ދެހާސް ހަތް ވަނަ އަހަރު ދުނިޔެއަށް ކުރިމަތިލި އިގްތިސޯދީ ހީނަރުކަމުގައި ހިއްސާގެ ބާޒާރުތައް އަޑި އަޅާލައި، ދުނިޔޭގެ ވަރުގަދަ މާލީ ނިޒާމުތަކަށް ލޮޅުން އަރުވާލި އެވެ. އެއާއެކު ބޮޑެތި ބައެއް ކުންފުނިތައް ބޭންކްރަޕްޓް ވެގެން ވެސް ދިޔަ އެވެ. ވަޒީފާތައް ގެއްލި ގިނަ ބަޔަކު ހާލުގައި ޖެހުނެވެ. ނަމަވެސް "ވޯލްޑް ފައިނޭންޝަލް ކްރައިސިސް" ގައި ވެސް އެންމެ އަސަރު ކުރުން ކުޑަ އެއް ނިޒާމަކަށްވީ އިސްލާމިކް ފައިނޭންސިން ނިޒާމެވެ. އޭގެ ނަތީޖާއަކީ ގިނަ ގައުމުތަކެއްގައި އިސްލާމިކް ފައިނޭންސުގެ މަގުބޫލުކަން އިތުރު ވެގެން ދިއުމެވެ.
މުސްލިމް ނޫން ގައުމުތަކުގައި ވެސް މި ނިޒާމަށް ދޮރުތައް ހުޅުވާލުމެވެ. ދުނިޔޭގައި މިހާރު އިސްލާމިކް ފައިނޭންސިން ދަނީ ހަލުވި ކުރިއެރުންތައް ހޯދަމުންނެވެ. ރާއްޖެ އަށް ވެސް އިސްލާމިކް ފައިނޭންސިން ތައާރަފުވެ، ކުރިއެރުންތަކެއް ހޯދި އެވެ. ނަމަވެސް ރާއްޖެއަކީ އިސްލާމިކް ފައިނޭންސިންގައި މި ސަރަހައްދުގެ މައި ހަބަކަށްވުމުގެ ލަނޑުދަނޑިއަށް ވާސިލްވާން އަދި ލައްކަ މަސައްކަތް ކުރަން ޖެހެ އެވެ. މި މަސައްކަތް އޮތީ ވަރަށް ދަށުގަ އެވެ. އެކަމަކު އިސްލާމިކް ފައިނޭންސިންގައި ރީޖަންގެ "ހަބަކަށް" ވާން ތާއަބަދު ވާހަކަ ދައްކަ އެވެ. އެކަމަށް އަމަލީ ސިފައެއް ނުގެނެވެ އެވެ.
"ރާއްޖޭގައި އިސްލާމިކް ފައިނޭންސް އެންމެ ރަނގަޅަށް ކުރި އަށް ގެންދެވޭނީ. ކައިރި ގައުމު ތަކަށް ބެލި ނަމަވެސް އެ މީހުންގެ އެކި ދީންތައް އޮތުމުން ދަތި ތަކެއް ހުރޭ. ރާއްޖެއަށް ދިމާވާ މައްސަލައަކީ އެކަށީގެންވާ ވަރަށް މި ދާއިރާއަށް އަހަމިއްޔަތުކަން ނުދެވެނީ. މެނިފެސްޓީގައި އޮތަސް އެ ކަމަށް އަހަމިއްޔަތުކަން ދެވޭ ތަނެއް ނުފެނޭ،" ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވަން ގިނަ މަސައްކަތް ތަކެއް ކުރައްވާ ޑރ އައިޝަތު މުނީޒާ ވިދާޅުވި އެވެ.
ދުނިޔޭގައި ބޮޑު ކުރިއެރުމެއް
އިސްލާމިކް ފައިނޭންސުގެ ދުވެލީގެ މައްޗަށް ތޮމްސަން ރޮއިޓާސް އިން އެކުލަވާލާފައިވާ ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގައި އިސްލާމިކް ފައިނޭންސްގެ ޖުމްލަ އެސެޓު ހުރީ 2.6 ޓްރިލިއަން ޑޮލަރުގަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރާ އަޅާ ބަލާއިރު މިދާއިރާއިން ވަނީ ހަ ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ. އަދި 2023 ވަނަ އަހަރު އަންނަން ވާއިރަށް އިސްލާމިކް ފައިނޭންސިންގެ ޖުމްލަ އެސެޓު ހަ ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އިސްލާމިކް ފައިނޭންސްގެ ބައިތަކަށް ބަލާއިރު އިސްލާމިކް ބޭންކިންގެ ކުރިއެރުން އުޅެނީ ފަސް ޕަސެންޓުގަ އެވެ. އަދި ތަކަފުލް އެސެސްޓްސްގެ ގްރޯތު ވެސް ފަސް ޕަސެންޓަށް ވުރެ މައްޗެވެ. އެހެންވެ މިއީ ރާއްޖެއަށް ވެސް ތަރައްގީ ކުރެވިދާނެ ދާއިރާއެއް ކަމަށް އިސްލާމިކް ފައިނޭންސުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ގަބޫލު ކުރެ އެވެ. ނަމަވެސް މަދުވަނީ އަމަލީ މަސައްކަތެކެވެ.
