފައިދާ ބޮޑުވާނެ ކަމަށެވެ.

"ބޭންކެއްގައި ފައިސާ ބެހެއްޓުމުން. ޝޯޓް ޓާމްގައި ބަހައްޓައިގެން އޭގެ ރިޓާން މި ދެނީ. އެކަމަކު އަޅުގަނޑުމެން މި ކުރަނީ ރަނގަޅު ފައިދާއެއް ލިބޭ ވިޔަފާރިއެއް. އެހެންވެ މީގެ ނޭޗާ އަށް ބެލި ނަމަވެސް ފައިދާ ބޮޑު،" ޑރ. މުނީޒާ ވިދާޅުވި އެވެ.

"ޞުކޫކްއަކީ ރީޓެއިލް އިންވެސްޓަރަކަށް ބެލިނަމަވެސް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ކަމެއް."

އެޗުޑީއެފްސީގެ ޞުކޫކްއަކީ ދުރު ރާސްތާ އާއި ކުރު މުއްދަތަކަށް ބަލާނަމަވެސް ރަނގަޅު ފައިދާއެއް ލިބޭނެ އިންވެސްޓްމަންޓަކަށްވާނެ އެވެ. ޞުކޫކްގެ ފައިދާ ކޮންމެ ހަ މަހަކުން ބަހާނެ އެވެ.

ރާއްޖެ އުޅެނީ ކުރީގަ!

އިސްލާމިކް ފައިނޭންސުގައި ދުނިޔޭގެ މައި ހަބަކީ މެލޭޝިޔާ އެވެ. އެ ގައުމަށް ބެލި ނަމަވެސް ރީޓެއިލް އިންވެސްޓަރުންނަށް ޞުކޫކްގައި އިންވެސްޓްކުރަން ހުޅުވައެއް ނުލަ އެވެ. ރާއްޖޭގައި ހުޅުވައިލުން ވެގެން މި ދަނީ ދުނިޔޭގައި މިގޮތަށް ފުރަތަމަ ފަހަރަށް ޞުކޫކް ވިއްކުމަށެވެ.

މުނީޒާ ވިދާޅުވީ އެހެން ގައުމުތަކުގައި ޞުކޫކް ވިއްކަނީ ވަރަށް ބިޔަ މަޝްރޫއު ތަކަށް ފައިސާ ހޯދުމަށް ކަމަށެވެ.

"ޞުކޫކް މި އިންނަނީ 10 އަހަރު. މި މުއްދަތުގައި ޞުކޫކް ގަންނަ މީހާ ބޭނުންވަނީ ވިއްކާލަން. އެހެވެއްޖެނަމަ މޯލްޑިވްސް ސްޓޮކްސް އެކްސްޗޭންޖުގައި ޞުކޫކް ވިއްކާލުމުގެ ފުރުސަތު ވެސް ރާއްޖޭގައި އޮންނާނެ. ރާއްޖޭގައި އުޅޭ ބޭރު މީހުންނަށް ވެސް ޞުކޫކްގައި އިންވެސްޓް ކުރެވިދާނެ،" މުނީޒާ ވިދާޅުވި އެވެ.

"ދުނިޔެ އަށް ބަލާނަމަވެސް މިއީ ފުރަތަމަ ފަހަރު ސެކަންޑް ކްލާހުގެ ހައުސިން އަށް ޞުކޫކްއެއް އިންވެސްޓްކުރާ ފުރަތަމަ ފަހަރު،" ޑރ. މުނީޒާ ވިދާޅުވި އެވެ.

އަޅާ ކޮންމެ ފިޔަވަޅެއްވެސް ރަނގަޅުވާން ޖެހެ އެވެ. މިގޮތުން މާލީ މުއާމަލާތެއް ހިންގައި ނަފާއެއް ހޯދާއިރު ވެސް މި ވިސްނުން ގެންގުޅެއް ޖެހެ އެވެ. މިގޮތަށް ވިސްނާނަމަ ޞުކޫކް މިވަނީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ފުރުސަތަށް ނޫނީ ނުވާނެ އެވެ.