ރާއްޖެއިން ދައްކަނީ ހުސް ވާހަކަ
އިސްލާމިކް ފައިނޭންސުގެ ދާއިރާގައި ހަރަކާތްތެރިވާތާ ނުވަ އަހަރު ވެފައިވާ އަހުމަދު ރިޒާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ އިސްލާމިކް ފައިނޭންސިންގައި މި ސަރަހައްދުގައި ޕާކިސްތާނު ނަގާފައި އެންމެ ބޮޑަށް ކުރިއެރި ގައުމެވެ. ނަމަވެސް މި ދާއިރާ އެކަށީގެންވާ ގޮތެއްގައި ކުރިއަރައިގެން ނުދިޔައީ އެކަމަށް ބޭނުންވާ އެކަށީގެންވާ އޮނިގަނޑެއް ނެތުމުންނެވެ.
"ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމެއް. އެހެންވީމަ ރާއްޖެއަށް އެ ފަސޭހަ އެބައޮތް. ނަމަވެސް ރީޖަނަލް ހަބަކަށް ވާން ވާހަކަ ދެއްކުން ފިޔަވައި މިހާތަނަށް މަސައްކަތެއް ކުރެވޭ ތަނެއް ނުފެނޭ. އެ ޓާގެޓަށް ދާން ފުރަތަމަ ކަމަކީ މި ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަށް ގުޅިގެން އެކްޝަން ޕްލޭނެއް އެކުލަވާލުން. އެ ހިސާބުން ދެން އެނގެނީ ކުރިއަށްދާނެ ގޮތް ވެސް، އެކަމެއް ނުފެނޭ. ދައްކަނީ ވާހަކަ،" އިސްލާމިކް ބޭންކުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ރިޒާ ވިދާޅުވި އެވެ.
އާ ޕްރޮޑަކްޓަ ތަކެއް ބޭނުންވޭ
ރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްގީ ވެގެން ނުދިމުގައި އަނެއް ސަބަބެއް ކަމަށް މާހިރުން ގަބޫލު ކުރައްވަނީ ދިވެހިން އެންމެ ބޭނުންވާ ފައިނޭންސަލް ޕްރޮޑަކްޓްތައް ރާއްޖޭގައި ނެތުމެވެ. ރާއްޖޭގައި މިހާރު ހުރީ ހައުސިންގެ ޕްރޮޑަކްޓްތަކެވެ. އެހެންވެ މި ދާއިރާއަށް އާ ޕްރޮޑަކްޓްތަކެއް ވެސްް ބޭނުންވެ އެވެ.
މުނީޒާ ގަބޫލު ކުރައްވާ ގޮތުގައި މި ދާއިރާ އަށް އާ ޕްރޮޑަކްޓްތަކެއް ގެނެވިއްޖެނަމަ ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.
"އާ ޕްރޮޑަކްޓްތަކެއް ގެންނަންވީ، އިސްލާމިކް ކްރެޑިޓް ކާޑެއް ވެސް ބޭނުންވޭ. އަނެއްކާ އެސްއެމްއީ ފައިނޭންސިން ލިބޭނެ ވަސީލަތްތަކާއި އިސްލާމިކް ކްރެޑިޓް ފަންޑިން މިއީ ގެނެވިދާނެ ޕްރޮޑަކްޓް ތަކެއް. މިއީ އިތުރަށް ކުރިއަރައިގެންދާނެ ކަމެއް،" މުނީޒާ ވިދާޅުވި އެވެ.
މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވި ގޮތުގައި މި ދާއިރާ ކުރިއަރައި ފުޅާވެގެން ނުދާ އެއް ސަބަބަކީ ރާއްޖޭގެ މާލީ ނިޒާމާއި މި ދާއިރާ ވެސް ޅަފަތުގައި އޮތުމެވެ.
"އިސްލާމިމް ފައިނޭންސް ރާއްޖެއަށް ތައާރަފުވިތާ އަދި މާ ގިނަ ދުވަހެއް ނުވޭ. އެމްއައިބީ [އިސްލާމިކް ބޭންކް] އައި ފަހުން އިސްލާމިކް ފައިނޭންސް އެންމެ ބޮޑަށް މި ކުރިއަރައިގެން ދިޔައީ. އޭގެ ކުރިން މިއޮތީ އަމާނާ ތަކަފުލް. މި ދާއިރާ އަށް މިވީ އެންމެ 15 އަހަރު. މިއީ ޅަފަތުގައި އޮތް ދާއިރާއެއް. ކުރިއެރުން ނުލިބެއެކޭ ވެސް ބުނެވޭކަށް ނެތް. އެކަަކު ބޭނުންވާ ސްޕީޑުގައި ނުދޭ،" ޑީޑީ ވިދާޅުވި އެވެ.
ރަށު ޓޫރިޒަމް - އިސްލާމިކް ފްރެންޑްލީ ކޮންސެޕްޓެއް
މި ދާއިރާގެ މާހިރުން ނަޒަރުގައި ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ އިތުރުން އިސްލާމިކް ޓޫރިޒަމް ވެސް ފައްކާ ކުރެވިދާނެ އެވެ. ނަމަވެސް މިކަން ކުރުމުގެ ކުރިން ރާއްޖޭގައި ހަލާލް ސެޓިފިކޭޝަން ނިޒާމެއް ތައާރަފު ކުރުން މުހިންމުވެ އެވެ. ބޭނުމަކީ މިނިވަން ބޮޑީ އަކުން ބަލައި ސެޓްފިކެޓް އިޝޫ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އެހެން ވެއްޖެނަމަ މިހާރު ރާއްޖޭގައި އޮތް ގެސްޓްހައުސް ނުވަތަ ރަށު ޓޫރިޒަމް ސިނާއަތަކީ އިސްލާމިކް ފްރެޑްލީ ޓޫރިޒަމް ކޮންސެޕްޓެއްގެ ގޮތުގައި ދުނިޔެ އަށް މާކެޓު ކުރެވިދާނެ އެވެ. ދުނިޔޭގައި އިސްލާމިކް ފްރެންޑްލީ ޓޫރިޒަމްގެ މަގުބޫލުކަން ބޮޑެވެ. ނަމަވެސް ރާއްޖެއަށް މީގެ އެއްވެސް ފައިދާއެއް ނުނެގެ އެވެ.
އިސްލާމިކް ފައިނޭންސިގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި އިސްލާމިކް ފްރެންޑްލީ ޓޫރިޒަމް ތައާރަފު ކުރާއިރު، ކޮންމެހެން ވަކި ގައުމެއްގައި އޮންނަ ގޮތް ނަކަލު ކުރުން މުހިންމެއް ނޫނެވެ.
"ސައޫދީ އަރަބިއްޔާގައި އޮންނަނީ މިވެނި ގޮތަކަށޭ ބުނެ އެގޮތް ގެނައުން ވެސް މުހިންމެއް ނޫން. އެކަމަކު މީގައި މަޖުބޫރު ކަމެއް ސެޓްފިކޭޝަން. މިހާރު ހަލާލް ސެޓްފިކެޓް މި ދެނީ ހަމައެކަނި ރާއްޖޭން އެކްސްޕޯޓް ކުރާ މަހަށް. އެކަމަކު ގެސްޓްހައުސް އަށް ވެސް ހަލާލް ސެޓްފިކެޓް އިޝޫ ކުރެވޭނެ ނިޒާމެއް ހެދިދާނެ. އޭރުން ކުދިކުދި ބަދަލުތައް ގެނެސްގެން ބޭނުންވާ ކަންތައް ކުރެވިދާނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވި ގޮތުގައި ހަލާލް ސެޓްފިކެޓް އިޝޫ ކުރުމާއި އިސްލާމިކް ޓޫރިޒަމް ތަރައްގީ ކުރުން މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އެހެންވެ އެއީ އުންމީދެކެވެ.
"ގެސްޓްހައުސް ވިޔަފާރިއަކީ އިސްލާމިކް ފްރެންޑްލީ ޓޫރިޒަމްގެ ރަނގަޅު ކޮންސެޕްޓެއް. އެކަމަކު ބޭނުންވާނެ މިކަން ބަލަހައްޓާ ހަލާލް ސެޓްފިކެޓް އިޝޫ ކުރާނެ ނިޒާމެއް. އޭރުން އެގޮތުގައި ޕްރޮމޯޓް ކުރެވިދާނެ،" ޑީޑީ ވިދާޅުވި އެވެ.